ހުޅުމާލެ ހޮސްޕިޓަލަށް ކަރަންޓުގެ މައްސަލައެއް ދިމާވާން ފެށީ ރޭ 9:00 ހާއިރު ކަމަށާއި އެ މައްސަލަ ހައްލު ނުވެ ރޭ ދަންވަރު އެ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ބަލިމީހުން އެހެން ތަންތަނަށް ބަދަލުކުރިކަން އެނގިއްޖެ އެވެ.
ހުޅުމާލެ ހޮސްޕިޓަލަށް މައްސަލައެއް ކުރިމަތިވެގެން އުޅޭކަން އެނގުނީ ޖެނެރަލް އޯޕީޑީގެ ހިދުމަތް ފޭސް 2 ގައި ހުންނަ ކްލިނިކަކަށް ބަދަލުކުރިކަން ރޭ ފަތިހު އެ ހޮސްޕިޓަލުން އިއުލާނުކުރުމާ ގުޅިގެންނެވެ.
އަދަދުއަށް މައުލޫމާތު ދިން އާންމުންގެ މީހަކު ވަނީ ރޭ ދަންވަރު ހުޅުމާލެ ހޮސްޕިޓަލުގައި ތިބި ބަލިމީހުން އެހެން ތަންތަނަށް ބަދަލުކުރި ކަމަށް ބުނެފަ އެވެ. ރޭ އިރާކޮޅުން ފެށިގެން އިރުއިރުކޮޅާ ކަރަންޓު ކެނޑެމުން ދިޔަ ކަމަށާއި ހިދުމަތްތަކަށް ބުރޫއެރި ކަމަށް ވެސް އޭނާ ބުންޏެވެ.
މިކަމާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އާ ސުވާލުކުރުމުން އޭނާ ވިދާޅުވީ، މައްސަލަ ދިމާވީ ޓްރާންސްފޯމަރާއި ގުޅާފައި ހުންނަ ޕެނަލް އިން މެއިން ބިލްޑިން އަށް ކަރަންޓު ފޯރުކޮށްދޭން އަޅާފައި އޮންނަ މެއިން ކޭބަލް އަށް ކަމަށެވެ.
"ގާތްގަނޑަކަށް ރޭގަ 9:00 ހާއިރު އިރުއިރު ކޮޅުން ކަރަންޓު ދާން ފެށީ. އޭރުވެސް ދެން ހިދުމަތް ދޭ ބައެއް ތަންތަނުން. ދެން ރޭގެ 2:30 ހާއިރު ސްޓެލްކޯ ޓީމުގެ ލަފަޔާ އެކީގަ، އައު ކޭބަލްއެއް އަޅަން ޖެހުނީ އިނގޭތޯ. އެހެންވީމަ އޭރު ޕަވާ އޮފް ކޮށްލާފަ ކޭބަލް އެޅީ،" ހަލީމް ވިދާޅުވި އެވެ.
ކަރަންޓު ކެނޑުނު ވަގުތުތަކުގައި އެ ހޮސްޕިޓަލުން ހިދުމަތް ދެމުންދިޔަ ބަލިމީހުން އައިޖީއެމްއެޗް އަދި ހުޅުމާލޭގައި ހުންނަ ކުރީގެ ކޮވިޑު ފެސިލިޓީއަށް ބަދަލުކުރި ކަމަށާއި އެގޮތަށް އެކަން ކުރީ އެއްވެސް ކަހަލަ ރިސްކެއް ނަގަން ބޭނުން ނުވާތީ ކަމަށް ހަލީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުމެއް ނުވޭ އެއްވެސް ކަހަލަ ރިސްކެއް ނަގާކަށް ޕޭޝަންޓުންނަށް ދޭ ކެއާ އާއި މެދަކު. އެހެންވެ ކަމެއް ދިމާވެދާނެ ކަމަށް ބަލަހައްޓައިގެން ނުތިބެ އަޅުގަނޑުމެން ފިޔަވަޅުތަކެއް އެޅީ،" އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯގެ އެހީތެރިކަމާއެކު އައު ކޭބަލް އަޅާ ހޮސްޕިޓަލަށް ކަރަންޓު ދެވުނީ މިއަދު ހެދުނު 8:30 ގަ އެވެ. ކަރަންޓު ދިނުމަށްފަހު މެޝިނަރީތަކާއި ސާވާ އަދި ދެންވެސް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފުރިހަމައަށް ހިދުމަތް ދޭން ފެށުނީ 10:00 ހާއިރު ކަމަށް ހަލީމް ވިދާޅުވި އެވެ.
ހޮސްޕިޓަލެއް ކަމުން ބެކަޕް ޖެނެރާޓަރު ނެތްތޯ އެހުމުން ހަލީމް ވިދާޅުވީ، ބެކަޕް ޖެނެރޭޓަރުން އުފައްދާ ކަރަންޓު ވެސް ހޮސްޕިޓަލަށް ފޯރަނީ ޕެނަލް މެދުވެރިކޮށް މައްސަލަ ޖެހުނު ކޭބަލުން ކަމަށެވެ. އެހެންކަމުން އެ ކޭބަލަށް ދިމާވި މައްސަލަ ހައްލު ނުވަނީސް ޕެކަބް ޖެނެރޭޓަރުން ވެސް ކަރަންޓު ފޯރުކޮށްދެވޭނެ ގޮތެއް ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.
ހުޅުމާލެ ހޮސްޕިޓަލަށް ރޭ 9:00 ހާއިރު ދިމާވި ކަރަންޓު މައްސަލަ ހައްލުވީ މިއަދު ހެނދުނު ހުޅުމާލެ ހޮސްޕިޓަލަށް ރޭ 9:00 ހާއިރު ދިމާވި ކަރަންޓު މައްސަލަ ހައްލުވީ މިއަދު ހެނދުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ