ބ. ދޮންފަނުގެ ބިން ހިއްކުމުގެ ޕްރޮޖެކްޓު ކުރިއަށް ނުގެންދާން ނިންމެވީ އެކަންކުރަން އެ ރަށުގެ ރައްޔިތުން ނޭދޭތީ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ހެއްދެވީ ދޮގެއް ކަމަށް ދޮންފަނު ކައުންސިލުން ބުނެފި އެވެ.
ދޮންފަނު ކައުންސިލްގެ ހުރިހާ މެންބަރުން ސޮއިކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބިން ހިއްކުން ހުއްޓާލަން މުއިއްޒު ނިންމެވީ އެ ރަށުގެ ރައްޔިތުންނާއި ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާކުރުމެއް ނެތި ކަމަށެވެ.
"ރައްޔިތުން މިހާރު ބިން ހިއްކަން ބޭނުން ނުވާ ކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވާފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. ދޮންފަނު ބިން ހިއްކުމަކީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް މަޝްރޫއު،" ދޮންފަނު ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ދޮންފަނު ކައުންސިލުން ވަނީ ވީހާވެސް އަވަހަކަށް އެ ރަށު ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް ވެސް މުއިއްޒު އާއި ސަރުކާރަށް ގޮވާލާފަ އެވެ.
ރައްޔިތުން ބޭނުން ނުވާ ކަމަށް ބުނެ ދޮންފަނު ބިން ނުހިއްކާން މުއިއްޒު ނިންމެވީ މިއަދު ހެދުނު އެވެ. އެމަނިކުފާނު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދޮންފަނުގެ ބިން ހިއްކަން ސޮއިކުރީ އެ ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ވީ ވައުދު ފުއްދުމަށް ކަމަށެވެ.
ނަމަވެސް އެކަން އެގޮތަށް ކުރަން ރައްޔިތުން މިހާރު އެދޭތީ ބިން ނުހިއްކަން ސަރުކާރުން ނިންމާފައިވާކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ބ. ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއެއް ހިންގަން ވައުދު ވިން. އަދި އެ ވައުދު ފުއްދުމަށް އެގްރީމެންޓް ގައި ސޮއި ކުރިން. ނަމަވެސް ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވަނީ. އެހެން ކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ދޮންފަނުގެ ބިން ނުހިއްކާނެކަން ކަމާބެހޭ ވުޒާރާއިން މިއަދު ސިޓީއަކުން އެ ރަށުގެ ކައުންސިލަށް އަންގާނެ ކަމަށެވެ.
ރަށްރަށުގައި ކުރާނެ ކަންކަމާ ބެހޭ ވައުދުވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަށް އެދިގެން ކަމަށާއި ރަށްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ދޮންފަނުގެ ބިން ހިއްކަން ރައްޔިތުން ބޭނުންވިޔަސް، ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމިއްޔާތަކުންނާއި ޓޫރިޒަމް ސިނާއަތުގެ މަސްލަހަތުވެރިންނާއި އާންމުން ވެސް ވަނީ މިކަން ނުކުރަން ސަރުކާރަށް ގޮވާލާފަ އެވެ.
ދޮންފަނު ރައްޔިތުން ބިން ހިއްކަން ބޭނުންނުވާ ކަމަށް ބުނެ މުއިއްޒު ހެއްދެވީ ދޮގެއް: ދޮންފަނު ކައުންސިލް ދޮންފަނު ރައްޔިތުން ބިން ހިއްކަން ބޭނުންނުވާ ކަމަށް ބުނެ މުއިއްޒު ހެއްދެވީ ދޮގެއް: ދޮންފަނު ކައުންސިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ