ސިޔާސީ ވަކި މަގުސަދެއް ހާސިލުކުރުމަށް ބައެއް ވިޔަފާރިވެރިން ތަކެތީގެ އަގު ގަސްތުގައި ބޮޑުކުރާ ކަމަށާއި އެ ފުރުސަތު ދެން ނުދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިފަހަކަށް އައިސް ބާޒާރުގައި އޮރެންޖާއި އާފަލުގެ އިތުރުން މޭވާގެ ބާވަތްތަކުގެ އަގު ވަރަށް ބޮޑަށް އުފުލިގެންދިޔަ އެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖުލައި މަހާ އަޅާބަލާއިރު މޭވާގެ ބާވަތްތަކުގެ އަގު ނިމުނު އޮގަސްޓު މަހު %6 އިތުރުވެފައިވެ އެވެ.
އެއާ އެކު، އާންމުންގެ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވާން ފެށުމުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ބާވަތްތަކުގެ މޭވާ އާއި ތަރުކާރީ އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ވިއްކަން ފަށަން ރައީސް މުއިއްޒު މިހާރު ވަނީ ނިންމަވާފަ އެވެ.
ބުނީ ކީކޭ؟ - ވ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ފެލިދޫއަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މޭވާ އާއި ތަރުކާރީ މިފަހުން އަގުބޮޑުވުމަކީ ބައެއް މީހުން ސިޔާސީ ބޭނުމެއްގައި ގަސްތުގައި ރާވާގެން ކުރި ކަމެއް ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ވަކި އަދަދަކަށް ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ގާނޫނަށް ގެނައި ބަދަލާ އެކު، ބޭރުން މުދާ އެތެރެކުރާއިރު ޓީޓީ ހެދުމަށް ކުރިން ނުލިބޭ އަދަދަށް ބޭންކު ރޭޓުން ޑޮލަރު ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ނަތީޖާއަކީ ހެޔޮ އަގުގައި ތަކެތި ލިބުން މަގުފަހިވުން ކަމަށް ރައީސް ވިދާޅުވި އެވެ.
އެކަމަކު، ޑޮލަރު ލިބުން ދަތިކަމަށް ބުނެ، ބައެއް މީހުން މޭވާ އާއި ތަރުކާރީގެ އަގު ގަސްތުގައި ބޮޑުކުރި ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން، ރައީސް ވިދާޅުވީ:
މޭވާ އާއި ތަރުކާރީގެ އަގު ބޮޑުކުރަން ފެށީމާ ސަރުކާރުން މިހާރު ނިންމާފައި މިވަނީ އެސްޓީއޯ މެދުވެރިކޮށް މިހާރު މިވަނީ ރާއްޖޭގައި ބޭނުންކުރާ އެންމެ ގިނަ ބާވަތުގެ ތަރުކާރީ އާއި މޭވާ ހެޔޮ އަގުގައި ލިބޭނެ ގޮތް ހަދާދީފައި
ނަތީޖާއަކީ، ބޭންކުން އެއްވެސް ވަރަކަށް ޑޮލަރު ނުލިބިގެން އަގު ބޮޑުކުރި ކަމަށް ބުނާ މޭވާ އާއި ތަރުކާރީގެ އަގު މިހާރު ތިރިވުން
އެ އަގު ވިޔަފާރިތަކުން ތިރިކުރީ ބޭންކުން ކުއްލިއަކަށް ޑޮލަރު ލިބެން ފެށީމައެއް ނޫން؛ ކުރިން ވެސް ޑޮލަރު ލިބޭ، އެކަން ބައެއް ވިޔަފާރިތަކުން ކުރީ ސިޔާސީ ބޭނުމެއްގައި
"އެ ވާހަކަ މިދަންނަވަނީ ސިޔާސީ ބޭނުމެއްގައި ރާވައިގެން ގަސްތުގައި ރައްޔިތުންނަށް ދެރަ ދިނުމަށް ބައެއް ކަންކަން ބަޔަކު އެބަކުރޭ. އެކަންކަމަށް ލޯމަރާލައިގެން ހަމަ އެހެނެއް ނުތިބޭނަން،" ރައީސް ވިދާޅުވި އެވެ.
"ދެނެއް އެގޮތަކަށް ސިޔާސީ ބޭނުމުގައި ތަކެތީގެ އަގޮބޮޑެއް ނުކުރެވޭނެ. އެކަން ކުރުމުގެ ފުރުސަތެއް، މޭވާ އާއި ތަރުކާރީ އަގުބޮޑު ކުރުމުގައި ދެން ލިބިގެނެއް ނުދާނެ. އެ ޔަގީންކަން އަރުވަން."
އޭގެ އިތުރުން، އަމިއްލަ ވިޔަފާރިތަކުން އައިނު ހެއްދުން އަގު ބޮޑުކަމުން، އެ ހިދުމަތް ސަރުކާރުގެ ފަރާތުން އައިޖީއެމްއެޗުގައި ގާއިމުކުރުމުން އެކަމަށް ނަގާ އަގު އަމިއްލަ ވިޔަފާރިތަކުން ކުޑަކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ސިޔާސީ ބޭނުމުގައި ދެން ތަކެތީގެ އަގު ބޮޑެއް ނުކުރެވޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ