'ގެދޮރުވެރިޔާ' ސްކީމުގެ ފްލެޓުތަކަށް ދައްކަން ޖެހޭ 25،000ރ.ގެ ޑައުންޕޭމަންޓަށް ލުއި ގޮތްތަކެއް ހަދައިދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިިހިނެއް؟ - ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އަޅާ 4،000 ފްލެޓުތަކުގެ ތަޅުދަނޑިތައް މިހާރު ބައެއް މީހުންނާ ވަނީ ހަވާލުކޮށްފަ އެވެ.
މީގެ ކުރިން ދޫކުރި ސޯޝަލް ހައުސިން ޔުނިޓުތަކަށް ޑައުންޕޭމަންޓް ދައްކަން ނުޖެހި އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި އަތަށް ދިން ނަމަވެސް، ގެދޮރުވެރިޔާ ސްކީމްގެ ފްލެޓުތަކުގެ ތަޅުދަނޑި އަތަށް ލިބޭނީ ޑައުންޕޭމަންޓް ދައްކާ ނިންމުމުން ކަމަށް އެފްޑީސީން ބުނާތީ، މި ތަނަށް ދައްކަން ޖެހޭ 25،000ރ.ގެ ޑައުންޕޭމަންޓާ އެކު، ފްލެޓުތަކުގެ ކުލި ކުޑަކޮށްދިނުމަށް، ފުލެޓުވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ، ފަހި ޔޫނިއަންއިން ސަރުކާރަށް މީގެ ކުރިން ވެސް ވަނީ ގޮވާލާފަ އެވެ.
ތަފްސީލް - ގަލޮޅު ރައްޔިތުންނާ އެކު ރައީސް ރޭ ބޭއްވި ބައްދަލުވުމުގައި ވެސް ބައެއް މީހުން ވަނީ އެތަނުގެ ކުލި ކުޑަކޮށްދީ، ޑައުންޕޭމަންޓް މައާފުކޮށްދިނުމަށް އެދިފަ އެވެ.
ޖަވާބުގައި ރައީސް ވިދާޅުވީ އެކަން ވަރަށް "ސީރިއަސްކޮށް" ބަލައިދޭނެ ކަމަށާއި އެކަމަށް ގެެނެވޭނެ ހައްލަކީ ކޮބައިތޯ މަޝްވަރާކޮށްފައި ރަނގަޅު ބަދަލެއް ގެނެސްދޭނެ ކަމަށެވެ.
"މިކަމުގައި ގެނެވެން އޮތް އެންމެ ރަނގަޅު ބަދަލެއް، ހަމަ އެންމެ ރަނގަޅު ހައްލެއް ތިޔަ ކަންބޮޑުވުންތަކަށް ހާއްސަކޮށް އެންމެ ރަނގަޅު ބަދަލެެއް ގެނެސްދޭނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ ފްލެޓުތަކުގެ ތެރެއިން ނުނިމިހުރި ތަންތަނުގެ މަސައްކަތްތައް ވެސް ގާތްގަނޑަަކަށް މިހާރު ހުރީ ނިމިފައި ކަމަށާއި އަންނަ ހަފްތާގެ ތެރޭގައި ނިންމާލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މަސްތެރޭ އެތަންތަނަށް ވަދެވޭވަރުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެނގުން މުހިންމު - އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އަޅާ މި ފްލެޓުތައް ލިބޭ މީހުންނާ އެކު ސޮއިކުރަނީ ފްލެޓުތައް ނިމޭ ތަރުތީބުންނެވެ. ފްލެޓުތައް ހަވާލުކުރަނީ އެތެރޭގެ މަސައްކަތްތައް ވެސް ނިންމުމަށް ފަހު އެވެ.
އެފްޑީސީ ފްލެޓުތަކަށް ކަނޑައަޅާފައިވާ ކުލި:
ދެ ކޮޓަރީގެ އެޕާޓުމެންޓަކަށް މަހު ކުއްޔަށް 7،000ރ. އަދި މެއިންޓެނެންސްއަށް 1،000ރ.އާ އެކު މަހަކު ޖުމްލަ 8،000ރ.؛ ޑައުންޕޭމެންޓަށް 15،000ރ.
ތިން ކޮޓަރީގެ އެޕާޓުމެންޓަށް މަހު ކުއްޔަށް 9،000ރ. އަދި މެއިންޓެނެންސްއަށް 1،500ރ.އާ އެކު މަހަކު ޖުމްލަ 10،500ރ؛ ޑައުންޕޭމެންޓަށް 25،000ރ.
ގެދޮރުވެރިޔާ ފްލެޓަށް ދައްކަން ޖެހޭ ޑައުންޕޭމަންޓަށް ލުއިގޮތެއް ހަދައިދޭނަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ