ހުޅުމާލޭގައި ތެލެސީމިއާ ސެންޓަރު ހުންނާތީ ލޭ ހޯދަން އުނދަގޫވާ ކަމުގެ ޝަކުވާ

ހުޅުމާލޭގައި ތެލެސީމިއާ ސެންޓަރު ހުރުމުން ލޭ ހޯދަން އުނދަގޫވާތީ މާލެއިން ލޭ ނެގޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ރައީސް މުހައްމަަދު މުއިއްޒަށް މިރޭ ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މާފަންނު ރައްޔިތުންނާ އެކު ތާޖުއްދީން ސްކޫލްގައި ރައީސް މުއިއްޒު މިހާރު ބޭއްވަމުން ގެންދަވާ ބައްދަލުވުމުގައި މި ޝަކުވާ ކުރީ ތެލެސީމިއާ ކުއްޖެއްގެ ބައްޕައެކެވެ.
މި ސަރުކާރުން ތެލެސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރީ، މާލޭގައި ހުރި ތެލެސީމިއާ ސެންޓަރު ބާވެ، އެ ތަނުގެ ހިދުމަތްތަކާ މެދު ތެެލެސީމިއާ މީހުންގެ ކަންބޮޑުވުންތައް ބޮޑުވެފައި ވަނިކޮށެވެ. 'އޮރެންޖު ހިޔާ'ގައި ގާއިމުކޮށްފައިވާ އެ ސެންޓަރު ހުޅުވީ މިދިޔަ މޭ މަހު އެވެ. 
ބުނީ ކީކޭ؟ - ތެލެސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލުކޮށްފައިވާތީ ލޭ އެޅުމުގެ ކަންކަން ކުރަންޖެހެނީ ހުޅުމާލެއަށް ގޮސްގެން ކަމަށާއި އެހެންވެ، ލޭ ދޭނެ މީހުން ހޯދަން އުނދަގޫވާ ކަމަށް އޭނާ ބުންޏެވެ.
"ލޭ އެޅުމަށް ހުޅުމާލެއަށް ދާންޖެހޭތީ އަޅުގަނޑުމެންނަށް ދިމާވާ ދައްޗަކީ އަޅުގަނޑުމެން ލޭ ހޯދަންޖެހޭ ގިނަ މީހުން އުޅެނީ މާލޭގައި. މާލެއަކުން ލޭ ނެގޭނެ އެއްވެސް ގޮތެއް ނެތް. އަޅުގަނޑު ޑޯނަރު ގޮވައިގެން ހުޅުމާލެއަށް ދާން ބުނީމާ އެ ޑޯނަަރަށް ވަގުތު ހޯދަން ވަނީ ވަރަށް އުނދަގޫ ކަމަކަށް. އެހެންވީމާ އަޅުގަނޑުމެންނަށް ލޭ ހޯދަން ވަރަށް ބޮޑަށް ދަތިވޭ،" އޭނާ ބުންޏެވެ.
މާލެއިން ލޭ ނެގޭނެ ނިޒާމެއް ގާއިމުކޮށްދިނުމަށް އޭނާ ރައީސްގެ ކިބައިން އެދުނެވެ. 
މިރޭގެ ބައްދަލުވުން ކުރިއަށްދާތީ މި ކަމަށް ރައީސް އަދި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
އެނގުން މުހިންމު - ތެލެސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވާކަމުގެ ޝަކުވާ އާއިލާތަކުން ކުރާތީ، އެ މައްސަލަ ހައްލުކުރަން މިދިޔަ މަހު މަޖިލީހަށް ގަރާރެއް ވެސް ހުށަހެޅި އެވެ. ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި މި މައްސަލަ ސަރުކާރު ހިންގާ އަދި މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް އޮތް ޕީއެންސީގެ މެޖޯރިޓީ ވޯޓުން ބޭރުކޮށްލީ އެވެ.
ގަރާރު ބަލައިގަންނަން ނުޖެހޭ ކަމަށް ވިދާޅުވެ، ޕީއެންސީގެ މެންބަރުން ވާހަކަދެއްކެވި މައިގަނޑު ސަބަބަކަށް ވިދާޅުވަމުންގެންދެވީ، ތެލެސީމިއާ ކުދިންނަށް އާ ތެލެސީމިއާ ސެންޓަރެއް ހަދައިދީ، ލޭ ލިބުމުގައި ހުރި ދަތިތައް މި ސަރުކާރުން މިހާރު ހައްލުކޮށްދީފައިވާ ކަމަށް ވިދާޅުވެ އެވެ. އެހެންކަމުން، "މިހާރު ލޭ ލިބުމުގައި އެއްވެސް ދައްޗެއް ނެތް" ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ