ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކުރަމުންދާ 4،000 ފްލެޓްގައި ހިމެނޭ އެޕާޓްމަންޓްތައް ލިބުނު ފަރާތްތަކާއެކު އަންނަ ހަފްތާގެ ތެރޭގައި ސޮއިކުރަން ފަށާނޭކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ ފަހުގެ މަޢުލޫމާތު ހާމަކުރުމަށް ވަޒީރުންނާއިއެކު ކުރިއަށްގެންދާ އަހާ ޕްރޮގްރާމުގައި ރައްޔިތަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިކަމަކީ ބުރަ މަސައްކަތެއްކަމަށާއި، މިހާރު އެކަމަށް ތަނެއް ހަމަޖެހި ޓެންޓްތައް ޖެހުމުގެ މަސައްކަތާއި އިދާރީ މުއައްޒަފުންނާއި، ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރިއަށްދާކަމަށެވެ.
އެގޮތުން ގެދޮރުވެރިކަމުގެ ސްކީމުގެ ދަށުން އެޕާޓްމަންޓްތައް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތައް ހަދައި އެތަންތަން އަންނަ ހަފްތާގައި ހަވާލުކުރަން ފަށާނޭކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ފްލެޓްތައް ހަވާލުކުރުން ލަސްވަނީ މިއީ ވަރަށްގިނަ މީހުންނަށް އަމާޒުކޮށް ކުރިއަށްގެންދަންޖެހޭ ކަމަކަށްވާތީއާ މިއީ އޮފީހަށް ގެނެސްގެން ނިންމާލެވޭވަރަށްވުރެ ބޮޑު މަސައްކަތެއްކަމަށް މުއްތަލިބް ވިދާޅުވިއެވެ. އެހެންކަމުން އަންނަ ހަފްތާގެ ތެރޭގައި ފްލެޓްތަކުގެ އެެއްބަސްވުމުގައި ސޮއިކުރުމާއެކު ހަވާލުކުރުމުގެ މަސައްކަތް ފެށިގެންދާނޭކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ފްލެޓްތަކުގެ މަސައްކަތް ނިމެމުންދާ ވަރަކަށް އެ ތަންތަން ހަވާލު ކުރަމުންދާއިރު، ޖުލައިމަހުގެ ތެރޭގައި ބައެއް ފްލެޓްތަކަށް ވަދެވޭނެ ކަމަށް މިނިސްޓަރު މުއްތަލިބު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް މިދިޔަ ޖޫންމަހުގެ 19 ވަނަ ދުވަހު ފްލެޓްތަކަށް ކުރެއްވި ޒިޔާރަތަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަމާޒަކީ ވީހާވެސް އަވަހަށް ފްލެޓްތަކަށް މީހުން ވެއްދުންކަމަށެވެ. ސަރުކާރުގެ އަމާޒަކީ އަންނަ ސެޕްޓެމްބަރުމަސް ނިމުމުގެ ކުރިން ފްލެޓްތަކުގެ ހައްގުވެރިންނަށް އެތަންތަން ދިނުންކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
ފްލެޓްތަކުގެ އެއްބަސްވުންތަކުގައި އަންނަ ހަފްތާގައި ސޮއިކުރަން ފަށާނަން: މުއްތަލިބް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ