ޓެރަރިޒަމްގެ މައްސަލައެއްގައި 27 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ އަންހެނުންގެ އަސަރުގަދަ މެސެޖެއް މުހައްމަދު މުއިއްޒަށް ލައިވް ޓީވީގައި އިއްވައިފި އެވެ.
މާފަންނު ރައްޔިތުންނާ މުއިއްޒު ބައްދަލުކުރެއްވި ޖަލްސާގައި އަމީންގެ އަންހެނުން ވަނީ ވަރަށް އަސަރާއެކު އޭނާގެ ފިރިމީހާއަށް އިންސާފު ނުލިބޭތީ އެކަން ބަލައިދިނުމަށް އެދިފަ އެވެ.
އޭނާ ބުނީ ޖުޑީޝަރީ ތެރެއަށް އަތް ނުބާނައި އާދޭހާއެކު އަމީންގެ މައްސަލަ އިންސާފުވެރިކަމާއެކު ބެލުމަށް ކަމަށާއި ރަނގަޅަށް ބަލައިފިނަމަ އަމީންގެ ކުށެއް ނެތްކަން އެނގޭނެ ކަމަށެވެ.
"އަޅުގަނޑު އެހެންވީމަ މިވަގުތު މި އެދެނީ ބޮޑު އެއްޗަކަށް ނޫން. އަޅުގަނޑު ނުބުނަން ޖުޑީޝަރީގެ ތެރެއަށް ވަދެގަންނާކަށް. އަޅުގަނޑު އާދޭސްމިކުރަނީ އިންސާފަށް. އަޅުގަނޑު އާދޭސް މިކުރަނީ ހައްގަށް. އަޅުގަނޑު މި ބުނަނީ މައްސަލަ ބައްލަވާ ރަނގަޅަށް ސަފުކުރައްވައިފިއްޔާ ފެންނާނެއޭ އަމީންގެ ކުށެއް ނެތްތަންކޮޅު،" އަމީންގެ އަންހެނުން ބުންޏެވެ.
އޭނާ ބުނީ އަމީންގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއެކު އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހެޅީ އަވަސްވާނެ ކަމުގެ އުންމީދާއެކު ކަމަށެވެ. ނަމަވެސް އިސްތިއުނާފަށް ހުށަހެޅިތާ ދެ އަހަރު ފާއިތުވެގެން ގޮސްފައިވާއިރު ހުކުމާ ހިސާބަށް ގޮސްފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
"އަމީންގެ މައްސަލަ އިސްތިއުނާފް ކޮށްފައި އޮންނަތާ ދެ އަހަރުވީ. އަމީންއަށް ހުކުމްކުރިތާ ތިން މަސް ފަހުން އަޅުގަނޑުގެ ހަނގުދަރި އަޅުގަނޑު މި ވިހެއީ. އެކުއްޖާއަށް ދެ އަހަރުވެގެން މިދަނީ އެ ކުއްޖާއަށް ބައްޕަ ފެންނަނީ މަހަކު ދެފަހަރު،" އޭނާ ބުންޏެވެ.
އަމީންގެ އަންހެނުންގެ ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް ވިދާޅުވީ އޭނާގެ ކަންބޮޑުވުންތަކުގެ ތަފްސީލްތައް ފޯރާފައިވާ ކަމަށެވެ.
އެގޮތުން އެ މައްސަލައިގައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ބެލެން އޮތް ހުރިހާ ކަމެއް ބަލާނެ ކަމުގެ ޔަގީންކަން ފިރުޒުލް ވަނީ ދެއްވާފަ އެވެ.
"ތި ހިއްސާކުރެއްވި ކަންކަމުގެ ތަފްސީލް ހަމަ އަޅުގަނޑުމެންނާ ހަމައަށް ފޯރައިފި. އިރާދަކުރެއްވިއްޔާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ހަމަ ތީގެ ތަފްސީލަށް ގޮސް ތިކަމުގައި ބެލެން އޮތް ކަންތައްތައް ބަލާނެ އެނގޭތޯ. ހަމަ ތި ހިއްސާކުރެއްވި ކަންކަމުގެ ކޭސް އަޅުގަނޑުމެންނާ ހަމައަށް ފޯރައިފި،" އޭނާ ވިދާޅުވި އެވެ.
އަމީންގެ އަންހެނުން އާދޭސްކޮށްފައި ވަނީ އިސްތިއުނާފުގެ މައްސަލަ ވީހާވެސް އަވަހަށް ނިންމައި، އަމީނަށް އިންސާފު ހޯދައިދިނުމަށެވެ.
އަމީންއަށް ނޮވެމްބަރު 8، 2023، ގައި 27 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު އެ މައްސަލައިގައި އެނާ ބަންދުގެ މުއްދަތު ހޭދަކުރި މުއްދަތު ކެނޑުމަށްފަހު ތަންފީޒުކުރަން ޖެހޭނީ 23 އަހަރެވެ.
މީގެ ކުރިން 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ވެސް އަމީންގެ މައްޗަށް ތުހުމަތު ކުރެވުނެވެ. އޭރު އޭނާ ރާއްޖޭން ބޭރުގައި ހުއްޓާ، އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރެގެން ރާއްޖެ ގެނަ އެވެ. އެ ފަހަރު ބަންދުކުރުމަށް ފަހު، އަމީން ދޫކޮށްލީ 2012 ވަނަ އަހަރު އެވެ.
އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ނިރުބަވެރިންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.
އެމެރިކާއިން ބުނާ ގޮތުގައި އަމީނާކީ ސީރިޔާގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ވަރަށް އިސް މީހެކެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ އައިއެސް ޖަމާއަތަށް މީހުން ރެކްރޫޓް ކުރުން ކަމަށް އެ ގައުމުން ބުނެ އެވެ.
އަމީންގެ އަނބިމީހާގެ އަސަރުގަދަ މެސެޖެއް މުއިއްޒަށް އަމީންގެ އަނބިމީހާގެ އަސަރުގަދަ މެސެޖެއް މުއިއްޒަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ