ބާރު އޮތްއިރު އެއްވެ އުޅެވޭ ގޮތް ނުހެދުމަކީ އެމްޑީޕީއަށް ހެދުނު ގޯހެއް: މީކާއީލް

މިދިޔަ ފަސް އަހަރު 'ބާރު އޮވެ' އެއްވެ، އުޅުމުގެ ގާނޫނު އުވާނުލެވުމަކީ ހެދުނު ގޯހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ. އެ ގާނޫނު އުވާލަން މަޖިލީހުގެ މާ ބޮޑު 'ބާރެއް ނެތް' އެމްޑީޕީގެ ފަރާތުން މީކާއީލް މި ހިނގާ ވިހިވަނަ މަޖިލީހަށް ހުށަހެޅުއްވީ މި މަހު ތިންވަނަ ދުވަހެވެ. އެކަމަކު، މިދިޔަ ފަސް އަހަރު ސަރުކާރުގައި ތިބެ، މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް އޮވެ އެ ގާނޫނު އެމްޑީޕީން އުވައެއް ނުލައެވެ. އޭރު އޮތް 19 ވަނަ މަޖިލީހުގައި ވެސް މީކާއީލް އިންނެވިއެވެ. އެ ބިލަށް ބަހުސްކުރައްވަމުން މީކާއީލް މިއަދު ވިދާޅުވީ، އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް އޮތް ގާނޫނަކީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ޚިލާފު ގާނޫނެއް ކަމަށެވެ. އަދި، އެ ގާނޫނު އުވާލުމަކީ 2018 ވަނަ އަހަރު ވެސް އެމްޑީޕީން ވީ ވައުދެއް ކަމަށެވެ. އެކަމަކު، އެ ވެރިކަން ނިމުނުއިރު ވެސް އެ ގާނޫނު އުވައެއް ނުލައެވެ. https://sun.mv/213470 "އޭރުގެ ކާށިދޫ ދާއިރާގެ މެންބަރު [އަބްދުﷲ] ޖާބިރު އެ ބިލު ހުށަހަޅުއްވާ، ރައްޔިތުންގެ މަޖިލީހުގައި އެތައް ދުވަހެއް ވަންދެން އެ ބިލު ބޭއްވުމަކީ، އަޅުގަނޑުމެން މިއަދު އެކްނޮލެޖްކުރަން އިއްޒަތްތެރި ރައީސް، ހެނދުނު ވަރަށް ބޮޑު ގޯހެއް،" އޭނާ އެއްބަސްވެލެއްވިއެވެ. މީކާއީލް ވިދާޅުވީ، ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުން ވަރަށް މަދުން ނޫނީ ހެދޭ ގޯސްތައް ގަބޫލުނުކުރާ ކަމަށެވެ. ނަމަވެސް، މިއަދު "ވަރަށް ފަޚުރުވެރިކަމާ އެކު" އެ ގޯސް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއްވެ އުޅުމުގެ ގާނޫނު އުވާނުލާ ބޭއްވުމަކީ އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީއަށް ހެދުނު ވަރަށް ބޮޑު ގޯހެކެވެ. މި ފަހުން ޓެކްސީ ޑްރައިވަރުން ކުރި މުޒާހަރާއާއި އަދި މާލޭގެ ގެއެެއްގެ ފުރާޅަށް ކުއްޖަކު ވެއްޓުނު މައްސަލައިގައި ޒުވާނުން ކުރި މުޒާހަރާއާ ގުޅިގެން ވެސް މި ގާނޫނުގެ ދަށުން ބަޔަކަށް ދައުވާކުރާކަން ފާހަގަކޮށް، މީކާއީލް ވަނީ އެ ކަމާ ނުރުހުން ފާޅުކުރައްވާފައެވެ. https://sun.mv/212683 "މި ގާނޫނަކީ ނުކަސިޔާރުކޮށް ދިވެހި ދައުލަތަށް، ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކަށް އެޅިފައިވާ ފިޔަވަޅެއް. މިއަދަކީ އަނެއްކާ ވެސް ފުރުސަތެއް، މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް ހިމެނޭ ކަމެއް،" އޭނާ ވިދާޅުވިއެވެ. އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެންނާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ، އޮކްޓޫބަރު 15 ގައެވެ. އެކަމަކު، އެއްވެސް ތަފުސީލެއް ނުދެއްވައެވެ. އެ ގާނޫނަށް އިސްލާހު ގެނައުމަކީ މި ސަރުކާރުގެ ވައުދެކެވެ. ގާނޫނުއަސާސީގައި ބުނާގޮތުން ކުރިން ހުއްދަ ނެގުމަކައިނުލާ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމަކީ ކޮންމެ މީހަކަށް ވެސް ލިބޭ އަސާސީ ހައްގެކެވެ. އެކަމަކު، އެއްވެ އުޅުމުގެ ގާނޫނުން އެ ހައްގު ވަނީ ހަނިކޮށްފައެވެ. އެ ގާނޫނު ވުޖޫދުކުރީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ