ސްޕައިވެއާތަކާ ދެކޮޅަށް، އައިފޯން 17ގައި މެމޮރީ ސެކިއުރިޓީ ފީޗާއެއް

އެޕަލްއިން އެ ކުންފުނީގެ އައިފޯން 17 ސީރީޒްގައި "މެމޮރީ އިންޓެގްރިޓީ އެންފޯސްމަންޓް" (އެމްއައިއީ)ގެ ނަމުގައި އާ މެމޮރީ ސެކިއުރިޓީ ފީޗާއެއް ތަޢާރަފުކޮށްފިއެވެ. އެޕަލްއިން މިކަން ސިފަކޮށްފައިވަނީ ވަކިވަކި ފަރުދުން އާންމުކޮށް ބޭނުންކުރާ އޮޕަރޭޓިން ސިސްޓަމްތަކުގެ ތާރީޚުގައި މެމޮރީ ސޭފްޓީއަށް ގެނައި އެންމެ ބޮޑު ކުރިއެރުމުގެ ގޮތުގައެވެ. މި އާ ސެކިއުރިޓީ ފީޗާ އަކީ "ޕެގަސަސް" ފަދަ ސްޕައިވެއާ ތަކުން އައިފޯނަށް ދޭ ހަމަލާތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަމާޒުކޮށްފައިވާ އެއްޗެކެވެ. އެޕަލްއިން ބުނި ގޮތުގައި، އެމްއައިއީއަކީ އެންހާންސްޑް މެމޮރީ ޓެގިން އެކްސްޓެންޝަން (އީއެމްޓީއީ)ގެ މައްޗަށް ބިނާކޮށްފައިވާ، ކާނަލް އަދި 70 އަށް ވުރެ ގިނަ ޔޫޒާލޭންޑް ޕްރޮސެސްތަކަށް ކޮންމެ ވަގުތެއްގައި ވެސް ފުރިހަމަ މެމޮރީ ސޭފްޓީ ޕްރޮޓެކްޝަން ފޯރުކޮށްދޭނެ ފީޗާއެކެވެ. މި އާ ސެކިއުރިޓީ ފީޗާއަށް، އައިފޯން 17ގެ ހުރިހާ މޮޑެލްތަކާއި އައިފޯން އެއާގައި ހުންނަ އޭ19 އަދި އޭ19 ޕްރޯ ޗިޕްތަކުން ސަޕޯޓްކުރެއެވެ. މީގެ އިތުރުން، އެޕަލްއިން ވަނީ އާ މެމޮރީ ޓެގް ކުރުމުގެ ފީޗާތަކަށް ސަޕޯޓް ނުކުރާ ކުރީގެ ހާޑްވެއާތަކަށް ވެސް މެމޮރީ ސޭފްޓީގެ ކުރިއެރުންތައް ގެނެސްފައެވެ. އީއެމްޓީއީ އަކީ ޑަބްލިއުޑަބްލިއުޑީސީގައި ކުރިން ތަޢާރަފުކުރި އެންހާންސްޑް ސެކިއުރިޓީ ފީޗާގެ ބައެއްގެ ގޮތުގައި ހިމެނޭ ފީޗާއެކެވެ. މިފީޗާ އެކްސްކޯޑގައި ހުރިހާ އެޕަލް ޑިވެލޮޕަރުންނަށް ވެސް ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. އެޕަލްއިން ބުނި ގޮތުގައި، މި އާ ފީޗާގައި "ސްޕެކްޓާ ވީ1" ހަމަލާތަކުން ރައްކާތެރިވުމުގެ އުކުޅުތައް ވެސް ހިމެނެއެވެ. މި އުކުޅުތައް މަސައްކަތްކުރަނީ ސީޕީޔޫއަށް ބުރަނުވާ ގޮތަށް ކަމަށް އެޕަލްއިން ބުނެއެވެ. މިއީ ކުރިން މިފަދަ ސެކިއުރިޓީ ފީޗާތަކުން ދިމާވި ޕާފޯމަންސްގެ މައްސަލަތަކަށް ލިބުނު ހައްލެކެވެ. އެޕަލްއިން ދެކޭ ގޮތުގައި، މި ބަދަލުތަކުގެ ސަބަބުން "މާސަނަރީ ސްޕައިވެއާ" އުފެއްދުން ވަރަށް ބޮޑަށް ދަތިވެގެންދާނެއެވެ. އަދި މިއީ ސަވައިލެންސް އިންޑަސްޓްރީއަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމަށް ވެސް އެޕަލްއިން ބުނެއެވެ. އެޕަލްއިން ބުނި ގޮތުގައި، ފާއިތުވި ތިން އަހަރުގެ އެންމެ ސޮފިސްޓިކޭޓެޑް ސްޕައިވެއާ ހަމަލާތަކާ ދެކޮޅަށް އެމްއައިއީ ބޭނުންކޮށްގެން ކުރި އިވެލުއޭޝަންތަކުން ދައްކާ ގޮތުގައި، އެމްއައިއީ އަކީ އެކްސްޕްލޮއިޓް ޗެއިންތައް އުފައްދައި ބެލެހެއްޓުން ވަރަށް ބޮޑަށް ދަތިކޮށްލާނެ އެއްޗެކެވެ. އަދި ފާއިތުވި 25 އަހަރުގެ އެންމެ ބޮޑު އެކްސްޕްލޮއިޓޭޝަން ޓެކްނިކްތަކަށް ވެސް މިއީ ބޮޑު ހުރަހެއް ކަމަށް އެޕަލް އިން ބުނެއެވެ. މިއާއެކު، އެޕަލްގެ އުފެއްދުންތަކަށް މެމޮރީ ސޭފްޓީގެ މުޅިން އާ މަންޒަރެއް ފެންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މި މައުލޫމާތާއި ގުޅޭ އިތުރު ތަފުސީލުތައް އެޕަލްގެ ސެކިއުރިޓީ ރިސާޗް ބްލޮގުގައި ހިމަނައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ