އަބްދުއްރަޙްމާން މަރާލިކަމުގެ ދައުވާ ތިން މީހަކަށް އުފުލައިފި

އއ. މާޅޮހުގައި އަބްދުއްރަޙްމާން އާދަމް މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އިއްޔެ އުފުލައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހާމަކުރި ގޮތުގައި، މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ހައްޔަރުކުރެވުނު ތިން މީހުންގެ މައްޗަށެވެ. އެ ތިން މީހުންނަކީ:
- އއ. މާޅޮސް، ފިޔަ، އަޙުމަދު އާޝިދު
- އއ. މާޅޮސް، ލިލީފެހި، މުޙައްމަދު ވިސާމް
- އއ. މާޅޮސް، ފިނިވާގެ، އަޙުމަދު ފާރިސް
މި ތިން މީހުންގެ ތެރެއިން އަޙުމަދު އާޝިދުގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. މުޙައްމަދު ވިސާމާއި އަޙުމަދު ފާރިސްގެ މައްޗަށް އުފުލާފައިވަނީ އެ ޤާނޫނުގެ ދަށުން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
އުމުރުން 65 އަހަރުގެ އަބްދުއްރަޙްމާން މަރާލި މައްސަލައިގެ ތުހުމަތަށް މި ތިން މީހުން މިދިޔަ އޮގަސްޓް މަހު ހައްޔަރުކޮށް، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އަބްދުއްރަޙްމާން ނިޔާވީ، އޭނާގެ އަނބިކަނބަލުން ނާޒިމާ އިބްރާހީމްގެ ގެ، މާހިޔައިގައި ނިދާފައި އޮއްވައި ދިން ހަމަލާތަކާ ގުޅިގެން މާޅޮހުގެ ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާދެނިކޮށެވެ.
ފުލުހުންނަށް މި މައްސަލަ ރިޕޯޓުކޮށްފައިވަނީ އެ ދުވަހުގެ ރޭ ދަންވަރު 1:50 ހާއިރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ