ނަޢަމްސޫފީގައި ޢިބުރަތެއް ވެއެވެ.
މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿وَإِنَّ لَكُمْ فِي الْأَنْعَامِ لَعِبْرَةً ...﴾ (المؤمنون: ٢١) މާނައީ: "އަދި ހަމަކަށަވަރުން، ނަޢަމުސޫފީގައި، ތިޔަބައިމީހުންނަށް ޢިބުރަތެއް ވާކަން ކަށަވަރެވެ." އުޑުތަކާއި ބިމާއި އެ ދެމެދުގައިވާހައި އެއްޗެއް އުފެއްދެވި، ޚާލިޤުވަންތަ މާތް ﷲ، އެ ތަކެތީގައި އިންސާނުންނަށް ފިލާވަޅުތަކާއި ޢިބުރަތް ލެއްވިއެވެ. އޭނާގެ ވަށައިގެން ހިނގާ ކައުނަކީ އެފަދަ އެއް ފިލާވަޅެވެ. ޖައްވުގެ ހަރަކާތްތަކަކީ ބަލައިފި ކޮންމެ މީހަކަށް ކޮންމެ ދުވަހަކު ފެންނަން ހުރި ޢަޖާއިބެކެވެ. ހަމަ އެފަދައިން އަޅުގަނޑުމެންގެ ވަށައިގެން ދިރިއުޅޭ އެހެން މަޚުލޫޤާތްތަކަކީ ވެސް އެފަދަ ޢިބުރަތްތަކެއް ދައްކުވާ ތަކެއްޗެވެ. އޭގެ ތެރެއިން ނަޢަމްސޫފީގެ ވާހަކަ މާތް ﷲ ގެންނަވައިފައި ވަނީ އެ ތަކެތިން އަޅުގަނޑުމެން ކުރާ ބޭނުން ވަރަށް ތަފްޞީލުކޮށް ކިޔައިދެއްވަމުންނެވެ. އެއް އާޔަތެއްގައި ވެއެވެ. ﴿وَإِنَّ لَكُمْ فِي الْأَنْعَامِ لَعِبْرَةً نُّسْقِيكُم مِّمَّا فِي بُطُونِهَا وَلَكُمْ فِيهَا مَنَافِعُ كَثِيرَةٌ وَمِنْهَا تَأْكُلُونَ﴾ (المؤمنون: ٢١) މާނައީ: "އަދި ހަމަކަށަވަރުން، ނަޢަމުސޫފީގައި، ތިޔަބައިމީހުންނަށް ޢިބުރަތެއް ވާކަން ކަށަވަރެވެ. އެ ތަކެތީގެ ބަނޑުތެރޭގައިވާ ތަކެތިން، ތިޔަބައިމީހުންނަށް (ކިރުގެ) ބުއިމެއް ތިމަންރަސްކަލާނގެ ދެއްވަމެވެ. އަދި އެ ތަކެތީގައި، ގިނަވެގެންވާ މަންފާތައް ތިޔަބައިމީހުންނަށް ވެއެވެ. އަދި އެއިން ތިޔަބައިމީހުން ކައިއުޅެމުއެވެ." އައްނަޙްލު ސޫރަތުގައި ނަޢަމްސޫފީން އަޅުގަނޑުމެން ހިފާ އިތުރު ބޭނުންތައް ބަޔާންކުރައްވައި ވަޙީކުރެއްވިއެވެ. ﴿وَالْأَنْعَامَ خَلَقَهَا لَكُمْ فِيهَا دِفْءٌ وَمَنَافِعُ وَمِنْهَا تَأْكُلُونَ﴾ (النحل: ٥) މާނައީ: "އަދި އެކަލާނގެ ތިޔަބައިމީހުންނަށް ޓަކައި، ނަޢަމްސޫފި ހެއްދެވިއެވެ. ހީފިލުވުމާއި، އެހެނިހެން މަންފާތައް އެ ތަކެތީގައި ވެއެވެ. އަދި އެ ތަކެތިން ތިޔަބައިމީހުން ކައިއުޅެމުއެވެ." އަޅުގަނޑުމެންގެ އުނުއޮރިޔާން ނިވައި ކުރަނީ އެސޮރުމެންގެ ކެހެރިން ހަދާ އަންނައުނުންނެވެ. އެއީ އަޅުގަނޑުމެންގެ ހަންގަނޑު ފިނިން ސަލާމަތް ކުރުމަށް ޓަކައެވެ. އަދި އަޅުގަނޑުމެން ކައިއުޅެނީ އެ ތަކެތީގެ މަހެވެ. ނަޢަމްސޫފީގައި ރީތިކަމެއް ވާ ކަމާއި އެ ތަކެއްޗަށް ބަލައިގެން އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭނެކަން އަންނަނިވި އާޔަތުން އެނގެން އެބަ އޮތެވެ. ﴿وَلَكُمْ فِيهَا جَمَالٌ حِينَ تُرِيحُونَ وَحِينَ تَسْرَحُونَ﴾ (النحل: ٦) މާނައީ: "އެ ތަކެތި ހަވީރު (ނިދާތަނަށް) ގެންނަ ހިނދުގައްޔާއި، ހެނދުނު (ހުއިހައްޕަން) ނެރޭ ހިނދު، ތިޔަބައިމީހުންނަށް ޓަކައި އެ ތަކެތީގައި ރީތިކަމެއް ވެއެވެ." މި އާޔަތުގައި އަންގަވައިފައި އެ ވަނީ އެ ތަކެތި ގޮވައިގެން ހެނދުނާއި ހަވީރު އުޅޭ އުޅުމުގައި އިންސާނުންނަށް ހެކިވެވޭ ކަންތައްތަކެއްގެ ވާހަކައެވެ. އެ ތަކެއްޗަށް ބަލައިގެން ފޫހި ފިލާ ވާހަކައެވެ. ހިތްހަމަޖެހޭ ވާހަކައެވެ. އަޅުގަނޑުމެންގެތެރޭ އުފެދެމުންދާ ވަރަށް ގިނަ ނަފުސާނީ މައްސަލަތަކަށް އޮތް ހައްލެއް ކަމުގައި ޤުދުރަތީ މަންޒަރުތަކަށް ބެލުމާއި މަޚުލޫޤުތަކާ އެކު އުޅުން ހިމެނެއެވެ. އެ ގޮތުން ބައެއް މީހުން އެކިއެކި ޖަނަވާރު އޮޅުކޮށްގެން އެ މީހުންނާ އެކު ގެންގުޅެއެވެ. އޭގެން އެ މީހުން ހިތްހަމަޖެހުން ހޯދައެވެ. ނަޢަމްސޫފީގައި ލައްވައިފައި ވާ އަނެއް ޢިބުރަތަކީ އަޅުގަނޑުމެންގެ ދަތުރުފަތުރުގައި އެ ތަކެތި ލައްވައިފައި ވާ ވުމެވެ. އެއް ތަނުން އަނެއް ތަނަށް ދިޔުމަށް އެ ތަކެއްޗަށް ސަވާރުވުމުގެ އިތުރަށް ބަރު އެއްޗެތި އުފުލުމަށް ވެސް ނަޢަމްސޫފީގެ ބޭނުން އިންސާނުން ހިފައެވެ. އެއީ އެ ކަމަށް ޓަކައި އެ ތަކެތި އުފެއްދެވި އެއް މަޤްޞަދު ވެސް މެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ﴿وَتَحْمِلُ أَثْقَالَكُمْ إِلَىٰ بَلَدٍ لَّمْ تَكُونُوا بَالِغِيهِ إِلَّا بِشِقِّ الْأَنفُسِ ۚ إِنَّ رَبَّكُمْ لَرَءُوفٌ رَّحِيمٌ﴾ (النحل: ٧) މާނައީ: "އަދި ހަށިތަކަށް އުނދަގުލާއި، ވަރުބަލިކަންދީގެން މެނުވީ އެ ރަށަކާ ހަމައަށް ތިޔަބައިމީހުންނަށް ދެވޭ ކަމަށް ނުވާ ރަށަކަށް، އެ ނަޢަމްސޫފިތައް ތިޔަބައިމީހުންގެ ބުރަ ތަކެތި އުފުލައިދެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، ރަޙީމުވަންތަ ރަސްކަލާނގެކަން ކަށަވަރެވެ." އިލާހީ ކުޅަދުންވަންތަކަމުގެ ބޮޑުކަމާއެވެ. އިންސާނާގެ ޚިދުމަތުގައި އެ ނޫން މަޚުލޫޤުތައް ލެއްވެވީ އެ ތަކެތިން ބިރުވެތިކަމެއް އޭނާއަށް ނުލިބޭނޭ ގޮތުގައެވެ. އަދި ކިޔެއް އެ މަޚުލޫޤުންގެތެރެއިން އޭނާގެ ޙަޔާތަށް ބޭނުންޖެހޭ ތަކެތި އޭނާގެ ކިޔަމަނުގައި ލައްވައިގެން ވެސް މެއެވެ. އެ ތަކެއްޗަށް ބެލުމުން އެއިން ޒީނަތްތެރިކަން ވެސް ފެންނަ ގޮތުގައެވެ. އަސް ވެސް ހެއްދެވީ ﷲއެވެ. އަހަކީ ޗާލުކަން ހުސްކޮށްފައި ހުރި މަޚުލޫޤެކެވެ. އަދި ސިފައިގެ ގޮތުން އަހާ އެއްވައްތަރު އެހެން ޖަނަވާރުތައް ވެސް ލެއްވެވިއެވެ. އެކި އެތީގައި އެކި ބޭނުން ހިފޭ ގޮތަށެވެ. އެހެނަސް އަހާ އެއްވަރަށް ހިތްގައިމުކަން އެތަކެއްޗަށް ލިބިގެން ނުވެއެވެ. ﴿وَالْخَيْلَ وَالْبِغَالَ وَالْحَمِيرَ لِتَرْكَبُوهَا وَزِينَةً ۚ وَيَخْلُقُ مَا لَا تَعْلَمُونَ﴾ (النحل: ٨) މާނައީ: "އަދި އަހާއި، ބަޣަލާއި، ޙިމާރު ވެސް ހެއްދެވިއެވެ. އެއީ ތިޔަބައިމީހުން އެ ތަކެއްޗަށް ސަވާރުވުމަށާއި، އަދި ޒީނަތެއްގެ ގޮތުގައެވެ. އަދި ތިޔަބައިމީހުން ނުދަންނަ ތަކެތި އެކަލާނގެ ހައްދަވަތެވެ." ބަލައިފި މީހަކަށް އޮތީ ފެންނާށެވެ. ކިޔައިފި މީހަކަށް އެނގޭނެއެވެ. ވިސްނައިފިއްޔާ ފަހުމުވާ ވަރަށް ﷲގެ ކަށަކުޅަދުންވަންތަކަމުގެ ހެކިތައް އެހެރީ ފެންނާށެވެ. މިއީ ހަމައެކަނި ނަޢަމްސޫފީގައި ހުރި ޢިބުރަތްތަކާއި ޢަޖާޢިބުތަކެވެ. މިފަދަ ކިތައްކިތައް ފިލާވަޅު އަޅުގަނޑުމެންގެ ވަށައިގެން މި ދުނިޔޭގައި ލައްވައިފައި ވޭތޯއެވެ؟ އެއިލާހަށް ދުވަހަކު ވެސް ނުއުރެދި ހިތުގެ ފުންމިނުން ލޯތްބާ އެކު ކިޔަމަންވުމުގެ ހެޔޮ ތައުފީޤު އަޅުގަނޑަށާއި ތިބާއަށް މާތް ﷲ ދެއްވާނދޭވެ! آمين.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ