ރިސޯޓް ލީގުގެ ފެންވަރު މަތި: ހައިބަތު ބޮޑުވީ މީހުންގެ އިތުބާރުން ރިސޯޓް ލީގުގެ ފެންވަރު މަތި: ހައިބަތު ބޮޑުވީ މީހުންގެ އިތުބާރުން

ދިހަ އަހަރަށް ވުރެ ގިނަ ދުވަހު އެއް އަޒުމެއްގައި، އެއް މަސައްކަތެއްގައި ދެމިހުރެ ފިޔަވަޅުތަކެއް ކުރިއަށް އެޅޭނީ ވަރަށް ކެރިގެން ހިކުމަތްތެރިކަމާ އެކު އެ ކަމެއް ކުރެވިގެންނެވެ. ތެދުވެރިކަމާ އެކު ކުރާ މަސައްކަތުން، މީހުންގެ އިތުބާރު ވެސް ހޯދައިގެންނެވެ.
ރާއްޖޭގެ އިގްތިސާދީ ސިނާއަތް އެންމެ ބޮޑަށް ބަރޯސާވެފައި އޮތް އެއް އިންޑަސްޓްރީ ކަމަށްވާ ޓުއަރިޒަމްގައި، ހިމެނޭ އެކި ފަންތީގެ ރިސޯޓްތަކުގެ ސްޓާފުން، ރާއްޖޭގައި އެންމެ މަގުބޫލު ކުޅިވަރު ފުޓްސަލްގެ ވާދަވެރިކަން ވަޒަންކޮށްލަން ލިބޭ ބޮޑު މުބާރާތަކީ، ރިސޯޓް ލީގެވެ.
މީގެ ގިނަ އަހަރުތަކެއް ކުރިން، ރިސޯޓް ލީގުގެ ފައުންޑަރު، އިއުމާޒު ނަސީރުގެ އިސްނެގުމާ އެކު ފެށި މި މުބާރާތަކީ، އެތައް ރިސޯޓެއް ކޮންމެ އަހަރެއްގައި ވެސް އިންތިޒާުކުރާ އިވެންޓަކަށް މި ވަނީ ވެފަ އެވެ. މިއީ، ވަރަށް ގިނަ އަހަރުތަކެއްގެ ބުރަ މަސައްކަތުގެ ނަތީޖާ އެވެ.
"ރިސޯޓް ލީގު ފެށިގެން މި އައީ 2013 ވަނަ އަހަރު، މިހާރު 15 ވަރަކަށް އަހަރު ވީ މުބާރާތް ކުރިއަށްދާތާ ޖުމްލަ ގޮތެއްގައި އަހަރުން އަހަރަށް މުބާރާތް ދަނީ، ކުރިއަށް، ޓީމުތައް ވެސް ދަނީ އިތުރުވަމުން، މިހާރު ދެތިން އަހަރު ވެއްޖެ، 50 ރިސޯޓަށް ވުރެ ގިނައިން މުބާރާތުގައި ބައިވެރިވާތާ، ހައެއްކަ މަސް ދުވަސް ވަންދެން، މުޅި މުބާރާތުގެ އޯވައޯލް ޝެޑިއުލް އޮންނާނެ. ދެން، އެހެންވީމަ، ބައިވަރެއް މެޗުތައް މުބާރާތް ތެރޭ މި އޮންނަނީ،" ބ. އަތޮޅު ޒޯނުގެ މެޗުތައް ކުރިއަށްދިޔަ ދުވަސްވަރުގެ ތެރޭގައި، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުގައި އިއުމާޒު ވިދާޅުވި އެވެ.
"ފެށިގެން، އައިއިރު، ފުދޭ ވަރަކަށް ޓީމުތައް މަދުކޮށް އޮތީ ދެން، އެކަމަކު، މުބާރާތުގެ ތަރުހީބު ބޮޑުވަމުން އައިސް، މި ހިސާބަށް މުބާރާތް މި އައީ،"
ރިސޯޓް ލީގަކީ މިހާރު ރިސޯޓްގެ ކުޅިވަރު ކަލަންޑަރުގައި ހިމެނޭ މުބާރާތެކެވެ. އަދި، ހުރިހާ ރިސޯޓަކުން ވެސް ވަރަށް ދުރާލައި، މި މުބާރާތަށް ތައްޔާރުވާއިރު، ރިސޯޓްތަކުން ހަ މަސް ކުރިން މުބާރާތަށް ފޯކަސްކޮށްގެން ކަންކަން ރާވަން ފަށަ އެވެ.
ރާއްޖޭގައި އެންމެ ގިނައިން ބޭއްވޭ މުބާރާތަކީ، ފުޓްސަލް އެވެ. އެކިއެކި މުނާސަބަތްތަކާ ގުޅުވައިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްސަލް މުބާރާތް ބާއްވަ އެވެ. މުބާރާތެއް ނުހިނގާ އިރެއް ނުދެ އެވެ. ހަމަ އެ ގޮތަށް ރިސޯޓް ލީގަކީ ވެސް އަހަރުގެ ދެ ބައިކުޅަ އެއް ބައިގެ މުއްދަތެއްގައި ކުރިއަށްދާ ފޯރިގަދަ މުބާރާތެކެވެ.
ނިސްބަތުން ބަލާއިރު، ރާއްޖޭގެ ބޮޑެތި ގިނަ މުބާރާތްތަކުގައި މަޝްހޫރު ގިނަ ކުޅުންތެރިން ކުޅެ އެވެ. އެކަމަކު، ރިސޯޓް ލީގުގައި ކުޅެވޭނީ، ރިސޯޓެއްގެ ވަޒީފާގައި އުޅޭ މުވައްޒަފަކަށް އެ ރިސޯޓެއް ތަމްސީލްކުރާ ގޮތަށެވެ. މި ހެން އޮތް ގަވާއިދަކުން މުބާރާތް ކުރިއަށްދާއިރު ވެސް ފުޓްސަލްގެ ހުނަރު މި މުބާރާތުން ފެންނަ ނިސްބަތަށް ބަލާއިރު ކުޑައެއް ނޫނެވެ.
"ރިސޯޓްތަކުގައި އަނެއްހެން ބުނަންޏާ ކުޅުންތެރިންގެ ޓެލެންޓަށް ބަލާއިރު، ވަރަށް ޓެލެންޓެޑް ކުދިން އެބަތިބި. މުބާރާތުގެ ގަވާއިދު ހެދިފައި އޮންނަ ގޮތުން، ބައެއް ފަަހަރު، ރިސޯޓްތަކުގައި ޖެނުއިންލީ އުޅޭ ކުދިން ނޫނީ މުބާާރާތުގައި ނުއެއް ކުޅެވޭ ފަހަރެއްގައި، ބޮޑެތި އެހެން މުބާރާތްތަކުގައި ނުފެންނަ ކުޅުންތެރިން ގިނަ ފަހަރު މީގެ ފެންނާނީ،" އިއުމާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގަވާއިދުގައި ހުންނާނެ ފުޓްސަލްއާ ގުޅޭ ފުޓްސަލްގެ ވަރަށް މުހިންމު ގަވާއިދުތައް ހިމަނާފައި، ޖުމްލަ ގޮތެއްގައި މުޅި ފުޓްސަލްގެ ޑިވެލޮޕްމަންޓަށް އަޅުގަނޑުމެންނަށް ވެސް ފުދޭ ވަރެއްގެ ހެލްޕެއް ވެވޭ ކަމަށް ލަފާކުރެވެނީ،"
ރިސޯޓް ލީގު ހޯސްޓް ކުރުމުގައި، ރިސޯޓްތަކުން ދޭ އެއްބާރުލުން އިއުމާޒު ވަރަށް ބޮޑަށް ފާހަގަކުރެއްވި އެވެ. އަދި، ރިސޯޓް ލީގެއްގެ މެޗުތަކެއް ހޯސްޓް ކުރުން، އޮންނަނީ އެ ރިސޯޓެއް އެކަން ކުރަން ބޭނުންވާ ފެންވަރަށް ދޫކޮށްލައިފައި ނަމަވެސް، ރިސޯޓް ލީގުން ގަބޫލުކުރާ މުބާރާތުގެ ހައިބަތު ހިފެހެއްޓޭ މިންގަނޑަށް ފެތެން ޖެހެ އެވެ.
އިއުމާޒް ވިދާޅުވީ، ރިސޯޓް ލީގުގެ ޒޯނެއް ހޯސްޓް ކުރުމަކީ ހަގީގަތުގައި ވަރަށް ބޮޑު ކަމެއް ކަމަށެވެ. އަދި، ރިސޯޓް ލީގު ހޯސްޓް ކުރުމުގައި ބަލާ ކަންކަމުގެ ތެރޭގައި، އިއުމާޒު ފާހަގަކުރީ، އެ ރިސޯޓެއްގެ ބެކްގްރައުންޑާއި އެ ކަމަށް އޮންނަ ކުޅިވަރަށް އޮންނަ ބަޖެޓެއްގެ ގޮތުންނާއި ފެސިލިޓީސް އަށެވެ.
"އަޅުގަނޑުމެން ކޮންމެ އަހަރަކު ވެސް ރިވިއު ކޮށްލާނެ. ކޮންމެ ޒޯނަކުން ވެސް ހޯސްޓް ކުރަން އެދޭ ޓީމުތަކަށް އެ ތަންތަނުގެ ފެސިލިޓީސް ބަލައި، ޖުމްލަކޮށް މުޅި މުބާރާތަށް، ހުރި ކަންކަމަށް ބަލައި ހޯސްޓެއް ކަނޑައަޅަނީ. ހޯސްޓިންގައި މާ ބޮޑު ކޮމްޕެޓިޝަނެއް ނޯވޭ، އެ ރިސޯޓެއްގެ ކެޕޭސިޓީ ވައިސްކޮށް ކުރާ ކަމެއް ވީމަ، ކޮންމެ ސަރަހައްދެއްގައި ވެސް މި އޮންނަނީ އެއް ތަން ނޫނީ ދެ ތަން،" އިއުމާޒު ވިދާޅުވި އެވެ.
ގިނަ އަހަރުތަކެއް ވަންދެން ކުރިއަށްދާ މުބާރާތްތަކާ މެދު ގިނަ ފަރާތްތަކުން އެކި އުންމީދުތަކެއް ކުރެ އެެވެ. އަދި އެއް އަހަރުން އަނެއް އަހަރަށް މުބާރާތުގެ ފެންވަރު ރަނގަޅުވުމާއި މުބާރާތުގައި ހިމެނޭ ވަށައިޖެހޭ ކަންކަމުގައި ހަރުދަނާ ނިންމުންތައް ފެންނަން ޖެހެ އެވެ.
ރިސޯޓް ލީގު ޑިވެލޮޕްކުރުމުގައި މައިގަނޑު އަސާސެއްގެ ގޮތުގައި އިއުމާޒަށް ވެސް ގަބޫލުކުރެވިފައި އޮތީ އެ ގޮތަށެވެ. އެކަމަށް ދުރާލައި ތައްޔާރުވެ، ކަންކަމަށް ތައްޔާރުވެ، ހުރުމުގެ ގޮތުން، މުބާރާތުގެ ގަވާއިދު ހެދީ ހުރިހާ ކަނޑަކަށް ހެޔޮވަރުކޮށެވެ.
"އަޅުގަނޑުމެން ހަދާފައި އޮންނަ ގަވާއިދަށް އަޅުގަނޑުމެން ވެސް ވަރަށް ރެސްޕެކްޓް ކުރަން. ދެން، ހާދިސާތައް މެޗުތެރޭގައި ދިމާވާނެ، ދެން އެ އެއްޗެހީގައި ވެސް، އެއްވެސް ކަހަލަ ހާދިސާއެއް ނޯންނާނެ. މުބާރާތުގައި ދިމާވެދާނެ ހާދިސާއެއް މިސާލަކަށް ގަވާއިދެއް ލިޔެވިފައި ނެތް. އެހެންވީމަ، މުބާރާތުގެ ގަވާއިދު އެއީ ވަރަށް ފުރިހަމަކޮށް ހެދިފައި އޮތް ގަވާއިދެއް. އަޅުގަނޑުމެންގެ ސައިޑުން ވެސް ގަވާއިދަށް ވަރަށް ތަބާވާނެ،" އިއުމާޒު ވިދާޅުވި އެވެ.
މުބާރާތްތައް ޑިވެލޮޕްވަމުން އަންނަ ވަރަކަށް، މުބާރާތުގެ ހައިބަތު ބޮޑުކުރުމާއި މުބާރާތުގެ ތެރެއިން ހުޅުވޭ ފުރުސަތުތައް އިތުރު ކުރުމަކީ ވެސް މުހިންމު ކަމަކެވެ. ރިސޯޓް ލީގު ފުޅާކުރުމާއި ޓީމުތަކަށް އިތުރަށް ފުރުސަތުތަކެއް ދިނުމުގެ ގޮތުން، މީގެ ތިން އަހަރު ކުރިން ވުޖޫދުކުރީ ރިސޯޓް ސުޕަ ލީގެވެ. މިއީ، ޒޯންތަކުގެ ޗެމްޕިއަނުންގެ ގަދަހިފުމެވެ. މުޅި ރާއްޖޭގެ ހުރިހާ ރިސޯޓެއްގެ ޗެމްޕިއަނަށް ވުމަށްޓަކައި އޮންނަ މަގެވެ.
"ރިސޯޓް ސުޕަ ލީގަކީ، (ޒޯން ތަކުގެ) ޗެމްޕިއަންކަން ހޯދާ ކޮންމެ ޓީމެއްގެ ވެސް ޑްރީމެއް. ޗެމްޕިއަންކަން، ލިބޭ ޓީމުތަކުން އެ މުބާރާތަށް ވަރަށް ތައްޔާރުވޭ، ދެން، ސުޕީރިއާ މުބާރާތެއްގެ ގޮތުގައި ރިސޯޓް ސުޕަ ލީގު މި އޮންނަނީ. އެ މުބާރާތް މިހާރު ބާއްވާތާ މިއީ ތިން ވަނަ އަހަރު، ރިސޯޓް ލީގުގެ ހުރިހާ ޗެމްޕިއަނެއްގެ މެދުގައި ސުޕަ ލީގު މި ކުޅެވެނީ، ވަރަށް ކުރިއްސުރެން ވެސް ޕްލޭންކޮށްފައި އޮތް މުބާރާތެއް،" އިއުމާޒު ވިދާޅުވި އެވެ.
ރިސޯޓް ސުޕަ ލީގުގެ ގަވާއިދުގައި، ހޯމް އެންޑް އަވޭކޮށް މެޗުތައް ކުޅެން ހިމެނުމުން، އެންމެ ފުރަތަމަ އެ އަށް ހޭނުމުގައި ގޮންޖެހުންތަކެއް ދިމާވި އެވެ. އެކަމަކު، މަޑުމަޑުން މި ބަދަަލަށް ވެސް ހޭނި، ރިސޯޓްތަކުން މި ކަމަށް ވެސް ހައްލު ހޯދައި، އެކުގައި މަސައްކަތް ކުރަމުން އަންނާތީވެ، އިއުމާޒު އެކަން ވަރަށް ބޮޑަށް ފާހަގަކުރެއްވި އެވެ.
ބޮޑު މުބާރާތެއް ބޭއްވުމުގައި އެންމެ މުހިންމު އަސާސަކީ، އިހުތިރާމާ އެކު، ކެރިގެން ކުރާ މަސައްކަތެވެ. ރިސޯޓް ލީގުގެ ތަރައްގީން ފެނިގެންދަނީ، އިއުމާޒުއާ އެކު، އެ ކަމުގައި ހިއްސާވެގެން އަމިއްލަ ކަމެއްގެ ގޮތުގައި އެ މުބާރާތުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ. އެ މުބާރާތާ ގުޅޭ ކޮންމެ ކަމެއްގައި ވެސް ހަރުދަނާ އުސޫލުތަކެއް ހެދިފައި ހުރެ، އެ އަށް ބަލައިގެން ނިންމުންތައް ނިންމަ އެވެ.
ފަނަރަ ވަރަކަށް އަހަރު މުބާރާތެއް ބާއްވާއިރު، އެ ހުންނަ ގޮންޖެހުންތަކަށް ހައްލު ހޯދައިގެން ނޫނީ އަހަރުން އަހަރަށް ކުރިއެރުން ހޯދުން އުނދަގޫވާނެ އެވެ. ރިސޯޓް ލީގުން ކޮންމެ އަހަރެއްގައި ވެސް ތަފާތު ކަންތައްތަކެއް ފެނިގެންދާއިރު، އިއުމާޒުގެ ނަޒަރުގައި، ޖުމްލަކޮށް މިއީ މި މުބާރާތާ މެދު މީގެ ޝާމިލުވާ ހުރިހާ އެންމެންގެ ވިސްނުން ރަނގަޅުވުމުން ލިބޭ ކުރިއެރުންތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ