ގަމުގައި ކަރަންޓު ކެނޑުމުން، ޗާޖިން ސްޓޭޝަނަކާއެކު އުރީދޫން އެހީއަށް
ލ. ގަމު އިންޖީނު ގޭގައި ރޯވެ، މުޅި ރަށުން އެއްކޮށް ކަރަންޓު ކެނޑުމުން، އުރީދުން ޗާޖިން ސްޓޭޝަނެއް ގާއިމުކޮށް އެހީ ފޯރުކޮށްދީފިއެވެ. ފަސް ހާސް މީހުން ދިރިއުޅޭ ގަމު އިންޖީނު ގޭގައި މެންދުރުފަހުގެ ވަގުތެއްގައި އަލިފާން ރޯވެ، މުޅި ރަށުން އެއްކޮށް ވަނީ ކަރަންޓު ކެނޑިފައެވެ. އުރީދޫން ބުނީ، ގަމުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން، އެމްއެންޔޫ ކޮލެޖު ކައިރީގައި އެމާޖެންސީ ޗާޖިން ސްޓޭޝަނެއް ގާއިމުކޮށްފައިވާ ކަމަށެވެ. އެއީ މަތިމަރަދޫގައި ހުންނަ އުރީދޫގެ ޓަވަރުގެ ބެކަޕް ޖެނެރޭޓަރުގެ އެހީގައި ކަރަންޓު ދެމުން އަންނަ ސްޓޭޝަނެއް ކަމަށް ކުންފުނިން ބުންޏެވެ. އުރީދުން ވަނީ، ޗާޖު ކުރަން ބޭނުންވާ މުހިންމު ޑިވައިސްތައް، އެ ސްޓޭޝަނަށް ގޮސް ޗާޖު ކުރެވޭނެ ކަމަށެވެ. https://x.com/OoredooMaldives/status/1996260952585748654 'ސަން'އަށް މައުލޫމާތު ދެއްވަމުން ލ. ގަމު ކައުންސިލްގެ ރައީސް އަޙްމަދު ޒަކީ ވިދާޅުވީ، އަލިފާން ރޯވީ ގާތްގަނޑަކަށް 2:45 ހާއިރު ކަމަށެވެ. އެ ވަގުތު އިންޖީނުގޭގައި ތިބި ބައެއް މުވައްޒަފުންނާ ހަވާލާދީ ޒަކީ ވިދާޅުވީ, އަލިފާން އެންމެ ފުރަތަމަ ހިފީ ދުންހޮޅީގައި ކަމަށާއި އިންޖީނުގޭ ތެރެއިން އަލިފާން ކޮންޓްރޯލްކުރަން އުޅެ ކޮންޓްރޯލް ނުވީ ކަމަށެވެ. އެ ހާދިސާއާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ގަމު ފެނަކަ އިންޖީނު ގޭގައި ރޯވި އަލިފާން 15:50 ކަން ހާއިރު ނިއްވާލާފައިވާ ކަމަށެވެ. މި ހާދިސާގައި އިންޖީނު ގޭގައި ބޭނުންކުރަމުންދިޔަ އެއް ޖަނަރޭޓަރު ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފެނަކައިން އަންނަނީ ގަމަށް ކަރަންޓު ފޯރުކޮށްދޭން މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ