ބެޑްމިންޓަން އެސޯސިއޭޝަންގައި އެތުލީޓުން ތަމްސީލްކުރާ މެމްބަރަކަށް އަދީމް ބެޑްމިންޓަން އެސޯސިއޭޝަންގައި އެތުލީޓުން ތަމްސީލްކުރާ މެމްބަރަކަށް އަދީމް

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމްް)ގެ ހިންގާ ކޮމިޓީގައި އެތުލީޓުން ތަމްސީލް ކުރާ މެމްބަރަކަށް އަހުމަދު އަދީލް އިންތިހާބުކޮށްފި އެެވެ.
ބީއޭއެމް އިން އާ އަސާސީ ގަވާއިދެއް ފާސްކޮށް، މިދިޔަ މަހުގެެ 22 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި، އާ ރައީސަކަށް އިޝްފާން މުހައްމަދު (އިއްޕަ) އިންތިހާބުވި އެވެ.
ފާސްކުރި އާ އަސާސީ ގަވާއިދުގެ ތެރެއިން، ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައި ތިބޭނީ އަށް މެމްބަރުންނެވެ. އެއީ، ރައީސް އާއި ދެ ނައިބު ރައީސުންގެ އިތުރުން، ހަތަރު ރިޕްރެޒެންޓޭޓިވް އާއި އެތުލީޓުން ތަމްސީލްކުރާ ރެޕްރެޒެންޓޭޓިވް އެކެވެ. ކުރިން، އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އާއި ހަޒާންދާރަަށް ހިންގާ ކޮމިޓީން ފުރުސަތު އޮތްނަމަވެސް، އާ އަސާސީ ގަވާއިދާ އެކު، ޖެނެރަލް ސެކްރެޓަރީ އާއި ހަޒާންދާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު ބޮޑުކޮށް، އައްޔަނުކުރާ މަގާމަކަށް ބަދަލުވެގެންދާނެ އެެވެ.
އަސާސީ ގަވާއިދާ އެކު ފާސްކުރެވިފައިވާ ގޮތުން، ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބީ ކޮންގްރެސް ބޭއްވޭތާ 60 ދުވަސް ތެރޭ، އެތުލީޓުން ތަމްސީލްކުރާ ރެޕްރެޒެންޓޭޓިވެއް އިންތިހާބު ކުރަން ޖެހޭނެ އެވެ. އަދި، އެ ފަރާތެއް އިންތިހާބު ކުރާނީ ހަމައެކަނި، އިންޑިވިޖުއަލް މެމްބަރުންގެ ވޯޓުންނެވެ. އެ ގޮތުން، ހުޅުވާލި ފުރުސަތު ތެރޭގައި، އެތުލީޓުން ތަމްސީލްކުރާ މެމްބަރަކަށް ކުރިމަތިލީ އަދީމް އެކަންޏެވެ. އެހެންކަމުން، ރޭ އޭނާ މި ވަނީ އެ މަގާމަށް އިންތިހާބުވެފަ އެވެ.
ގައުމީ ބެޑްމިންޓަން ޓީމުގެ މެނޭޖަރުކަން ކުރިން ކޮށްފައިވާ އަދީމް އަކީ، ރާއްޖޭން ބެޑްމިންޓަންގައި ހޯދި ބޮޑެތި ކާމިޔާބީތަކުގައި ހިއްސާ އޮފް ފަރާތެކެވެ. އެ ގޮތުން، 2019 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި، ރާއްޖޭން އައިމިނަތު ނަބީހާ (ނަބީ) ރަން މެޑަލް ހޯދިއިރު، ޓީމުގެ މެނޭޖަރަކަށް ހުރީ އަދީމް އެވެ. އަދި، ޕާކިސްތާންގައި 2019 ވަނަ އަހަރު ބޭއްވި ބީޑަބްލިއުއެފް މުބާރާތުން ރާއްޖޭގެ ޒަޔާން ޒަކީ އާއި ފާތިމަތު ނަބާހާ (ނަބާ) ރަން މެޑަލް ހޯދައި، ބީޑަބްލިއުއެފްގެ މުބާރާތަކުން ހޯދި ފުރަތަމަ ރަން މެޑަލް ހޯދި ޓީމުގައި ވެސް މެނޭޖަރެއްގެ ގޮތުގައި އަދީމް ހުރި އެވެ.
އިއްޕަގެ ލީޑަޝިޕް ޓީމުގައި ނައިބު ރައީސަކީ، ތަޖުރިބާކާރު އަމްޕަޔަރު، އަހުމަދު ޝިހާމް (ޕުޗު) އާއި އިބްރާހިމް ހަމްޒާ ހަލީލް އެވެ. ޕުޗުގެ ކެންޑިޑެސީ ހުށަހެޅީ އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކަޑަމީންނެވެ. އަދި، ހަމްޒާގެ ނަން ހުށަހެޅީ ކްލަބް ސްޓެޓިކުންނެވެ. ހިންގާ ކޮމިޓީގެ ދެން ހުރި މަގާމުތައް ފުރުއްވާނީ، އިންޑޯ ސްޕޯޓްސް ބެޑްމިންޓަން ކްލަބްގެ ހަަސަން ޒަރީރު، ކްލަބް އޭވިއޭޝަން ސެކިއުރިޓީގެ އިބްރާހިމް އަފީފް، ކަސްޓަމްސް ރެކްރިއޭޝަން ކްލަބްގެ މިންނަ ރަޝީދު އަދި، ސްުޕޯޓްސް ކްލަބް ހޮސްކޯގެ ސުހާ ޖަލީލް އެވެ. ދެން، އެތުލީޓުން ތަމްސީލްކުރާ މެމްބަރަކަށް އަދީމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ