ހަށިވިއްކުމުގެ ތުހުމަތުގައި ބިދޭސީ ތިން އަންހެނުންނާއި ދިވެއްސަކު ހައްޔަރުކޮށްފި

ހަށިވިއްކުމުގެ ވިޔަފާރީގެ ތުހުމަތުގައި މާލޭގެ ސްޕާއަކުން ހަތަރު މީހުން ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ މާލެ، ހ. އަރިހިޔާ ގޭގެ ތިންވަނަ ފަންގިފިލާގައި ހިންގަމުންދާ "ޕީސް ސެލޫން އެންޑް ސްޕާ"އިން ކަމަށެވެ. މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށްފައިވަނީ ފައިސާގެ މުގާބިލުގައި ޖިންސީ ކުށުގެ އަމަލު ހިންގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތައިލެންޑު ތިން އަންހެނުންނާއި ދިވެހި ފިރިހެނެކެވެ. އެއީ ގއ. ވިލިނގިލި / ރިވެލި، މުޙައްމަދު ސަމާމް ރަޝީދު (28އ) އާއި، ޖުންޕެން ކުމްބޮންޕިޓަކް (38އ) އާއި ޕަޓްޗަރިދާ ބަންނަބޮޑީ (24އ) އާއި ސުޕަވަޑީ ޖޮމްޓަރަކު (21އ) އެވެ. ފުލުހުން ބުނީ، އޭގެ ތެރެއިން ދިވެހި ފިރިހެން މީހާގެ ބަންދަށް ފަސް ދުވަސް ޖެހި ކަމަށެވެ. އަދި ތިން އަންހެނުން 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރި ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ. ފުލުހުން ދޭ މައުލޫމާތަށް ބަލާއިރު، ހަށިވިއްކުމުގެ މައްސަލަތަކުގައި އާންމުކޮށް ހައްޔަރުކުރަނީ ބިދޭސީ އަންހެނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ