ގައުމީ ކެރަމް ޗެމްޕިއަންކަން ވިދާދު އާއި ހުޖާން އަށް ގައުމީ ކެރަމް ޗެމްޕިއަންކަން ވިދާދު އާއި ހުޖާން އަށް

ދާދި ފަހުން ނިމިގެންދިޔަ 34 ވަނަ ގައުމީ ކެރަމް މުބާރާތުގެ އޯޕަން ބައިގެ ސިންގަލްސް ޗެމްޕިއަންކަން، އިބްރާހިމް ހުޖާން އަލީ އާއި އައިމިނަތު ވިދާދު ހޯދައިފި އެވެ.
ގައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހުޖާން ފުރަތަމަ ފަހަރު ހޯދިއިރު، އަނެއްކޮޅުން އަންހެން ސިންގަލްސް ތަށި ހޯދުމުގައި ވިދާދު ވަނީ ރެކޯޑެއް ހާސިލްކޮށްފަ އެވެ. ވިދާދު، ގައުމީ ސިންގަލްސް ތަށި ހޯދާފައި މި ވަނީ ހަތް ވަނަ ފަހަރެވެ.
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ކެރަމް އެރީނާގައި ކުރިއަށްދިޔަ މި ފަހަރުގެ ގައުމީ މުބާރާތުގައި ރޭ ކުޅުނު ފިރިހެން ސިންގަލްސް ފައިނަލް މެޗުގައި އެންމެ ފަހުން ތިން ފަހަރުގެ ޗެމްޕިއަން، އިސްމާއިލް އަޒްމީން އަތުން ހުޖާން މޮޅުވީ ސީދާ ދެ ސެޓުންނެވެ. އެ ގޮތުން، ހުޖާން، ފައިނަލް މެޗުގެ ސެޓުތައް ކާމިޔާބުކުރީ 25-10، 25-15 އިންނެވެ.
ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ، ކުޑަހެންވޭރު ޔުނައިޓެޑަށް ކުޅުނު އަޒްމީން އާއި ހުޖާންގެ ޕެއާ އިންނެވެ.
އަންހެން ސިންގަލްސްގައި ބޮޑު ރެކޯޑެއް ދަމަހައްޓަމުން އަންނަ ވިދާދް، ޗެމްޕިއަންކަން ހޯދާފައިވާ އަހަރުތަކަށް ބަލާއިރު، 2017، 2018، 2019، 2021، 2022، 2024 އަދި 2025 އެވެ. ފާއިތުވި، އަށް އަހަރުގެ ތެރޭގައި ވިދާދު އަށް ގެއްލުނު ގައުމީ މުބާރާތަކީ މީގެ ދެ އަހަރު ކުރިން، 2023 ވަނަ އަހަރު އެވެ. އެ ފަަހަރުގެ ފައިނަލް އެކަންޏެވެ. އެ ފަހަރު ވިދާދު ބަލިކޮށް، ތަށި އުފުލާލީ އާމިނަތު ވިޝާމާ އެވެ.
މި އަހަރުގެ އަންހެން ސިންގަލްސް ފައިނަލްގައި ވިދާދް މޮޅުވީ ފަހަތުންއަރަ އެވެ. އެ ގޮތުން، އައިޝަތު ނަހުފާ އަތުން ވިދާދު މޮޅުވީ، 2-1 އިންނެވެ. ސެޓުތައް ދިޔަ ގޮތަށް ބަލާއިރު، 24-17 އިން ނަހުފާ ފުރަތަމަ ސެޓު ގެންދިޔަ އެވެ. ވަރުގަދަކޮށް އެނބުރި އައި ވިދާދު ދެން ކުޅުނު ދެ ސެޓު ގެންދިޔައީ، 21-11، 25-8 އިންނެވެ.
ފިރިހެން އަދި އަންހެން ޓީމު އިވެންޓްގެ ޗެމްޕިއަންކަން ކުޑަހެންވޭރު ޔުނައިޓެޑުން ވަނީ ހޯދައިފަ އެވެ. ދެ ވަަނ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ، ނައުފަލް ޝަރީފް އެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ޒިއުނާ ބިންތި ނަޝީދު އެވެ. އޭނާ އަކީ ސީނިއާ ލެވަލްގައި އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި އެންމެ ހަގު ކުޅުންތެރިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ