މަގު ފުޅާކުރަން މާރުކޭޓާ އިންވެގެން އޮންނަ ފަޅު ބަންދުކޮށްފި

ބޮޑުތަކުރުފާނުމަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައި، ދަތުރުވެރިންގެ މާރުކޭޓާ އިންވެގެން އޮންނަ ފަޅު ބަންދުކޮށްފި އެވެ.
ތަފްސީލު - ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި މިއަދުން ފެށިގެން އެ މަސައްކަތް ހިނގާ މުއްދަތުގައި އެ ސަރަހައްދަށް ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ވަދެ ނުކުތުމާއި އެއްގަމު ތޮށި ބޭނުން ނުކުރުމަށް ވަނީ އަންގާފަ އެވެ.
ނަމަވެސް އެއީ ކިހާ މުއްދަތެއްކަން މިނިސްޓްރީން ނުބުނެ އެވެ.
އެނގުން މުހިންމު - ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މީގެ ކުރިން 'ދައުރު'އަށް ދެއްވި ބަސްދީގަތުމެއްގައި ބޮޑުތަކުރުފާނުމަގު ފުޅާކުރަން މި ސަރުކާރުން ގެންގުޅޭ ވިސްނުން ވަނީ ހިއްސާކުރައްވާފަ އެވެ.
"އަސްލު ބޭނުންވަނީ [ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން] ދާ ގޮތަށް ގޮސް މާލޭ ކޮމާޝަލް ހާބަރާ ހަމައަށް ފުޅާކޮށްފައި، ދެ ކޮޅަށް ދުއްވޭ މަގަކަށް ބަދަލުކުރަން މުޅި މާލޭގެ ރިންގް ރޯޑު،" މުއްތަލިބު ވިދާޅުވި އެވެ.
"އެކަމަކު މި ވަގުތުން ވަގުތަށް ވެސް އަޅުގަނޑުމެން ބޭނުންވަނީ ފަށަން، ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ގޮސް އެމްއެމްއޭ ހިސާބުގައި ހުންނަ ވަގުތީ މަސް މާރުކޭޓާ ހަމައަށް ފުޅާކުރަން،" މުއްތަލިބު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ