ވާނުވާ ބަންދަކީ ޝަރީއަތް ކުރިއަށްދާ ގޮތް ނޭނގި ބަންދުގައި ތިބުން ކަމަށް ވިދާޅުވެ މާނަ އޮޅުވާލަން ރައީސް މަސައްކަތް ކުރައްވައިފި ވާނުވާ ބަންދަކީ ޝަރީއަތް ކުރިއަށްދާ ގޮތް ނޭނގި ބަންދުގައި ތިބުން ކަމަށް ވިދާޅުވެ މާނަ އޮޅުވާލަން ރައީސް މަސައްކަތް ކުރައްވައިފި

ވާނުވާ ބަންދުގައި މީހުން ބޭތިއްބުމަކީ ޝަރީއަތް ތާވަލް ކުރާނެ ދުވަހެއް އަދި ޝަރީއަތް ކުރިއަށްދާ ގޮތް ނޭނގި ބަންދުގައި ތިބުން ކަމަށް ވިދާޅުވެ، ވާނުވާ ބަންދުގެ މާނަ އޮޅުވާލަން ރައީސް މުހައްމަދު މުއިއްޒު މިރޭ މަސައްކަތް ކުރައްވައިފި އެވެ.
މާފަންނު ރައްޔިތުންނާއެކު މުއިއްޒު މިރޭ ބާއްވާ ބައްދަލުވުމުގައި ވާނުވާ ބަންދުގެ ވާހަކަ ދެއްކެވީ، ވެރިކަމަށް ވަޑައިގަންނަވާތާ 100 ދުވަހުގެ ތެރޭގައި ވާނުވާ ބަންދު އުވާލައްވާނެ ކަމަށް ވިދާޅުވި ވައުދާ ގުޅޭ ގޮތުން ޒުވާނަކު ސުވާލު ކުރުމުންނެވެ.
ވާނުވާ ބަންދަކީ، ކުށެއްގައި ހައްޔަރު ކުރާ ހިސާބުން ފެށިގެން އެ މައްސަލައިގައި އޭނާއަށް ދައުވާއެއްކޮށް، އެ ދައުވާއަށް ހިންގާ ޝަރީއަތް ނިމެންދެން ބަންދު ކުރުން ކަނޑައަޅާ ކަނޑައެޅުމެވެ. އެކަމަކު، މިރޭގެ ބައްދަލުވުމުގައި މުއިއްޒު މަސައްކަތް ކުރެއްވީ ވާނުވާ ބަންދަކީ، ޝަރީއަތް ހިނގާ ނުހިނގާ ގޮތް ނޭނގި ބަންދުގައި ތިބުމުގެ ގޮތުގަ އެވެ.
"[ސަރުކާރުން ކުރާ މަސައްކަތްތަކުގެ] ނަތީޖާއަކީ މިގޮތަށް މި ވާނުވާ ގޮތުގައި ކޮންމެ މީހެއްގެ ޝަރީއަތް ހިނގާނެ ދުވަހެއް، ތާވަލު ކުރާނެ ދުވަހެއް، އެއްވެސް ކަމެއް ނޭނގި ވާނުވާގެ ގޮތުގައި ތިބި ތިބުން ނިމުމަކަށް ގެނެސް މިއިން ކޮންމެ މީހެއްގެ ޝަރީއަތް ތާވަލު ކުރެވޭނެ ދުވަހާއި މި މައްސަލަތައް އަވަހަށް ބެލޭނެ ގޮތް ހަމަޖެހިގެންދިޔުމާއި މިކަންކަން ކޯޓުތަކުން އެބަ ހިންގާ ކަމުގެ މައުލޫމާތު އަޅުގަނޑަށް ދެންމެ އެޓާނީ ޖެނެރަލް ހިއްސާކޮށްދެއްވި،" މުއިއްޒު ވިދާޅުވި އެވެ.
މިރޭގެ ބައްދަލުވުމުގައި ވާނުވާ ބަންދު މުއިއްޒު ތަކުރާރުކޮށް ސިފަ ކުރެއްވީ ޝަރީއަތް ތާވަލު ކުރާނެ ދުވަސް ނޭނގި ބަންދުގައި ތިބުމުގެ ގޮތުގަ އެވެ. ޝަރީއަތުގެ ތާވަލު ނޭނގޭ މީހަކު ބަންދުގައި މިހާރު ނުތިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެ ކިޔާ ވާނުވާ، އެއީ ކުރީގައި ޝަރީއަތް ބޭއްވޭނެ ދުވަހެއް ނޭނގޭ، އެ ވާނުވާގައި. މިހާރު ކޯޓުން އެ މައުލޫމާތު ދެނީ ތާވަލު ކުރާނެ ދުވަސްތަކާއި ދެން އޮންނާނެ ދުވަހާ ކުރިއަށްވުރެ މާ ރަނގަޅަށް ތިމަންނަމެން އެބަ ހިއްސާ ކުރަމުން އެބަ ދަމޭ،" މުއިއްޒު ވިދާޅުވި އެވެ.
"ވާނުވާ ގޮތަކަށް ކޯޓު ކޭސް ތާވަލް ކުރެވޭ ދުވަސް ނޭނގި، ވާނެ ގޮތެއް ނޭނގި، އޮތް އޮތުން ނިމުމަކަށް ގެނެސް ވާ ގޮތް އެނގި މާދަން ތިމަންނައަށް ތާވަލް ވާނެއޭ ނޫނީ މިވެނި ދުވަހަކަށް ތާވަލްވާނެކަން އެނގޭނެ ހިސާބަށް ސަރުކާރުން މި އޮތީ ގެންގޮސްދީފައޭ."
އެކަމަކު، ހަމަ މިރޭގެ ބައްދަލުވުމުގައި ވާނުވާ ބަންދުގައި 347 މީހުން ތިބި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އޭގެ ތެރޭގައި، މަރުގެ މައްސަލަތަކުގައި ހިމެނޭ 29 މީހަކާއި ޓެރަރިޒަމްގެ މައްސަލަތަކުގައި ހިމެނޭ 20 މީހަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ 117 މީހުންނާއި ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގައި ހިމެނޭ 116 މީހުން ހިމެނޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެފަދަ ކުށްތަކުގައި ހިމެނޭ މީހުން ދޫކޮށްލުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންފައި އޮތް ހައްގެއް އަދި ކުރައްވއިގެން ވެސް ވާނެ ކަމެއް ނޫން ކަމަށެވެ.
"ފަސް މިނެޓެއް ނޫން އެއްވެސް ސިކުންތެއްގައި ދޫކޮށްލެވޭނެއޭ ވިދާޅުވިޔަސް ކުޑަކުދިންނާ ޖިންސީ ގޯނާ ހިންގާފައި ހުރި މީހެއް ކަމަށް ތުހުމަތު ކުރެވޭ މީހެއް، ޓެރަރިޒަމްގެ އަމަލެއް ހިންގާފައި ހުރި މީހެއް، މާރާމާރީ ނުވަތަ މަރުގެ ކަމެއް ކޮށްފައި ހުރި މީހެއް، ޑްރަގް ޓްރެފިކްކޮށްފައި ހުރި މީހެއް ދޫކުރާކަށް އަޅުގަނޑު ހިތުން އަޅުގަނޑަށް ލިބިފައި އޮތް ހައްގެއް ނޫން އަދި ފުރުސަތެއް ވެސް އަދި ކޮށްގެންވާނެ ކަމެއް ވެސް ނޫން. އެހެންވީމަ އެކަން ނުވަނީ،" މުއިއްޒު ވިދާޅުވި އެވެ.
މާފަންނު ބައްދަލުވުމުގައި ވާހަކަ ދައްކަމުން ވާނުވާ ބަންދާމެދު ކަންބޮޑުވުން ފާޅު ކުރި ޒުވާނާ އެންމެ ބޮޑަށް ފާހަގަ ކުރި މައްސަލައަކީ، ވާނުވާ ބަންދު އުވާލަން މުއިއްޒު ވީ ވައުދުތައް ނުފުއްދާ މައްސަލަ އާއި ކުރިއަށް ވުރެ ވެސް ގިނައިން މީހުންނަށް ވާނުވާ ބަންދު ޖަހާ މައްސަލަ އެވެ.
"އަޅުގަނޑު މިތަނުގައި މި ހުއްޓުނީ ޖައްބާރުވަންތް ﷲ އަށް ބިރުވެތިވެ، ރައީސް ކުރެއްވި ވައުދުތައް ފުއްދުމަށް ހަނދާންކޮށްދެމުން. ކޮބާތޯ ވާނުވާ ބަންދުން އުވާލަން ވީ ވައުދު؟ ވެރިކަމަށް 100 ދުވަސް ތެރޭގައި ވާނުވާ ބަންދު އުވާލާނަމޭ ބުނެ މި ވައުދު ދެ އަހަރު ވީއިރު ވެސް އޮތްތަނުގައި އޮތީ،" އޭނާ ބުންޏެވެ.
މުއިއްޒުގެ ސަރުކާރު، އެ ޒުވާނާ ސިފަ ކުރީ ވާނުވާ ސަރުކާރެއްގެ ގޮތުގަ އެވެ. އަދި ފާހަގަ ކުރީ، ދެ އަހަރު ތެރޭގައި ކުރިއަށް ވުރެ ގިނަ ވާނުވާ ބަންދުގައި ޖަހައިގެން "ރިކޯޑެއް" ހެދި ކަމެވެ.
"ވާނުވާ ބަންދު ޖެހުމުގެ ރިކޯޑެއް ތިޔަ ހެއްދެވީ ދެ އަހަރު ތެރޭގައި އެންމެ ގިނަ ވާނުވާ ޖެހި ވެރިކަމަށް ވެގެން. މިއީތޯ ދިވެހިންގެ ރާއްޖެއަކީ؟ މިއީ ވާނުވާ ރާއްޖެއެއް ނޫންތޯ؟ ރައީސްގެ އިހުމާލުން ފުރާނައެއް ވަނީ މިހާރު ވެސް ދުނިޔެ ދޫކޮށް ގޮސްފަ. ﷲ ސުބްހާނަހޫ ވަތައާލާ ޖަމީލްބެގެ ފުރާނައަށް ނިއުމަތް ލައްވާށި،" އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ