ކުޑަ އައްޔަ ބަލިކޮށް އަޝްރަފް ގައުމީ ބަނޑުފިލާ ޗެލެންޖް ކާމިޔާބުކޮށްފި ކުޑަ އައްޔަ ބަލިކޮށް އަޝްރަފް ގައުމީ ބަނޑުފިލާ ޗެލެންޖް ކާމިޔާބުކޮށްފި

ފޯރިގަދަކޮށް ދިޔަ ފައިނަލް ހީޓަކުން ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު، އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ބަލިކޮށް، ޏ. ފުވައްމުލަކު، އަޝްރަފް ހަސަން، ގައުމީ ބަނޑުފިލާ ޗެލެންޖްގެ މެންސް އޯޕަންގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ، 2023 ވަނަ އަހަރުގެ ބުރުނު ޝިކާރު ޗެލެންޖުގެ ފައިނަލުގައި ވާދަކުރި ފަހުން ކުޑަ އައްޔަ އާއި އަޝްރަފް ފައިނަލެއްގައި ވާދަކުރި ފުރަތަމަ ފަަހަރެވެ. އެ ފަަހަރު، ބުރުނު ޝިކާރުގައި ކުޑަ އައްޔަގެ މައްޗަށް ކުރިހޯދައި، 10 އަހަރު ތެރޭ އޭނާ އަތުން ފައިނަލެއްގައި މޮޅުވި ފުރަތަމަ އެތުލީޓުގެ ޝަރަފް، އަޝްރަފް ވަނީ ހޯދައިފަ އެވެ.
ފައިނަލް ހީޓު ނިންމާލުމަށް ފަހު އާމިން (ކ) އާއި އަޝްރަފް އުފާފާޅުކުރަނީ.--- ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ
ހެންވޭރު ރާޅުގަނޑުގައި މިއަދު މެންދުރު ފަހު ކުރިއަށްދިޔަ ފައިނަލުގެ ކުރިން އަޝްރަފް ވަނީ، މިއަދު ހެނދުނު ވާދަކުރި ސެމީ ފައިނަލުގައި، މި އަހަރުގެ ފުރަތަމަ ދެ މުބާރާތުގެ ޗެމްޕިއަން، އާމިން އުމަރު މޫސާ ބަލިކޮށްފަ އެވެ.
ތަފާތު ފޯމެއްގައި މި ފަހަރުގެ މުބާރާތުގައި ވާދަކުރަމުން އަންނަ، އަޝްރަފް، ސެމީ ފައިނަލުގައި، އާމިން އަތުން މޮޅުވީ 2.76 ޕޮއިންޓުގެ ފަރަގަކުންނެވެ.
އަޝްރަފް އަށް 12.50 ޕޮއިންޓް ލިބުނުއިރު، އާމިން އަށް ހޯދުނީ 9.74 ޕޮއިންޓެވެ. އަޝްރަފް ނަތީޖާ އަނބުރާލީ ފަހު ދެ ރާޅުންނެވެ. އެ ދެ ރާޅުގައި އޭނާ ވަނީ 5.67 ޕޮއިންޓާއި 6.83 ޕޮއިންޓް ސްކޯކޮށްފަ އެވެ. އާމިން އަށް ސްކޯކުރެވުނީ، ފުރަތަމަ ރާޅުގައި 5.67 ޕޮއިންޓާއި ފަސް ވަނަ ރާޅުގައި 4.07 ޕޮއިންޓެވެ.
އަޝްރަފް، ފައިނަލް ހީޓުގައި ރާޅާ އަޅަނީ: އޭނާ މި ވަނީ މިހާތަނަށް ފައިނަލް ހީޓެއްގައި ކުޑަ އައްޔައާ ދެކޮޅަށް ނުކުތް ދެ ފަހަރު ވެސް މޮޅުވެފައި.--- ފޮޓޯ: އިމޭޖަސް.އެމްވީ / ނައުޝަމް ވަހީދު
ކުޑަ އައްޔައާ ދެކޮޅަށް ފައިނަލު ހީޓުގައި، އަޝްރަފް މޮޅުވީ، 2.23 ޕޮއިންޓުގެ ފަރަގުންނެވެ. މި ފަހަރުގެ މުބާރާތުގައި އެވްރެޖްކޮށް ރަނގަޅު ސްކޯތަކެއް ނެރެމުން އަންނަ އަޝްރަފް ފައިނަލުގައި 13.00 ޕޮއިންޓް ސްކޯކުރީ އެންމެ ރަނގަޅު ދެ ރާޅުގައި، 6.83 ޕޮއިންޓާއި 6.17 ޕޮއިންޓް ސްކޯކޮށްގެންނެވެ. ކުޑަ އައްޔަގެ ޖުމްލަ ޕޮއިންޓުގެ އަދަދަކީ، 10.77 ޕޮއިންޓެވެ. އައްޔަގެ އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯތަަކަކީ، 5.67 ޕޮއިންޓާއި 5.10 ޕޮއިންޓް އެވެ.
މި މޮޅާ އެކު، އަޝްރަފަށް ވަނީ، ގައުމީ ބަނޑުފިލާ ޗެލެންޖްގެ ޗެމްޕިއަންކަމުގެ އިތުުރުން، އަންނަ އަހަރުގެ ގައުމީ ބޮޑީބޯޑިން ޓީމުގެ ޖާގައެއް ވެސް ލިބިފަ އެވެ.
ގައުމީ ބަނޑުފިލާ ޗެލެންޖުގައި ބާކީ އޮތީ މާސްޓާސް ޑިވިޝަނާއި ޑްރޮޕްނީގެ ސެމީ ފައިނަލާއި ފައިނަލް ހީޓުތަކެވެ. އެ ހީޓުތައް އޮތީ ހޮނިހިރު ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ