ނަތީޖާ އެ ދަނީ ލިވަޕޫލްގެ ކޯޗު ސްލޮޓް ބޯކަހަން ޖެހޭ ހިސާބަށް

ހަމައެކަނި 3-2ގެ ނަތީޖާއަށް ބަލައިފި ނަމަ ހިތަށްއަރާފާނެ އެވެ: ލިވަޕޫލް އެ ބަލިވީ ހަމަ ކިރިޔަކިރިޔާ ދޯ އެވެ. އެކަމަކު ލިވަޕޫލްގެ މައްޗަށް ބްރެންޓްފޯޑްގެ އަމިއްލަ ދަނޑުގައި އެ ދައްކާލި ކުޅުމުން އެނގުނީ އެއަށް ވުރެ މާ ތަފާތު ބޮޑު ނަތީޖާއަކުން ވެސް ލިވަޕޫލް ބަލިކުރެވުނީސް ކަމެވެ.
ޕްރިމިއަ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަށް ލީގުގެ ކުރީކޮޅު ވަމުން މިދަނީ ކިހިނެއް ހެއްޔެވެ؟ މި ސީޒަނަށް ޓީމު ވަރުގަދަކުރަން ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ލިވަޕޫލުން ހޭދަކުރި އެވެ. ނަމަވެސް އަގުބޮޑު ކުޅުންތެރިންގެ ފަރާތުން ފެންނަނީ އެވަރުގެ ކުޅުމެއް ނޫނެވެ.
ރޭގެ ބަލިވުމަކީ ލީގުގައި ޖެހިޖެހިގެން ހަތަރު މެޗުން، 2021ގެ ފަހުން، ލިވަޕޫލް ބަލިވި ފުރަތަމަ ފަހަރެވެ. 
ލިވަޕޫލަށް މި ފަހުން ލިބުނު ކާމިޔާބީތަކުގެ ފަހަތުގައި ހުރި މުހައްމަދު ސަލާހުގެ ކުޅުން ދަށްވުން އެކަންޏެއް ނޫނެވެ. ދިފާއުގެ ބޮޑު ފާރު އަދި ކެޕްޓަން ވާޖިލް ވެން ޑައިކްގެ ކުޅުމާ މެދު ވެސް މިހާރު ސުވާލު އުފެދެ އެވެ. ބްރެންޓްފޯޑްގެ ފޯވަޑުންނާއި މިޑްފީލްޑަރުން ބޭނުން ގޮތަކަށް ލިވަޕޫލްގެ ފަހަތް ފޫއަޅުވަމުން ދިޔަ އިރު ވެސް އޭނާއަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓަށް ބޯނުކަހާ ދެން ހަމައެއް ނުޖެހޭނެ އެވެ. ލީގުގެ ފެށުން މި ގޮތަށް އަތުވެއްޖެ ނަމަ ދެން ދިމާވާނެ ހުރަސްތަކަކީ އޭނާއަށް އޮތް ފިކުރެކެވެ. ނަމަވެސް ސްލޮޓް އަދި ހާސްވެގެން އުޅޭ ތަނެއް ނުފެނެ އެވެ.
މެޗަށް ފަހު ސްލޮޓް ބުނީ އިދިކޮޅު ޓީމުން ތިން ލަނޑު ޖަހައިފި ނަމަ އެ މެޗުން މޮޅުވާން އެއީ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.
"އަހަރެން ފުރަތަމަ ވެސް ކުރަން ބޭނުންވަނީ އަހަރެމެންނަށް ގޯސްކޮށް ކުރެވުނީ ކޮން ކަމެއްތޯ އާއި ރަނގަޅަށް ކުރެވުނީ ކޮން ކަމެއްތޯ ބެލުން،" ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވި ފުރަތަަމަ ސީޒަންގައި ލީގު ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.
މި މެޗަށް ބަލާ ނަމަ "އަހަންނަށް ސާފުކޮށް އެނގޭ ކޮން ދިމާލަކުންކަން އަހަރެމެން ރަނގަޅު ކުރަން ޖެހެނީ. އެކަމަކު އެހެން މެޗުތަކުގައި ކަން އޮތީ އެހެންނެއް ނޫން. އަހަރެމެންނަށް އެންމެ އަސާސީ ކަންކަން ވެސް ރަނގަޅަކަށް ނުކުރެވުނު."
މިހާރު ތާވަލް އޮތް ގޮތުން ލިވަޕޫލް ވަނީ ހަވަނައަށް ވެއްޓިފަ އެވެ. މިރޭ ކްރިސްޓަލް ޕެލެސް އަތުން އަމިއްލަ ދަނޑުގައި އާސެނަލް މޮޅުވެއްޖެ ނަމަ، ލިވަޕޫލް ވެއްޓޭނީ، އެންމެ މަތިން ހަތް ޕޮއިންޓް ފަހަތަށެވެ.
އާސެނަލް، ކުޅުނު 8، ޕޮއިންޓް 19
ސަންޑަލެންޑް، ކުޅުނު 9، ޕޮއިންޓް 17
މެންޗެސްޓަ ސިޓީ، ކުޅުނު 8، ޕޮއިންޓް 16
މެންޗެސްޓަ ޔުނައިޓެޑް، ކުޅުު 9، ޕޮއިންޓް 16
ބޯންމައުތު، ކުޅުނު 8، ޕޮއިންޓް 15
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ