ގިނަ ބައަކަށް ޤިޔާމަތް ދުވަހާއިމެދު ބިރުވެތިނުވެވެނީ މިކަންކަން ނުއެނގޭތީ! ނުވިސްނޭތީ!

އެއްވެސް މީހަކަށް ޖިންނި ޝައިޠޯނުން ފެންނާކަށް ބޭނުމެއް ނުވާނެއެވެ. އެއީ އެއްޗެތީގެ ފަރާތުން ކަމެއް ކުރިމަތިވެ ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ. ޤިޔާމަތް ދުވަހާއިމެދުވެސް މިވަނީ އެފަދަ ގޮތެކެވެ. ބައެއް މީހުން ޤިޔާމަތް ދުވަހުގެ ވާހަކަތައް އަޑުއަހަންވެސް ބޭނުމެއް ނުވެއެވެ. ނަމަވެސް އެވާހަކަތައް އަޑުނުއަހާ މީހަކަށް ކަންކަން ވިސްނޭނީ ވަރަށް ކުޑަކޮށެވެ. ޤިޔާމަތް ދުވަހު ކުރިމަތިކުރައްވަވާނެ ކަންކަން ވިސްނޭވަރަށް ހިތުގައި ބިރުވެރިކަން އިތުރުވާނެއެވެ. އިން ޝާ ﷲ
ޤިޔާމަތް ދުވަހު އިރު ތިރިވެފައިހުންނަވަރު ބޮޑުކަމުން ހޫނު ގަދަކަމުން މީހުންގެ ގައިން ފައިބާ ދަލުން މުޅިތަނުގައި ފެންބޮޑުވެގެންދާނެއެވެ. އެމީހަކު ކުރި ފާފައެއްގެ ނިޞްބަތުން އެމީހަކަށް އުޅެން ޖެހޭނީ އެ ފެންގަނޑުގައެވެ.
އެފެންގަނޑުގައި އުޅެން ޖެހުމަކީ ފިނިވާނެ ކަމެއް ނޫނެވެ. އެމީހަކަށް މިންވަރުކުރައްވަވާފައިވާ ވަރަކަށް އެމީހަކަށް ދާނީ ހޫނުވަމުންނެވެ. އިރުގެ ހޫނުގަދަކަމުން ފެންގަނޑު ހުންނާނީ ކެކިކެކިއެވެ.
އެހާލުގައިވެސް ފެންގަނޑު ބޮޑުވެ އެމީހެއްގެ އަނގައާއި ހަމައަށް ފެންގަނޑު އަރައި އަނގަ ހުޅުވުމުން އަނގައަށް ފެން ވަންނާތީ ވާހަކަ ނުދެއްކޭނެ ބައަކުވެސް އުޅޭއެވެ.
ކޮންމެއަކަސް މިފަދަ ޙާލުގައި މީސްތަކުންވާއިރު 7 ބާވަތެއްގެ މީހުން އެ ހުރިހާ މުޞީބާތްތަކުން ﷲ ތަޢާލާ ސަލާމަތް ކުރައްވަވައި ޤިޔާމަތުގެ މައިދާނަކީ އެމީހުންނަށް ހިޔާލިބި ފިނިކަން ލިބޭ އަރާމުތަނަކަށް ހައްދަވާނެތެވެ. އެތަނުން އެއް ބައަކީ ރީތި، ބާރާ ނުފޫޒު ހުރި އަންހެނަކު ޒިނޭ ކުރުމަށް ދައުވަތުދިނުމުން ﷲ ތަޢާލާއަށް ބިރުން އެކަން ނުކުރާ މީހާއެވެ. ދެވަނަ މީހާއަކީ ރޭގަނޑު މީހުން ނިދުމުން ނިދިން ހޭލައި ﷲ ތަޢާލާ އާއިމެދު ވިސްނައި ފިކުރުކޮށް ބިރުވެތިވެ ލޮލުން ކަރުނަ އަޅާ މީހާއެވެ.
ޤިޔާމަތް ދުވަހު ﷲ ތައާލާ ބައަކަށް ހިޔާ ދެއްވަވާނެ ކަމަށް ބުނުމުން އެއީ ކިހިނެއް ހިނގާނެ ކަމެއް ކަމާއިމެދު ސުވާލު އުފައްދައެވެ. އެއީ ޚާއްޞަގަހެއްގެ ދަށުގައި ތިބެން ޖެހުންތޯ؟ ވިލާ ގަނޑަކުން ހިޔާ ލިބެނީތޯ؟ މިފަދަ ސުވާލުތައް ކުރެއެވެ. ޖަވާބުގައި ބުނަން އޮތީ އެދުވަހު އެނިޢްމަތް ދެއްވަވާނެ ގޮތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާ ކަމެވެ. ޔަޤީން ކަމަކީ އިރު ދާދިގާތަށް ތިރިވެފައި ހުރުމުން އިންތިހާއަށް ހޫނުގަދަ އެދުވަހު 7 ބާވަތެއްގެ މީހުންނަށް ﷲ ތަޢާލާ ޙިޔާވަހިކަން ދެއްވަވާނެ ކަމެވެ.
--ބިލާލް އައްސަދުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ