ކައުންސިލަރުންގެ އަދަދު މަދުކުރާ ބިލު ކޮމިޓީން ފާސްކޮށްފި

ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުގެ ވަގުތީ ކޮމިޓީން ފާސްކޮށްފި އެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ. މި ބިލު ދިރާސާކުރި މަޖިލީހުގެ ވަގުތީ ކޮމިޓީން ބިލު ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ބިލު ދިރާސާކުރި ވަގުތީ ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާއިރު، މިއަދު ބާއްވާ މަޖިލީހުގެ ޖަލްސާގައި މި ބިލު ފާސްކުރާނެ ކަމަށް ބެލެވެ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެވޭ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގެ އުސޫލު ބަދަލުވުން ހިމެނެ އެވެ. އިސްލާޙުތަކުގައިވާ ގޮތުން، ރަށެއްގެ އާބާދީ 2000 އަށް ވުރެ ކުޑަ ނަމަ، އެ ރަށަކުން އިންތިހާބު ކުރާނީ ތިން ކައުންސިލަރުންނެވެ. ނަމަވެސް، 2000 އަށް ވުރެ ބޮޑެތި އާބާދީތަކުން މިހާރު އޮންނަ ގޮތަށް ފަސް ކައުންސިލަރުން ހޮވާނެ އެވެ.
ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގައި ވެސް ބަދަލުތަކެއް ހިމެނެ އެވެ. އެގޮތުން އާބާދީ 10,000 އާއި 25,000 ދެމެދުގެ ސިޓީތަކަށް މޭޔަރު ހިމެނޭހެން 7 ކައުންސިލަރުން، 25,000 އާއި 50,000 އާ ދެމެދުގެ ސިޓީތަކަށް 11 ކައުންސިލަރުން، އަދި 50,000 އަށްވުރެ އިތުރުނަމަ 15 ކައުންސިލަރުން އިންތިޚާބު ކުރެވޭނެ އެވެ.
މީގެއިތުރުން މާލެ ސިޓީއިން އިންތިހާބު ކުރާނީ ރައްޔިތުންގެ މަޖިލީހުގައި އެ ސިޓީތަކުން މެންބަރުން އިންތިހާބު ކުރާ އަދަދަށެވެ. އަދި ފުވައްމުލަކު ސިޓީގެ ކޮންމެ އަވަށަކުން ކައުންސިލަރަކު އިންތިހާބު ކުރާނެ ކަމަށް ވެސް އިސްލާޙުގައި ބަޔާންކޮށްފައިވެ އެވެ.
ސިޓީ ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަ ގޮނޑިތައް ކަނޑައެޅުމަށް ހުށަހަޅާފައިވަނީ، ހުރިހާ ދާއިރާއެއް ހަމަހަމަވާ ގޮތަށް ދައުރުވާނެ އުސޫލެއްގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ގޮތަކަށެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެވޭ އިސްލާޙުތަކުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އިތުރު ބާރުތަކެއް ދިނުމަށް ޚާއްޞަ މާއްދާތަކެއް ހިމަނާފައިވެ އެވެ. މި ބަދަލުތަކުގެ ދަށުން، ކޮންމެ އިދާރީ ދާއިރާއެއްގައި އެލްޖީއޭގެ އޮފީސްތައް ހިންގުމުގެ ބާރު އެ އިދާރާއަށް ލިބިގެންދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ