އާކޮށްދޭން ވައުދުވި ސިނަމާލެ، މާލެ ހިޔާ ވީރާނާވާން ދޫކޮށްލާފަ އޮތުމުން ކަންބޮޑުވުން

މާލޭގައި އެންމެ ފުރަތަމަ ހެދި ފްލެޓް އިމާރާތް ސިނަމާލެ އަދި މާލެ ހިޔާ ފްލެޓުތައް ބާވެ، ވީރާނާވާން ދޫކޮށްލާފައިވާކަމުގެ ޝަކުވާއާއެކު ރައީސް މުހައްމަދު މުއިއްޒަށް ގިނަ ކަންބޮޑުވުންތަކެއް އެތަނުގައި ދިރިއުޅޭ ބައެއް މީހުން މިރޭ ބަންޑުންކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - ސިނަމާލެ އާއި މާލެ ހިޔާ ފްލެޓްތައް ތަޅާލައި، އެތަނުގައި ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް ހިންގުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ މަޝްރޫއު ހިންގަން މާލޭ މޭޔަރު ކަމުގައި ހުންނެވިއިރު ފާސް ވެސް ކުރި އެވެ. އެމަނިކުފާނު އޭރުގެ ވިސްނެވުމަކީ މިހާރު އެތަނުން ފްލެޓް މިލްކުކޮށްފައިވާ މީހުންނަށް އާ މަޝްރޫއުން ހިލޭ ފްލެޓް ދީ، އިތުރު ބަޔަކަށް ވެސް ފްލެޓް ދިނުމެވެ.
ބުނީ ކީކޭ؟ - ގަލޮޅު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ރޭ ބޭއްވެވި ބައްދަލުވުމުގައި އެ ތަނަށް ދިޔަ ގިނަ ބަޔަކު ވަނީ ފްލެޓްތަކުގެ ހާލަތު ބަޔާންކޮށް ވަރަށް ބޮޑަށް ޝަކުވާ ކޮށްފަ އެވެ.
އެގޮތުން އެކަކު ބުނީ، އެތަންތަނުގެ ހާލަތު ބަލައިލަން އެއްވެސް ވެރިއަކު މިވީ އަހަރެއްހާ ދުވަސް ތެރޭ ވެސް ޒިޔާރަތްކޮށްލާފައި ނުވާ ކަމަށާއި ކައުންސިލުން ވެސް އެތަނުގެ ހާލަތު ބަލަމުން ނުދާ ކަމަށެވެ.
"މާލެ ހިޔާގެ 1، 2، އަދި ސިނަމާލެ ތެރެވެސް ވަަރަށް ހާލު ވަރަށް ދެރަ. އެއްވެސް ވެރިއަކު މިވީ އަހަރެއްގެ ތެރޭގައި[އައިސްފައެއްނުވޭ،] ސިޓީ ކައުންސިލުން ވެސް އެއްވެސް ބޭފުޅަކު އަންނަ ތަނެއް ނޫން އެއީކީ. އެއްވެސް ބަޔަކު ނާދޭ، ކައުންސިލަށް ހޮވިފައި ހުރި ބޭފުޅަކީ ވެސް އަންނަ މީހެއް ނޫން. އެންމެ ފަހުން އައީވެސް [ރައީސް މުހައްމަދު]މުއިއްޒު ޑޯޓު ޑޯ ކުރެއްވި ދުވަހެއްގައި،" އޭނާ ބުންޏެވެ.
ރައީސްގެ ޑޯޓު ޑޯގައި ވެސް މާލޭ ހިޔާއަށް ވަޑައިގެންނެވީ އެތަނުގެ އެންމެ ގެއަކަށް ކަމަށާއި އަންނަކަން އެއްވެސް މީހަކަށް އެނގިފައި ވެސް ނުވާ ކަމަށެވެ. ރައްޔިތުންނާ ބައްދަލުކުރަން އަންނައިރު އެންމެ ގެއަަކަށް ވަޑައިގެން، އެނގުމެއް ވެސް ނެތި އެނބުރި ވަޑައިގަތުމަކީ ކަންކުރަންވާނެ ގޮތެއް ނޫންކަން ފާހަގަކޮށް އޭނާ ވަރަށް ބޮޑަށް އެކަމުގައި ހިތްހަަމަ ނުޖެހުން ފާޅުކުރި އެވެ.
"ރައީސް މުއިއްޒު އައިސްފަ ހިނގަތްޖޭ ބުނީ. ދެން ތިރިއަށް ފޭބިއިރު ނެތް ފެންނާކަށް. މިހާރު ޖެހޭނެ ދެއްތޯ ބުނެލަން. މިއަދު އެބަވަޑައިގަންނަވައޭ، ރައްޔިތުންނާ ބައްދަލުކޮށްލަން ބޭނުމޭ. އެހެންވެއްޖެއްޔާ ހުރިހާ ރައްޔިތުން ވެސް ބޭނުންވާނެ ދެއްތޯ ބައްދަލުކޮށްލަން. އެންމެ ގެއަކަށް ވަނީ، އެންމެ ގެއަކަށް ވަދެ އެދިޔަ ގޮތަށް ދިޔައީ،" އޭނާ ބުންޏެވެ.
މާލޭ ހިޔާގެ ހާލަތު ކިޔައިދެމުން އޭނާ ބުނީ:
އެމަގުން ލާފައި ދާ މީހަކަށް ވެސް އެތަން އޮތް ހާލު އެނގޭނެ
ފުރަތަމަ ފަންގިފިލާގެ ލިފްޓު ސުވިޗް ހަލާކުވެފައި ހުންނަތާ ވެސް ހަ މަސް ވެއްޖެ؛ އެކަން ހައްލުކުރަން ތަކުރާރުކޮށް ބުނެވިއްޖެ
ތަނުގައި ހުންނަނީ ބަކުރު ކިޔާ މީހެއް އެކަނި؛ އެތަން ބަލާލާނެ މީހަކު ނާދެ
ރައީސްގެ މޮޓޯގާޑް ވެހިކަލުތައް އެ ސަރަހައްދުގައި ބަހައްޓާފައި ހުންނާތީއާ ރައީސްގެ ސެކިއުރިޓީން އެތަން "ހިސާރުކޮށްފައި" އޮންނާތީ އެތާ ދިރިއުޅޭ އާންމުންގެ މީހުންގެ ދަރީން ނިކުމެ ކުޅެލާނެ ތަންކޮޅެއް ވެސް ނޯވެ
މާލޭ ހިޔާ 1 ފްލެޓުގައި ދިރިއުޅޭ އެހެން މީހަކު ވެސް ބުނީ، އޭނާ ދިރިއުޅޭ އިމާރާތް ވަރަށް ބޮޑަށް ވީރާނާވެ، ހަލާކުވެފައިވާއިރު އެ މައްސަލާގައި ކައުންސިލާ ވާހަކަދެއްކުމުން އެތަނުގެ މަރާމާތު މަސައްކަތްތައް ކުރަން ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. އެކަމަކު އެ ކުންފުނީގެ ފަރާތުން ފަސް ފްލެޓުގެ މަސައްކަތްތައް ކުރަން ތިބެނީ އެންމެ ތިން ބިދޭސީން ކަމަށާއި އެހެންވެ އެކަމުގައި ވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށް އޭނާ ބުންޏެވެ.
އެނގުން މުހިންމު - ސިނަމާލެއަކީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޗައިނާގެ އެހީގެ ދަށުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުއެކެވެ. އެތަނުގައި މީހުން ދިރިއުޅެން ފެށީ 1990ގަ އެވެ. ސިނަމާލޭގެ ކުރިމަތިން އަމީނީ މަގުގައި މާލެ ހިޔާގެ ނަމުގައި ފްލެޓްތައް އިމާރަތްކުރީ ސަރުކާރުންނެވެ.
އެކަަމަކު އެ އިމާރާތްތައް މިހާރު ހުރީ ވަރަށް ބޮޑަށް ބާވެފަ އެވެ.
ސިނަމާލެ ފްލެޓް އަލުން ތަރައްގީކުރަން ހިންގާ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓްތަކުގެ ކޮންސެޕްޓް މާލޭ ސިޓީ ކައުންސިލުން މިދިޔަ އެޕްރީލުގައި އޮތީ ފާސްކޮށްފަ އެވެ. އެކަމަކު އެ މަސައްކަތް މިހާރު އޮތް ހިސާބެއް ނޭނގެ އެވެ.
ހޮންކޮންގައި ރަޖިސްޓްރީކޮށްގެން ހިންގާ، 'އެސްއެފް ޕްރޮޖެކްޓް ކޮންސަލްޓެންސީ ލިމިޓެޑް'އާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ އެއްބަސްވުމުގައި ކައުންސިލުން ސޮއިކުރީ 17 އޮގަސްޓު 2023 ގަ އެވެ.
އޭރު ކައުންސިލުން ބުނިގޮތުގައި، މި އެއްބަސްވުމުގެ ދަށުން:
ޖުމްލަ 1،500 ހައުސިން ޔުނިޓް ތަރައްގީކުރާނެ
މަޝްރޫއުގެ ތެރެއިން ސިނަމާލެ ފްލެޓް 1،2،3 އާއި މާލެ ހިޔާ 1،2 ފްލެޓްތައް ތަޅާލައި އެ ބިންތަކުގައި އާ ޓަވަރުތައް އަޅަން ހަަމަޖެހިފައިވޭ
އާ ފްލެޓްތައް އަޅާނީ ސިނަމާލެ އާއި މާލެ ހިޔާ ފްލެޓްތައް މިހާރު ސަރަހައްދު ހިމެނޭހެން 23،476 އަކަ މީޓަރުގެ ބިމެއްގައި
މި ފްލެޓްތައް އިމާރާތްކުރަން ކަނޑައެޅި ބިމުގައި ހޭންޑްބޯލް ކޯޓެއް އޮތުމުން އެ ކޯޓު ހުރި ބިމުން 3،310 އަކަ މީޓަރު ވަނީ އުނިކޮށްފައި 
ފްލެޓް އަޅަން މިހާރު އޮތް ސަރަހައްދު ކުޑަވަމުން، އެ ބިމުގައި އިމާރާތް ކުރެވެނީ ޖުމްލަ 1،360 ފްލެޓު؛ މިއީ ކުރިން އެއްބަސްވެ ސޮއިކުރި އެއްބަސްވުމަށް ވުރެ، 140 ފްލެޓް މަދު އަދަދެއް
މި މަޝްރޫއުގައި 20 ފްލޯ ހިމެނޭ އެއް ޓަވަރު އަޅަން ބޭނުންވާ ބިން ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާ ކަމަށް ވެސް އޭރު ބުންޏެވެ. މި މަޝްރޫއުގެ ދެން ހުރި ފްލެޓްތައް އިމާރާތްކުރަން ހަމަޖެހިފައިވާ ބިންތަކުގައި، ސަރުކާރުގެ ބައެއް ތަންތަން ހުރުމުން އެ ބިންތައް ކައުންސިލްގެ ނަމަށް ބަދަލުކުރުމާ ގުޅޭ ގޮތުން ސަރުކާރާ އެކު މަޝްވަރާ ކުރާނެ ކަމަށް ވެސް އޭރު ކައުންސިލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ