ދަރިއެއް ވިހާއިރު މައެއް އަޅާ ވޭން ނޭނގޭހެން މެންބަރުކަމުގެ ބުރަ ވެސް ނޭނގޭނެ: ފަލާހު

ދަރިޔަކު ވިހާއިރު މައިންގެ ގައިގައި އަޅާ ވޭން އެހެން މީހުންނަށް ނޭނގޭހެން، މަޖިލިސް މެންބަރުކަން ކުރުމުގެ ބުރަ އެހެން މީހުންނަށް ނޭނގޭނެ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވަނީ މަޖިލިސް މެންބަރުންނަށް ކުރިމަތިވާ ޕްރެޝަރާއި ދިމާވާ ދަތިތައް އަދި ކުރަންޖެހޭ ބުރަ މަސައްކަތްތައް ވަނީ ފާހަގަކުރައްވާފަ އެވެ. ދުވާލު ހަތަރުދަން ހޭދަކުރަނީ މަސައްކަތުގައި ކަމަށް ވެސް ވިދާޅުވި އެވެ."މިއީ ހަމަ މަންމައަކު ދަރިޔަކު ވިހާއިރުގަ. އެ މަންމައަކަށް އެ އަޅާ ވޭން އެހެން މީހަކަށް. އެކަން ނުވާ މީހަކަށް ނުކުރާ މީހަކަށް ނުވަތަ. އެ އިހުސާސް ނުކުރާ މީހަކަށް ނޭނގޭ ފަދައިން ހަމަ ވާވަރު ކަމެއް ރައްޔިތުންގެ މަޖިލިސް މެންބަރުކަން ކުރުމަކީ،" އިއްޔެ ޖަލްސާގައި ފަލާހު ވިދާޅުވި އެވެ.ފަލާހުގެ އެ ވާހަކަތަކާ ގުޅިގެން ސޯޝަލްމީޑިއާގައި ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅުކޮށް ފާޑުކިޔާފައިވެ އެވެ. އެގޮތުން ފާޑުކީ ބައެއް މީހުން ބުނީ މަޔަކު ގައިގައި އަޅާ ވޭނާއި މަޖިލިސް މެންބަރުކަން ކުރުމާ އެއީ އަޅާ ކިޔާވަރަށް ވުރެ ބޮޑުކަމެއް ކަމަށެވެ."ދަރިއެއް ވިހާއިރު މައިމީހާ [ގައިގައި] އަޅާ ވޭނުގެ ވާހަކަ ގުރުއާނުގައި ވެސް އިނދޭ ބުނެފައި، ގޮނޑީގައި އިނދެގެން އަޅާ ވޭނެއްގެ ވާހަކަ ނުއިނދޭ އެކަމަކު. މިސާލު ޖަހާއިރު ވެސް ތަންކޮޅެއް ރަނގަޅު ގޮތަކަށް ކަމާބެހޭ މިސާލު ޖައްސަވާ،" މުހައްމަދު ފާރިޝްގެ ނަމުގައި ފޭސްބުކް އެކައުންޓެއް ހިންގާ މީހަކު ބުނެފައިވެ އެވެ.އޭގެއިތުރުން ފަލާހު ދެއްކެވި ވާހަކައާ ގުޅިގެން ބައެއް މީހުން އޭނާއަށް މަލާމާތް ވެސް ރައްދު ކޮށްފައިވެ އެވެ. ފަލާހުއަށް ޖޯކުޖެހި ބައެއް މީހުން ބުނެފައި ވަނީ އެފަދަ ވާހަކަތައް ފަލާހު ދައްކަވަނީ މަޖިލިސް މެންބަރުކަން ކުރުމުގެ އުރައްޕެއް އޭނާގެ ކިބައިގައި ނެތީމާ ކަމަށެވެ."ތަންދޮރު ނުދަންނަ މީހުން ބޮޑެތި ކަންތައްތަކާ ހަވާލުވީމާ ހުރިހާ ކަމެއް ވެސް ވާނީ ބުރައަކަށް،" ރިޔާސާ ފާތިމަތުގެ ނަމުގައި ފޭސްބުކްގައި ކޮމެންޓު ކުރި މީހަކު ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ