ހީނާ އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން ރާއްޖެއަށް

އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ހީނާ ޚާން އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. ބެލެވޭ ގޮތުގައި ބަތަލާ ރާއްޖެ އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކެއް ރަސްމީ އިންސްޓަގްރާމްގައި ހިއްސާ ކުރަމުން ބަތަލާ ކެޕްޝަންގެ ގޮތުގައި ލިޔެފައި ވަނީ 'ގޯލްޑަން ޑިސެމްބަރު" މިހެންނެވެ. ހީނާ މިފަހަރު ރާއްޖެ އައިސްފައި ވަނީ ބަތަލާގެ މަންމަ ރުކްސާނާ އަސްލަމް ޚާން އާއި ދެބެއިންގެ ދެދަރި ކޮއްކޮ ކަމަށްވާ އަބީރާ އަދި ފިރިމީހާ ރޮކީ ޖެއިސްވާލްއާ އެކުއެވެ. ހީނާ ވަނީ އާއިލާގެ މެމްބަރުންނާ އެކު ނަގާފައިވާ ފޮޓޯތަކުގެ އިތުރުން ބަތަލާ ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓުގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މީގެއިތުރުން ބަތަލާގެ ފޮލޮވާސްއަށް ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓުގެ ރޫމް ޓުއާއެއް ވެސް ހީނާ ވަނީ ވީޑިއޯ މެދުވެރިކޮށް ދީފައެވެ. ހީނާ އާއިލާ މެމްބަރުން އަދި ފިރިމީހާ ރޮކީއާ އެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި--ފޮޓޯ/އިންސްޓަގްރާމް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެސް ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތްކޮށްފައިވާ ބަތަލާ މިފަހަރު ޗުއްޓީ ހޭދަކުރަމުން އަންނަނީ ދާދިފަހުން ގއ.އަތޮޅުގައި ހުޅުވި ލަގްޒަރީ ރިސޯޓު ދަ ހަލްސިޔޯން ޕްރައިވެޓް އައިލްސް މޯލްޑިވްސްގައެވެ. ހީނާ ޚާން ފާހަގަކޮށްލެވެނީ އިންޑިއާގެ ޓެލެވިޒަން ބަތަލާއިންގެ ތެރެއިން ވަރަށް ގިނައިން ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތް ކުރަމުން އަންނަ ބަތަލާއެއްގެ ގޮތުގައެވެ. ސްޓާ ޕްލަސްގެ މަގުބޫލު ޑްރާމާ ސީރީސް "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"ގައި ކުޅުނު އަކްޝަރާގެ ކެރެކްޓާއިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ބަތަލާ ވަނީ ބައެއް ފިލްމުތަކުންނާއި ރިއަލިޓީ ޝޯތަކުން ވެސް ފަހުން ފެނިފައެވެ. ހީނާއަށް ގިނަ ބައެއްގެ ސަމާލުކަން މިފަހުން ލިބެންފެށީ މިދިޔަ އަހަރު ޖޫން މަހުގެތެރޭ ބަތަލާއަށް ކެންސަރު ބަލި ޖެހިފައިވާކަން އިއުލާނުކޮށް ބައްޔަށް ފަރުވާ ހޯދަމުންދިޔައިރު ކުރެވުނު ތަޖުރިބާތައް އާއްމުންނަށް ހިއްސާކުރަން ފެށި ހިސާބުންނެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ބަތަލާ ވަނީ ހުރިހާ ކީމޯ ތެރަޕީ ސެޝަންތަކެއް ނިންމުމަށްފަހު އެކަމަށް ހާއްސަ ސާޖަރީއެއް ވެސް ކޮށްފައެވެ. ބަތަލާ މިހާރު އަންނަނީ އިމިއުނޯތެރަޕީ ސެޝަންތަކެއް ފުރިހަމަކުރަމުން ކަމަށާއި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ކެންސަރު ބައްޔާ ހަނގުރާމަ ކުރުމުގައި ދެމިހުންނާނެ ކަމަށް ހީނާ ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ