ޑޮކްޓަރުންތަކެއް ސްކޭމެއްގައި ޖެއްސުން: މައުލޫމާތު ދޭން ކްރިކެޓު އޮފީސް ދޫކުރި މުވައްޒަފަށް ފިޔަވަޅު އަޅައިފި
ސްޕެޝަލައިޒްވާން އުޅުނު ޑޮކްޓަރުންތަކަކާއި ޑޮކްޓަރުކަން ކިޔަވަން އުޅުނު ކުދިންތަކެއް އެތައް ހާސް ޑޮލަރުން ސްކޭމް ކުރި މައްސަލައިގައި ތުހުމަތުވާ އޭޖެންސީއަށް، ކްރިކެޓް ބޯޑުގެ އޮފީސް ނަހަމަ ގޮތުގައި ދޫކުރި މުވައްޒަފަށް ފިޔަވަޅު އަޅައިފިއެވެ. ރާއްޖެއިން ބޭރުން މެޑިސިން ކިޔެވުމުގެ ކަންކަން ހަމަޖައްސައިދޭނެ ކަމަށް ބުނެ ޒީޑް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކިޔާ ބަޔަކު އެތައް ދިވެހީންނެއްގެ އަތުން ފައިސާ ނަގައި، ކިޔަވަން ދިޔުމުގެ ކަންކަން ހަމަޖައްސައިދީފައި ނުވާ މައްސަލައެއް އެ ކުދިންނާއި އެ ކުދީންގެ އާއިލާތަކުން ވަނީ ސޯޝަލް މީޑިއާގައި މި ފަހުން ހާމަކޮށްފައެވެ. މި މައްސަލަ ވަރަށް ބޮޑުވި ފަހުން އިއްޔެ ފުލުހުން ބުނީ އެ މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށާއި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއެވެ. https://x.com/sunbrk/status/1965773443619844298 މި މައްސަލައިގައި ގެއްލުން ލިބުނު މީހުންނަށް, ހިލޭ ސާބަހަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ, އެޗް އެންޑް އެސޯސިއޭޓްސް އެލްއެލްޕީގެ މެނޭޖިން ޕާޓްނަރު, އަދި ގާނޫނީ ވަކީލް, އިބްރާހީމް ހާފިޒް މިއަދު "ސަން" އަށް ވިދާޅުވީ، މި މައްސަލައިގައި ތުހުމަތުވާ އޭޖެންސީއިން, ދިވެހިރާއްޖޭގެ ކްރިކެޓް އެސޯސިއޭޝަން (ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް) ހިންގާ އޮފީސް ބޭނުންކޮށްގެން ކިޔަވަންދާ ދަރިވަރުންނާ ބައްދަލުކޮށް ޕްރެޒެންޓޭޝަންދީ ބައްދަލުވުންތައް ބާއްވަމުންދާ ކަމަށެވެ. ކްރިކެޓު އެސޯސިއޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، މިދިޔަ ހޯމަ ދުވަހު އެބޯޑުގެ އޮފީހަށް ފުލުހުންނާ އެއްކޮށް އިތުރު ބަޔަކު ވަދެގެން އުޅޭ ކަމުގެ ޚަބަރު ލިބިގެން އެތަނަށް އެ ބޯޑުގެ ސީނިއާ މެނޭޖުމަންޓުން ދިޔަ ކަމަށެވެ. އެ ތަނަށް ގޮސް ބެލިބެލުމުގައި، އެ ކްރިކެޓު ބޯޑުގެ އިމާރާތަށް ރަސްމީ އެއްވެސް ހައިސިއްޔަތެއް ނެތް ބިދޭސީއަކު ވަދެފައިވާ ކަމާއި އެ މީހާ އޮފީހަށް ވެއްދުމުގައި އެތަނުގެ މުވައްޒަފަކު ބައިވެރިވި ކަމަށް ފާހަގަކުރެވުނު ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. އެހެންވެ، އެ މުވައްޒަފާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށާއި އެކަމުގެ ހަގީގަތް ހޯދުމަށް ކަމާ ބެހޭ ފަރާތްތަކަށް އެއްބާރުލުން ދޭނެ ކަމަށް އެ ބޯޑުން ވަނީ ބުނެފައެވެ. އެޗް އެންޑް އެސޯސިއޭޓްސް އެލްއެލްޕީއަށް ކަށަވަރުކުރެވިފައިވާ މައުލޫމާތުތަކުން ހާމަވާ ގޮތުން، ޒީޑް އިންޓަނޭޝަނަލްއިން ވަނީ މެލޭޝިއާ، ފިލިޕީންސް އަދި ސްރީލަންކާގައި މެޑިސިންގެ ދާއިރާއަށް ޚާއްސަކޮށްފައިވާ ޕްރޮގްރާމްތަކަށް ނަގާ އަސްލު ޓިއުޝަން ފީގެ ތިން ގުނަ ނުވަތަ ހަތަރު ގުނަ ބޮޑު އަގު ދައްކަން ޖެހޭކަމަށް ބުނެ ދަރިވަރުންނަށް އޮޅުވާލައި ފައިސާ ނަގާފައެވެ. https://sun.mv/211102 މި ވަގުތު ވެސް އެ އޭޖެންސީ ދަނީ މާލޭގެ ބޮޑެތި މަގުތަކުގައި އިޝްތިހާރުތައް ބަހައްޓައިގެން ދަރިވަރުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ހާފިޒް ވިދާޅުވިގޮތުގައި އެ ކުންފުނި އެކި ނަންނަމުގައި ރާއްޖޭގައި އޮޕަރޭޓް ކުރާތާ ވަރަށް ދުވަސްވެއްޖެއެވެ. މި ފަހުން އެ ކުންފުނިން ފިލިޕީންސަށް ސްޕެޝަލައިޒްވާން ފޮނުވި ދިވެހި ޑޮކްޓަރުންތަކެއްގެ އަތުން ތިން އަހަރު ދުވަހަށް 40,000 ޑޮލަރުގެ ފީއެއް ނެގުމަށް އެގްރީމެންޓް ހެދިއިރު އެ ކިޔެވުމުގެ އަސްލު އަގަކީ ތިން އަހަރަށް 10,000 ޑޮލަރުކަން ފަހުން އެނގިފައިވާ ކަމަށް ވެސް ހާފިޒް ވިދާޅުވިއެވެ. އެ ތުހުމަތުތަކާ ގުޅިގެން ޒީޑްގެ ބަހެއް ހޯދުމަށް އެ ކުންފުނީގެ ނަންބަރަށް ގުޅިއިރު ފޯނު ނިވާލާފައި އޮންނާތީ އެ ކުންފުނީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ. ތުހުމަތު ކުރާ ގޮތުގައި އެ ކުންފުނި ހިންގަމުން އަންނަނީ ކުޅިވަރު ދާއިރާގައި އިސްކޮށް އުޅުއްވާ ދިވެއްސަކު ފަހަތުގައި ހުންނަވައިގެން އަވައްޓެރި ސްރީލަންކާގެ ބައެއް މެދުވެރިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ