އެންސްޕާއިން މިދިޔަ މަހު އޭޑީކޭއާއި ޓްރީޓޮޕަށް 6.4 މިލިއަން ރުފިޔާ ޚަރަދުކުރި

މިދިޔަ މަހު ރާއްޖޭގެ ޕްރައިވެޓު ހޮސްޕިޓަލުތަކުން ފަރުވާ ހޯދި ބައެއް މީހުންނަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން ޖުމްލަ 6.5 މިލިއަން ރުފިޔާގެ އެހީ ދީފިއެވެ. އެންސްޕާއިން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، ބޭސްފަރުވާގެ ޚަރަދުތައް ހަމަޖެއްސުމަށް ދަތިވާ މީހުންގެ ތެރެއިން، ރާއްޖޭގެ ޕްރައިވެޓު ހޮސްޕިޓަލުތަކުން ފަރުވާ ހޯދި 468 މީހަކަށް މިދިޔަ މަހު އެހީ ފޯރުކޮށްދިނެވެ. އެއީ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދި 187 މީހަކަށް ދިން 3.2 މިލިއަން ރުފިޔާގެ އެހީއާއި، ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދި 281 މީހަކަށް ދީފައިވާ 3.3 މިލިއަން ރުފިޔާގެ އެހީއެވެ. އެ ހިސާބުތަކުން އެނގޭ ގޮތުގައި، ރާއްޖޭގެ ޕްރައިވެޓު ހޮސްޕިޓަލުތަކުން އެނދުމަތިކޮށްގެން ފަރުވާ ހޯދުމަށް އެންމެ ގިނައިން އެހީ ދީފައިވަނީ ކަށީގެ ބަލިތަކަށެވެ. އޭޑީކޭއިން އެ ބައްޔަށް ބޭސްކުރި 24 މީހަކަށް 802،481.30 ރުފިޔާގެ އެހީ ދިންއިރު، ޓްރީޓޮޕުން ފަރުވާ ހޯދި 37 މީހަކަށް 816،326.43 ރުފިޔާގެ އެހީ ދިނެވެ. ޓްރީޓޮޕް ހޮސްޕިޓަލް: ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދި 281 މީހަކަށް އެންސްޕާއިން 3.3 މިލިއަން ރުފިޔާ ޚަރަދުކުރި --- އޭޑީކޭއިން ފަރުވާ ހޯދާ މީހުންގެ ތެރެއިން އެންސްޕާއިން ދެވަނަށް އެންމެ ބޮޑު އެހީއެއް ދީފައިވަނީ ހިތުގެ ބަލި ހުންނަ 13 މީހަކަށެވެ. އެ މީހުންނަށް ވަނީ 455،297.35 ރުފިޔާގެ އެހީ ދީފައެވެ. ދެން އެންމެ ބޮޑު އެހީއެއް ދީފައިވަނީ މައިބަދައާއި ނާރުގެ ބަލިތަކަށް ފަރުވާކުރި 12 މީހަކަށެވެ. އެ މީހުންނަށް ދިން އެހީގެ އަދަދު 334،520.86 ރުފިޔާއަށް އަރައެވެ. އެންސްޕާއިން މިދިޔަ މަހު، ރާއްޖެއާ ރާއްޖެއިން ބޭރުން ފަރުވާ ހޯދި މީހުންނަށް ދިން އެހީގެ އަދަދު 25.8 މިލިއަން ރުފިޔާއަށް އަރައެވެ. އޭގެ ތެރޭގައި ރާއްޖޭގައި ފަރުވާ ކުރުމަށް އެކި ފަރާތްތަކަށް ޖުމްލަ 17.7 މިލިއަން ރުފިޔާގެ އެހީ ދީފައިވާއިރު، ބާކީ 8.1 މިލިއަން ރުފިޔާއަކީ ރާއްޖޭން ބޭރުން ފަރުވާ ހޯދި މީހުންނަށް ދީފައިވާ އެހީގެ އަދަދެވެ. އެންސްޕާއަކީ ބޭސްފަރުވާގެ އިތުރުން ވެސް އެހެނިހެން މުހިންމު ކަންކަމުގައި އާންމުންނަށް މާލީ އެހީ ފޯރުކޮށްދޭ ސަރުކާރުގެ އިދާރާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ