މާފަރު ފަޅު، ފެރިދޫގެ އިހުތިސޯސުގައި ހިމަނައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. ފެރިދޫގެ އިހުތިސޯސުގައި މާފަރު ފަޅު ހިމަނުއްވައިދެއްވައިފިއެވެ. އެމަނިކުފާނު އެގޮތަށް ނިންމެވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރަށްރަށުގެ އިހުތިސޯސް ކަނޑައަޅަން ރައީސަށް ލިބިދީފައިވާ ގާނޫނީ ބާރުގެ ތެރެއިން މިއަދު ނެރުއްވި ގަރާރެއްގައެވެ. ރައީސް މުއިއްޒު މިދިޔަ އޮގަސްޓު މަހުގެ ފަހުކޮޅު އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ފެރިދޫއަށް ވަޑައިގެން ވަނީ، މާފަރު ފަޅު އެރަށު އިހުތިސޯސުގައި ހިމަނުއްވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެ ފަޅު ތަރައްގީ ކުރާނީ ދަތުރު ދިޔުމަށް ޚާއްސަ ފިކްނިކް އައިލެންޑެއްގެ ގޮތުގައި ކަމަށާއި، އެ ފަޅަކީ ރަށަށް އާމްދަނީ ލިބޭނެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރެވޭނެ ތަނެއް ކަމަށް އޭރު އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ އެމަނިކުފާނު ވަނީ، ޕިކްނިކް އައިލެންޑް ތަރައްގީ ކުރާއިރު ގުދުރަތީ ރީތިކަން ގެއްލޭ ގޮތަށް ހަދައިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. މިދިޔަ މާޗު މަހުގެ ތެރޭގައި ވަނީ، ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓު ރިޒޯޓު ތަރައްގީކުރުމަށް ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅު އަދި ކައުންސިލްތަކުގެ އިހުތިސޯސުގައި ހިމެނޭ ރަށްތަކާއި ފަޅުތައް ވެސް ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމުގެ ބާރު ރައީސުލްޖުމްޙޫރިއްޔާއަށް ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ