ތިމާވެށީގެ ގަތުލުއާންމެއް: ހަނިފަރު ހަލާކު ކުރަނީ! ގޮއިދޫ ފުނޑަނީ! މިޔަރު މަރަނީ! ތިމާވެށީގެ ގަތުލުއާންމެއް: ހަނިފަރު ހަލާކު ކުރަނީ! ގޮއިދޫ ފުނޑަނީ! މިޔަރު މަރަނީ!

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ޑުބާއީގެ، އެކްސްޕޯ ސިޓީގައި ޑިސެމްބަރު 1، 2023، ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ދެއްކެވީ އުންމީދީ ވާހަކަތަކެކެވެ.
ދުނިޔޭގެ ބޮޑެތި ލީޑަރުންގެ ކުރިމަތީގައި، މުޅި ދުނިޔޭގެ ކަޅި، ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ކްލައިމެޓު ޗޭންޖު (ކޮޕް-28) އަށް އަމާޒުވެފައި އޮއްވައި، އެ ކޮންފަރެންސުގައި ވާހަކަ ދައްކަވަމުން މުއިއްޒު ފާހަގަ ކުރެއްވީ ތިމާވެއްޓާއި ދިވެހި އިގްތިސާދާ ގުޅިފައި އޮތް މިންވަރެވެ.
"އަޅުގަނޑުމެންގެ މި ޖަޒީރާ ރަށްތަކުގައި، ކޮންމެ މުރަކައެއް، ކޮންމެ ވެލިފުކެއް، ކޮންމެ މަހެއް އަދި ކޮންމެ ރުކަކީ، އޭގައި އަގެއްވާ އެއްޗެއް. އެތަކެތި ނެތިދިޔުމަކީ އަޅުގަނޑުމެންގެ އިގްތިސާދަށް އަދި ގައުމަށް، ލިބޭނެ ގެއްލުމެއް،" އެ ދުވަހު މުއިއްޒު ވިދާޅުވި އެވެ.
ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 22 ވަނަ މާއްދާގެ ދަށުން ތިމާވެށި ހިމާޔަތް ކުރުމުގެ ޒިންމާއެއް ވެސް މަތިވެފައި އޮތް މުއިއްޒު އެ ދުވަހު ދެއްކެވި ވާހަކަ އަޑުއަހައި ގަބޫލު ކުރި ބަޔަކު ވެއްޖެއްޔާ ހިތަށްއަރާނީ، ދިވެހިރާއްޖޭގެ ތިމާވެށި އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް އަންނާން އޮތް ޖީލަށް ގެންދިއުމަށް އެމަނިކުފާނުވެ ވެރިކަމުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެކަމަކު، އޯގަސްޓު 12، 2025، އިން އޯގަސްޓު 26، 2025 އާ ދެމެދު ހޭދަވި 14 ދުވަހުގެ ތެރޭގައި ވެސް، ތިމާވެއްޓަށް މުއިއްޒު ދެއްވާ އަހަމިއްޔަތާއި މުހިންމުކަން ހާމަވެއްޖެ އެވެ. އެ ދުވަސްތަކުގައި ތިން ފަހަރެއްގެ މަތިން އެމަނިކުފާނު އިއުލާނު ކުރެއްވީ ތިމާވެށީގެ ގަތުލުއާންމެކެވެ.
އެންމެ ފުރަތަމަ އޯގަސްޓު 12، ގައި ބ. ގޮއިދޫގައި ހުންނަވާ މުއިއްޒު އިއުލާނު ކުރެއްވީ އެ ރަށު ފަޅުގައި ރިސޯޓެއް އެޅުމުގެ ޕްރޮޖެކްޓެވެ. ޖެހިގެން އައި ދުވަހު ބ. ދޮންފަނުގައި ހުންނަވައި އިއުލާނު ކުރެއްވީ، އެ ރަށު ފަޅު ހިއްކުމުގެ ޕްރޮޖެކްޓެވެ. އޭގެ 13 ދުވަސް ފަހުން ހދ. ކުޅުދުއްފުށީގައި އޯގަސްޓު 26، ގައި އިއުލާނު ކުރެއްވީ ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމުގެ ޕްރޮޖެކްޓެވެ.
މުއިއްޒު ބޭނުންވެވަޑައިގަންނަވާ ގޮތަށް ގޮއިދޫ ފަޅުގައި ރިސޯޓެއް ބިނާ ކުރާ ނަމަ އެ ފަޅާއި އެ ފަޅުގައިވާ އެތައް ސަތޭކަ އަހަރެއްވީ މުރަކަތައް، އެހެނިހެން ދިރުންތަކާއެކު މަރުވުން ގާތެވެ. އެމަނިކުފާނު އިއުލާނު ކުރެއްވި ގޮތަށް ދޮންފަނު ފަޅު ހިއްކައިފި ނަމަ، ކިލޯމީޓަރެއްހާ ދުރުގައި އޮންނަ ހަނިފަރު ބޭގެ ގުދުރަތީ މާހައުލު ހަލާކުވެ، އެތަނަށް ޖަމާވާ އެންމަޑި އާއި ފެހުރިހިތައް ފެއްސިގެންދާނެ އެވެ. ނެތިދިޔުމުގެ ބިރު މިހާރު ވެސް ހީވެފައިވާ ކަށިމިޔަރުގެ މަސްވެރިކަން އަލުން ހުއްދަކޮށްފި ނަމަ އިސާހިތަކު އެސޮރުމެންގެ އާބާދީ ނެތިގޮސްދާނެ އެވެ.
ބ. ގޮައިދޫ ފަރުގައި ހެދިފައިވާ ބޮޑެތި ގަދީމީ މުރަކަތަކަކީ އާދަޔާ ހިލާފު މުރަކަތަކެކެވެ. އެއިން ބައެއް މުރަކަތަކަކީ އެތައް ސަތޭކަ އަހަރެއްވެފައިވާ މުރަކަތަކެކެވެ. ބައެއް މުރަކަތަކަށް 300 ނުވަތަ 500 އަހަރު ވެފައިވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.
އެ ފަރުގައި ހުރި ބައެއް މުރަކަތަކަކީ މާސިންގާ މުރަކަތަކެކެވެ. ބައެއް މުރަކައިގެ ބޮޑުމިނުގައި 15 އާއި 37 މީޓަރު އެބަ ހުއްޓެވެ. މި މުރަކަތަކުގެ އެންމެ އާދަޔާ ހިލާފު އެއް ސިފައަކީ ކާރިސާތަކުން ސަލާމަތްވުމުގެ ގާބިލްކަން ލިބިފައިވުމެވެ. މުރަކަ ހުދުވުން ފަދަ، މުރަކައަށް އާންމުކޮށް ދިމާވާ އެއްވެސް ކަމެއް މި މުރަކަތަކަކަށް ދިމައެއް ނުވެ.
ގޮއިދޫ ފަރުގައި މި ހުރި އާދަޔާ ހިލާފު މުރަކަތަކުން ފަރުގެ މުޅި ހިސާބަށް ބިސް ދޫކުރެ އެވެ. އަދި އެ ބިހުން އުފެދޭ އެހެން މުރަކަތަކުގައި ވެސް ހާއްސަ ވިލުންވެރި ސިފަތައް އެކުލެވެ އެވެ.
އެ މުރަކަތައް އެހާ ވިލުންވެރިވާ ސަބަބެއް ސައިންޓިސްޓުންނަށް ވެސް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. ގޮައިދޫ ފަރުގައި ހުރި މުރަކަތައް ދިރިދެމި ހުންނަ ސަބަބު ދެނެގަނެވިއްޖެ ނަމަ އެއީ އިންގިލާބީ ހޯދުމަކަށް ވާނެ އެވެ. އެކަން ހޯދިއްޖެ ނަމަ އެއީ އެހެން މުރަކަތައް ދިރުވުމަށް ލިބޭނެ އެހީއަކަށް ވެސް ފަހަރުގައި ވެދާނެ އެވެ.
ގޮައިދޫ ފަރުގެ މުރަކަތައް އެތައް ކިލޯމީޓަރަކަށް ދެމިގެންދެ އެވެ. މުޅި ރާއްޖެއިން ފެންނަ މުރަކައިގެ ބާވަތްތަކުގެ ތެރެއިން ދެ ބައިކުޅަ އެއްބައި މި ފަރުން ފެނެ އެވެ. މި ހުރިހާ މުރަކަތަކެއްގެ ތެރެއިން 50 ޕަސެންޓާއި 80 ޕަސެންޓާ ދެމެދުގެ މުރަކައަކީ ދިރޭ މުރަކަ އެވެ. އެއީ ރާއްޖޭގެ އިތުރުން މުޅި ދުނިޔެއަށް ބެލި ނަމަވެސް އާދަޔާ ހިލާފު ގިނަ އަދަދެކެވެ.
ގޮއިދޫ ފަޅު ހިއްކައިގެން ރިސޯޓެއް ހަދަން އިއުލާނު ކުރުން
ގޮއިދޫ ފަޅުން ބިން ހިއްކަން މުއިއްޒު އިއުލާނު ކުރެއްވީ އޯގަސްޓު 12، ގައި އެމަނިކުފާނު އެ ރަށަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ. ގޮއިދޫ ފަޅުގައި ރިސޯޓެއް ހެދުމަކީ މުއިއްޒު މީގެ ކުރިން ވެފައި އޮތް ވައުދެކެވެ.
"އާދެ، ދެން އަޅުގަނޑު ވައުދުވެފައި އޮންނާނެ، ރަށު ތެރެއިން، ފަޅުތެރޭގައި ރިޒޯޓެއް ތަރައްގީ ކުރުމަށް ބަޔަކާ ހަވާލުކުރުމަށް. އެކަން އަޅުގަނޑުމެން އިއުލާނުކޮށް، ބަޔަކު ހޯދައި، މިހާރު ބިޑް އެވޯޑް ކޮށްފައި ވާނީ. ދެން، މި މަސް ނިމުމުގެ ކުރީގައި، އެ ރިޒޯޓު ތަރައްގީ ކުރުމަށް ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައި. އެވާހަކަ ވެސް ދަންނަވާލަން،" މުއިއްޒު ވިދާޅުވި އެވެ.
މާހިރުން ބުނަނީ ކީކޭ؟
އާޔާ މަރިޔަމް ރާހިލް ނަސީމް، މައިކްރޯ ބަޔޮލޮޖިސްޓު، މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް
ހަނިފަރު ބޭއަކީ ދޮންފަނާ އެއް ކިލޯމީޓަރު ދުރުގައި އޮންނަ ހަނިފަަރު ރަށް ކައިރި އޮންނަ ގޮނި ގަނޑެކެވެ. ގޮންޏަކީ ރަށްރަށުގެ ނުވަތަ ފަރުފަރުގެ އާންމު ބައްޓަމަށްވުރެ އެތެރެއަށް ވަދެފައި އޮންނަ ތަނަށް ކިޔާ ނަމެވެ.
މިތަން އުފެދިފައިވާ ބައްޓަމުން، ހުޅަނގު މޫސުމުގައި މިތަނުގެ ބޭރުގައި ހުންނަ އޮއި އެތެރެއަށް ދަމާލައި، ނަގޫރޯޅިއެއް ގޮތަށް ފުޅޮއި ހެދި އެނބުރި އެނބުރި ހުރެ އެވެ. އެހެންވާ ވުމަށް ކިޔާ އިނގިރޭސިން ކިޔަނީ ބެކް އެޑީ އެވެ. މި އޮއިވަރުގައި ޖެހެނީ ކުދިކުދި ރެދަންފަންޏެވެ. އެއީ އެންމަޑި އާއި ފެހުރިހި އެންމެ ގަޔާވާ އެއް ކާނާ އެވެ.
ދިވެހިރާއްޖޭގައި އުޅޭ އެންމަޑި އާއި ފެހުރިއްސަކީ ކާނާ ހޯދަން އެކި އަތޮޅުތަކުގައި ހިޖުރަ ކުރަމުން ދަތުރު ކުރާ ދެ ޖަނަވާރެވެ. އެންމަޑި އާއި ފެހުރިހި ހިޖުރަ ކުރަމުން ގޮސް މެއި މަހާއި ނޮވެމްބަރު މަހާ ދެމެދު އަންނަނީ ހަނިފަރު ބޭއަށެވެ.
އެސޮރުމެން އެންމެ ގިނަ ވަނީ ޖޫން އަދި ޖުލައި މަހުގެ ތެރޭގަ އެވެ. ޖޫން ނުވަތަ ޖުލައި މަހުގެ ބައެއް ދުވަސްތަކުގައި ހަނިފަރުން 200 އެއްހާ އެންމަޑި ފެނުން ވެސް ގާތެވެ. ހަނިފަރަކީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން އެންމަޑި ޖަމާވާތަނެވެ.
މި އަޖައިބުކުރަނިވި ގުދުރަތީ ފެނޯމެނާގެ ސަބަބުން ހަނިފަރު ބޭއަކީ ތިމާވެށީގެ ގޮތުން ރައްކާތެރިކޮށްފައިވާ ތަނެއް ކަމުގައި 2009 ވަނަ އަހަރު ވަނީ ކަނޑައަޅައިފަ އެވެ. އަދި އެއީ ޔުނެސްކޯގެ ބަޔޮސްފެއާ ރިޒާވެއްގެ ގޮތުގައި ވެސް ވަނީ ކަނޑައަޅައިފަ އެވެ.
ހަނިފަރު ބޭއާ ގާތްގަނޑަކަށް ދެ ކިލޯމީޓަރެއްހާ ދުރުގައި އޮންނަ ކިހާ ރިސޯޓުގެ އޯވާ ވޯޓާ ވިލާތައް ތަރައްގީ ކުރިއިރު، ހަނިފަރަށް އޭގެ ނުރަނގަޅު އަސަރު ކުރި ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީ އިން ބުނެ އެވެ. އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހެދި ތިމާވެއްޓަށް އަސަރު ކުރާނެ މިންވަރު ބަލާ ރިޕޯޓު ތައްޔާރުކޮށްފައި އޮތީ އެންމެ ރަނގަޅަށް ނޫން ކަމަށް ވެސް މިނިސްޓްރީ އިން ބުނެ އެވެ.
"ކިހާދުއްފަރު ރިސޯޓު ހިމެނޭ ގޮތަށް ޓުއަރިސްޓު ރިސޯޓުތަކުގެ އީއައިއޭ ރިޕޯޓުތައް ރިވިއު ކުރިއިރު، ރަށް ގިރުމާއި ސެޑިމެންޓޭޝަން [މަސައްކަތްތަކުގެ ސަބަބުންވާ ކިލަނބު] އަދި މަސައްކަތްތަކުން ތިމާވެއްޓަށް ކުރާ އަސަރު މޮނީޓާ ކުރުމުގެ ކަންކަން އެކަށީގެންވާ މިންވަރަށް ބަލާފައެއް ނުވޭ،" ހަނިފަރު ކޮންޒަވޭޝަން ޕްލޭނުގައި މިނިސްޓްރީ އިން ބުނެފައިވެ އެވެ.
ދޮންފަނު ބިން ހިއްކަން އިއުލާނު ކުރުން
ދޮންފަނަކީ ރާއްޖޭގެ ނިސްބަތުން އާބާދީ ކުޑަ ރަށެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އެންމެ ފަހުން ހެދި ބޯހިމެނުމުގެ ނަތީޖާއިން ދައްކާއިރު، ރަށުގައި އުޅެނީ 398 މީހުންނެވެ. ރަށުގެ ބޮޑުމިނުގައި މިހާރު ހުންނަނީ 1.8 ކިލޯމީޓަރެވެ.
ރަށުގައި ބޮޑު ފަޅެއް އޮވެ އެވެ. އެ ރަށަށް އޯގަސްޓު 13، ގައި މުއިއްޒު ވަޑައިގެން އިއުލާނު ކުރެއްވީ އެ ފަޅުން ބޮޑު ބައެއް ހިއްކުމުގެ މަޝްރޫއު އެވެ. މުއިއްޒުގެ ދަތުރުގައި އެ ޕްރޮޖެކްޓުގެ އެގްރިމެންޓުގައި ސޮއި ވެސް ކުރި އެވެ.
"[ދޮންފަނުގެ] ބިމުގެ ޖާގަ ވަރަށްދަތި. އެހެންވީމާ، މި މަޝްރޫޢާ އެކީގައި، ގާތްގަނޑަކަށް 13 ހެކްޓަރުގެ ބިން މި ހިއްކެނީ. 13 ހެކްޓަރުގެ ބިން އިތުރުވެގެންދިޔައީމަ، ތިޔަބޭފުޅުންގެ ބިމުގެ ދަތިކަމަށް، މި ރަށުގެ ފަޅުތެރެއިން ޙައްލު ގެނެވެން އޮތް އެންމެ ބޮޑަކަށް، ޙައްލު އެ ގެނެވުނީ،" މުއިއްޒު ވިދާޅުވި އެވެ.
ދޮންފަނު އަދި ހަނިފަރު ބޭ
މާހިރުން ބުނަނީ ކީކޭ؟
ހުމައިދާ އަބްދުލްޣަފޫރު، އެންވެރަމެންޓަލް އެކްޓިވިސްޓް
ކަށިމިޔަރަކީ ކަނޑުގެ ވަރަށް ފުނުގައި ދިރިއުޅޭ މިޔަރުގެ ބާވަތެކެވެ. ކަށިމިޔަރު އާންމުކޮށް އުޅެނީ ކަނޑުގެ 200 މީޓަރަށްވުރެ އަޑީގަ އެވެ. މިއީ އާލާވާން ގިނަ އަހަރުތަކެއް ނަގާ މިޔަރުގެ ބާވަތެކެވެ.
ކަށިމިޔަރު ދަރިމާވާން ފަށަނީ އެ ސޮރުމެންނަށް ގާތްގަނޑަށް 20 އަހަރު ފުރޭ ފަހުންނެވެ. އެއީ ކަށިމިޔަރު ފުރާފުރިހަމަވާން އެ މުއްދަތު ނަގާތީ އެވެ. އަދި ދަރިމައިވުމުގެ އުމުރަށް ދިޔުމުން، ވިހަނީ ދެ އަހަރު ބަލިވެ އިނުމަށްފަހު އެވެ.
ބާނަން ފަށައިފި ނަމަ، ކަށިމިޔަރުގެ އާބާދީ އެހާ އަވަހަށް ހުސްވެ، ނިމިދަނީ އެހެންވެ އެވެ. ކަށިމިޔަރުގެ 15 ބާވަތުގެ 11 ބާވަތަކީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ބާވަތްތަކެވެ. މިޔަރުގެ ހުރިހާ ބާވަތެއްގެ ތެރެއިން، ނެތިދިޔުމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ބާވަތްތަކުގެ ތެރޭގައި ވެސް ކަށިމިޔަރު ހިމެނެ އެވެ.
މީގެ ކުރިން 1980 ގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރި އެވެ. ކަށިމިޔަރުގެ މަސްވެރިކަން މީގެ 15 އަހަރު ކުރިން 2010 ވަނަ އަހަރު މަނާ ކުރިއިރު، އެ ބާވަތުގެ މަސްވެރިކަން ކުރާ 38 އުޅަނދު ރާއްޖޭގައި ހަރަކާތްތެރިވި އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ މަައިގަނޑު ބޭނުމަކީ އެސޮރުމެންގެ ފުރަމެއިން ތެޔޮ ނެގުމެވެ. ސްކުއެލީން ނަމަކަށް ކިޔާ މި ތެލަކީ ކޮސްމެޓިކްސް، ބޭސް އަދި ވެކްސިން ހަދަން ބޭނުން ކުރާ އެއްޗެކެވެ. ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ފެށުނީ ޖަޕާނު މީހުން އައިސް އެކަމަށް ޝައުގުވެރިކަން އުފެއްދުމުންނެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި، ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ފެށިތާ އެންމެ 10 އަހަރުގެ ތެރޭގައި ކަށިމިޔަރުގެ އާބާދީ 50 ޕަސެންޓު މަދުވި އެވެ. ޓްރެފިކް.އޯގް އިން ބުނާ ގޮތުގައި 1982 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރާ ހަމައަށް ކަށިމިޔަރުގެ އާބާދީ 97 ޕަސެންޓު ދަށްވި އެވެ.
ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުން
ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުއްދަ ދެއްވާނެކަން މުއިއްޒު އިއުލާނު ކުރެއްވީ އޯގަސްޓު 26، ގައި ހދ. ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ.
"މެނޭޖްމަންޓު ޕްލޭނެއް ޑްރާފްޓުކޮށް ނިމިއްޖެ. އެހެންވީމާ މި މެނޭޖްމަންޓު ޕްލޭނުގެ ދަށުން 1 ނޮވެމްބަރުން ފެށިގެން ކަށިމިޔަރު މަސްވެރިކަން ކުރަން ހުޅުވާލާނަން. އެހެންވީމާ 1 ނޮވެމްބަރުން ފެށިގެން އަލުން މި މަސްވެރިކަމަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އަލުން އެކަން ކުރުމުގެ ފުރުސަތު ލިބިގެންދާނެ. އެހެންވީމާ އެކަމަށް ތައްޔާރުވާން ބޭނުންވާ ފަރާތްތަކުން ތައްޔާރުވާން އަޅުގަނޑު ގޮވާލަން. އިރާދަކުރެއްވިއްޔާ ވަރަށް މުހިންމު ދޮރެއް މި ހުޅުވައިދެނީ،" މުއިއްޒު ވިދާޅުވި އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރާ ސަބަބެއް ކަމުގައި މުއިއްޒު ވިދާޅުވީ، މީގެ ކުރިން ވެސް ކުޅުދުއްފުށީގައި އެ ބާވަތުގެ މަސްވެރިކަން ކޮށްފައި އޮތުމެވެ.
"މި ސިޓީގެ ރައްޔިތުންނަކީ ހާއްސަކޮށް މީގެ ކުރީގެ ދުވަސްތަކެއްގައި ކުރީގެ ޒަމާނެއްގައި ކަށިމިޔަރުގެ މަސްވެރިކަން ކުރި ބައެއް. ވަރަށް ބޮޑު އާމުދަނީއެއް އެކަމުން ލިބެމުންދިޔަ. ނަމަވެސް ގަވާއިދުތަކަށް ގެނެވުނު ބަދަލުތަކާ އަދި ބައެއް އެހެން ކަންކަމާ ހެދި އެކަން ވަނީ ހުއްޓިފަ. އަޅުގަނޑުމެން މިހާރު ފިޝަރީޒް މިނިސްޓްރީ އާއި އެންވަރަމަންޓް މިނިސްޓްރީއާ އަދި ގަވާއިދުތަކާ އެއްޗެހި ބަލާ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފިން އަދި ކުރަމުން މި ދަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
~~
ތިމާވެށި ހިމާޔަތް ކުރުމަކީ އެވަގުތަކު ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަކަށް ފެނިއްޖެއްޔާ ކުރައްވަންޖެހޭ ކަމެއް ނޫނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ކުރައްވަން ޖެހޭ އެންމެ ކުޑަ މިންވަރެވެ. އަންނާން އޮތް ޖީލަށް ދުޅަހެޔޮ ވެއްޓެއް ވާރުތަ ކޮށްދިނުމަކީ ދައުލަތުގެ އެންމެ ބޮޑު އެއް ޒިންމާ އެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ޒިންމާ އަދާ ކުރާކަން ކަށަވަރު ކުރުމަކީ ހުރިހާ ދިވެހިންގެ ވެސް ވާޖިބެކެވެ. ތިމާވެށި ހިމާޔަތް ކުރުމަކީ އެންމެންގެ ބޮލުގައި ވެސް އެޅިފައިވާ ޒިންމާއެކެވެ.
ތިމާވެށި ހަލާކުކޮށްފި ނަމަ ދެން އޮތް ޖީލަށް އަހަރުމެން މި ވާރުތަ ކުރަނީ ފަގީރުކަމެވެ. އެއިރުން ކާބަފައިންގެ ގޮތުގައި ފެއިލިވީ އެވެ. އެހެންވެއްޖެ ނަމަ، މި ޖީލުގެ ވާހަކަ ތާރީހުގައި ލިޔެވޭނީ ހުތުރުކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ