ލަންކާ ރައްޔިތުން އެއްވެ ހާމަކޮށްދިނީ ދިވެހީންނަށް ޓަކައި އޮތް ލޯތްބާއި ޝުކުރު
ތޫދާން ދިތުވާގެ ސަބަބުން އަވަށްޓެރި ސްރީލަންކާއަށް ދިމާވި ބޮޑު ގެއްލުމުން އަރައިގަތުމަށް ދިވެހީރާއްޖެއިން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ބޮޑު އެއްވުމެއް މިއަދު ބާއްވައިފިއެވެ. ބޮޑުތަކުރުފާނު މަގު، މާލޭ ސިޓީ ކައުންސިލުގެ އާންމު ޚިދުމަތްތަކާ ބެހޭ އޮފީސް ކުރިމަތީ، މިއަދު ހަވީރު 17:00 އިން ފެށިގެން އިރުއޮއްސުމާ ހަމައަށް އޮތް މި އެއްވުމުގައި މާލޭގައި ދިރިއުޅެމުން އަންނަ ލަންކާގެ ކުދި، ބޮޑު އެތައް ސަތޭކަ ރައްޔިތުންނެއް ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ހައިކޮމިޝަނަރު މުޙައްމަދު ރިޒްވީ ހަސަން ވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ. ދިވެހީންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ލަންކާ ރައްޔިތުން ބޭއްވި އެއްވުމުގެ ތެރެއިން -- ސަން ފޮޓޯ: އަހްމަދު އިޔާދު ރާއްޖެއާއި، ލަންކާގެ ދިދަތަކާއި، ޝުކުރުގެ އެކި ބެނާތަކާއެކު އެތައް ބަޔަކު އައީ ދިވެހީންނަށް ޝުކުރުވެރިވުމުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. އަދި ރާއްޖެއަކީ އެ މީހުންނަށް ވަރަށް ގާތް ގައުމެއް ކަމަށް ވެސް ލަންކާ ރައްޔިތުން އައީ ބުނަމުންނެވެ. މި ހަރަކާތުގެ ތެރެއިން މީޑިއާއާ ވާހަކަދައްކަވަމުން ހައިކޮމިޝަނަރު ރިޒްވީ ވިދާޅުވީ، ދިވެހީންގެ ފަރާތުން ލަންކާއަށް ވެދިން އެހީތެރިކަމަކީ ތާރީޚީ ބޮޑު އެހީތެރިކަމެއް ކަމަށެވެ. އަދި މިއީ ލަންކާއާއެކު ދިވެހީން ސާބިތުވެ ތިބިކަން ހާމަވީ ވަރަށް ބޮޑު ކަމެއް ކަމަށް ހައިކޮމިޝަނަރު ވިދާޅުވިއެވެ. ދިވެހީންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ލަންކާ ރައްޔިތުން ބޭއްވި އެއްވުމުގެ ތެރެއިން ލަންކާ ސަފީރު -- ސަން ފޮޓޯ: އަހްމަދު އިޔާދު "ސަން"އާ ވާހަކަދެއްކި ބައެއް ލަންކާ ރައްޔިތުން ބުނި ގޮތުގައި ރާއްޖޭގައި ހިންގި އެކި ހަރަކާތްތަކަކީ އެ މީހުންނަށް ވަރަށް ފުން އިހުސާސްތަކެއް ކުރުވި ކަމެއް ކަމަށެވެ. އަދި މުހިންމީ އެހީ ލިބެނީ ކުޑަ ނުވަތަ ބޮޑު ގައުމަކުންތޯ ބެލުން ނޫން ކަމަށާއި އެކުގައި ތިބިކަން ހާމަކޮށްދިނުންކަން ކަމަށް އޭނާ ބުންޏެވެ. "ދިވެހީންގެ ދީލަތިކަމަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. މިއީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް ވަރަށް ބޮޑު އުންމީދެއް،" ލަންކާ ރައްޔިތަކު ބުންޏެވެ. ދިވެހީންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ލަންކާ ރައްޔިތުން ބޭއްވި އެއްވުމުގެ ތެރެއިން -- ސަން ފޮޓޯ: އަހްމަދު އިޔާދު ތޫފާން ދިތުވާގެ ސަބަބުން ލަންކާގެ 22 މިލިއަން މީހުންގެ އާބާދީގެ 10 ޕަސެންޓު މީހުންނަށް އެކި ގޮތްގޮތަށް ވަނީ އަސަރުކޮށްފައެވެ. އެތައް ސަތޭކަ ބަޔަކު ގެއްލިފައިވާއިރު 486 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އެތައް ހާސް ގެއެއް ވަނީ ސުންނާފަތިވެފައެވެ. ނުވަތަ ބޭނުން ނުކުރެވޭ ވަރުވެފައެވެ. އެ ގައުމުން ލަފާކުރާ ގޮތުގައި ތޫފާނުގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް ހަތް ބިލިއަން ޑޮލަރު ހޭދަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ