މުސްލިމު އަޚާއަށް އަދާކޮށްދޭންވީ ޙައްޤުތައް

މުސްލިމުން އެކަކު އަނެކެއްގެ މައްޗަށް އަދާކޮށްދޭންޖެހޭ ޙައްޤުތަކެއް ހުރެއެވެ. އިސްލާމްދީނުގެ ރިވެތިކަމަކީ އެ ދީނުގައި ކަނޑައަޅުއްވައިފައި އޮތް އުޚުއްވަތްތެރިކަމެވެ. އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެއްކަން އަންގަވައި ކީރިތި ﷲ މަތިވެރި ޤުރުއާނުގައި ވަޙީކުރެއްވިއެވެ. ‎﴿إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ وَاتَّقُوا اللَّهَ لَعَلَّكُمْ تُرْحَمُونَ﴾‏ ‎(الحجرات: ١٠)‏ މާނައީ: "މުއުމިނުން ވާކަންކަށަވަރީ، އަޚުންތަކެއް ކަމުގައެވެ." މުސްލިމުންގެ އަޚުވަންތަކަން މަގުދައްކަނީ އެކުވެރިކަމާއި އެއްބައިވަންތަކަމަށެވެ. ތިމާގެ ނަފުސަށްވުރެ އަނެއް މުސްލިމް އަޚާއަށް އިސްކަން ދިނުމުގެ މައްޗަށެވެ. މާތް ﷲ އެ ކަން ގުޅުވައިފައި ވަނީ ކާމިޔާބާއެވެ. އެ އިލާހު ވަޙީކުރެއްވިއެވެ. وَمَن يُوقَ شُحَّ نَفْسِهِ فَأُولَـٰئِكَ هُمُ الْمُفْلِحُونَ ‎﴿الحشر: ٩﴾‏ މާނައީ: "އެ މީހެއްގެ އަމިއްލަ ނަފުސުގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނެ މީހުންނެވެ." އަޅުގަނޑުމެންގެ ކާމިޔާބީ ގުޅިފައި މި ވަނީ އަޅުގަނޑުމެންގެ އެދުންތަކާ ދުރަށް ދިޔުމާއެވެ. ނަފުސުގެ އެދުން ދޫކޮށްލުމަކީ ކާމިޔާބީއަށް ހުޅުވޭ ދޮރެކެވެ. އަޅުގަނޑުމެން ކަންކަން ދޫކޮށްލަންވީ އަޅުގަނޑުމެންގެ އަނެއް އަޚާއަށް ޓަކައެވެ. އޭނާއަށް ވެވޭ އެހީއެއްގެ ގޮތުގައެވެ. ވަރަށް ގިނަ ފަހަރު މިފަދަ އެހީތެރިކަން ބިނާވެފައި އޮންނަނީ ހާލަތާ ވެސް ގުޅުވައިގެންނެވެ. ރަނގަޅު ހާލަތެއްގައި ތިބޭ ފަހަރު މީހެއްގެ އަތުން އެއްޗަކަށް ނޭދުނަސް ހާލަތު ދެރަވެފައި ތިބޭއިރު އެހެން މީހުންގެ ކިބައިން އެދެވޭނެއެވެ. އެންމެންނަކީ ބުނެގެން ހޯދަން ކެރޭ މީހުންނެއް ނޫނެވެ. އެހެންކަމުން އަޅުގަނޑުމެން ވާނީ އެހެން އަޚުންނާއި އުޚުތުންގެ ހާލަތު ދަސްކުރަން އެނގޭ ބަޔަކަށެވެ. އަނެކާގެ އިހުސާސްތައް ދަންނަ ބަޔަކަށެވެ. ބުނުމުގެ ކުރިން ދޭން އެނގޭ ބަޔަކަށެވެ. މުސްލިމުން މުސްލިމުންދެކެ ލޯބިވެގެން ހަހަރުވެތި ދިރިއުޅުމެއް އުޅުމަކީ ވެސް އެ މީހުންގެ މެދުގައި ޤާއިމުވެފައި އޮންނަންޖެހޭ ޙައްޤެކެވެ. އެކަކު އަނެކަކަށް ރުޅި މޫނު ނުދައްކައި ރިވެތި ގޮތުގައި ދިރިއުޅޭ އުޅުމެވެ. މި ކަންކަމުގެ އިތުރަށް ކޮންމެހެންވެސް އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާންކޮށްދޭން ޖެހޭ ޙައްޤުތަކެއްގެ ވާހަކަ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ވަނީ ބަޔާންކޮށްދެއްވައިފައެވެ. ޙަދީޘްކުރެއްވިއެވެ. «حَقُّ الْمُسْلِمِ عَلَى الْمُسْلِمِ سِتٌّ» قِيلَ: مَا هُنَّ يَا رَسُولَ اللهِ؟، قَالَ: «إِذَا لَقِيتَهُ فَسَلِّمْ عَلَيْهِ، وَإِذَا دَعَاكَ فَأَجِبْهُ، وَإِذَا اسْتَنْصَحَكَ فَانْصَحْ لَهُ، وَإِذَا عَطَسَ فَحَمِدَ اللهَ فَسَمِّتْهُ، وَإِذَا مَرِضَ فَعُدْهُ وَإِذَا مَاتَ فَاتَّبِعْهُ» [رواه مسلم / كتاب: السلام / باب: من حق المسلم للمسلم رد السلام / رقم: 5 – (2162)] މާނައީ: "އެއް މުސްލިމަކު އަނެއް މުސްލިމަކަށް ޓަކައި އަދާކޮށްދޭން ވާނޭ ހަ ޙައްޤެއް ވެއެވެ." ޞަޙާބީން ސުވާލުދެއްނެވިއެވެ. އެއީ ކޮން ކަންތައްތަކެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "އޭނާއާ ބައްދަލުވާހިނދު އޭނައަށް ސަލާމްގޮވާށެވެ. އަދި އޭނާ ތިބާއަށް ދަޢުވަތެއް ދީފިއްޔާ އޭނާއަށް އިޖާބަދޭށެވެ. އަދި އޭނާ ތިބާ ކުރެން ނަސޭހަތަކަށް އެދިއްޖެއްޔާ އޭނާއަށް ނަސޭހަތްތެރިވާށެވެ. އަދި އޭނާއަށް ކިނބިއްސެއްއެޅޭ ހިނދު "الْحَمْدُ لِلَّهِ" ކިޔައިފިއްޔާ، "يَرْحَمُكَ اللَّه" ކިޔައި އޭނައަށް ދުޢާކޮށްދޭށެވެ. އަދި އޭނާ ބަލިވެއްޖެއްޔާ އޭނާއަށް ޒިޔާރަތްކުރާށެވެ. އަދި މަރުވިކަމުގެ ޚަބަރު ލިބުނިއްޔާ އޭނާގެ ޖަނާޒާގައި ބައިވެރިވާށެވެ." މި ހަ ކަންތަކަކީ މުސްލިމުން އެކަކު އަނެކަކުގެ މައްޗަށް ކޮންމެހެން ކޮށްދިނުން ލާޒިމުވެގެންވާ ކަންތައްތަކެކެވެ. ހަދީޘުގައި ބަޔާންވެ އެ ދިޔަ ހަ ކަންތަކާ މެދު ވިސްނައިލައިފިއްޔާ އެނގެނީ ކޮން ކަމެއްބާއެވެ؟ އެއީ އެކުވެރިކަމާއި މުރެއްވަތްތެރި އަޚުލާޤު މުއުމިނުންގެ ކިބައިގައި އަށަގަންނުވާނޭ ކަންކަމެވެ. އެއީ އެ ކަންތައްތައް ކުރުމުގެ ސަބަބުން ތިމާގެ މަމޮޅުކަން އަނެއް އަޚާގެ ކުރިމަތީ ބަންދުކޮށް ފަޚުރުވެރި ނުވުމަށް ލިބޭ ތަމްރީނެކެވެ. އެހެންކަމުން ތިބާގެ މުސްލިމު އަޚާއަށް މި ޙައްޤުތައް އަދާކޮށްދިނުމުގައި ފަސްނުޖެހޭށެވެ. އަދި އެ ކަމަށް އަވަސްވެގަންނާށެވެ. މުސްލިމުން އެކަކު އަނެކަކަށް އަދާކޮށްދޭންޖެހޭ ޙައްޤުތަކަށް ސަމާލުވާންވީ މިންވަރު އެންމެ ރަނގަޅަށް އިހުސާސްކުރެވޭނީ އެފަދަ ޙައްޤެއް ލިބިގަތުމަށް ތިބާ ބޭނުންވާ ހިނދުގައެވެ. އަނެއް މުސްލިމު އަޚާ ތިބާއަށް ޓަކައި އެ ޙައްޤުތައް އަދާކޮށްދިނުމުން ލިބޭ އުފަލާއި ހިތްހަމަޖެހުން ވެސް ވިސްނޭނީ އެ ހާލަތުގައި އެކަންޏެވެ. އެހެންކަމުން އަޅުގަނޑުމެންގެ މުސްލިމު އަޚުންނާއި އުޚުތުންނަށް ދޭންޖެހޭ ޙައްޤު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިނިތުންވުމާ އެކު ދެވޭތޯ މަސައްކަތްކުރާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ