ކުރު ހިނގުންތަކަށް ވުރެ ދިގު އެއް ހިނގުމުގެ ފައިދާ ބޮޑު ކުރު ހިނގުންތަކަށް ވުރެ ދިގު އެއް ހިނގުމުގެ ފައިދާ ބޮޑު

ހަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރަކަށް ހިނގައިލުމަށް ޑޮކްޓަރުން ނަސޭހަތްތެރިވެއެވެ. އެއީ ދިރިއުޅުމުގެ އާދަތަކުގެ ތެރޭގައި ހަރަކާތްތެރިކަން ހިފެހެއްޓުމުގެ ގޮތުންނެވެ. އޭރުން، ލޭ ދައުރު ކުރުމުގެ ނިޒާމާއި ނޭވާލާ ނިޒާމާއި ހަޖަމުކުރުމުގެ ނިޒާމު ފުރިހަމައަށް މަސައްކަތް ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެއެވެ.
އެހެން ނަމަވެސް، ހިނގަންވީ ކިހާ ވަގުތަކުތޯ، ހިނގަން އެންމެ ރަނގަޅީ ކޮން ވަގުތެއްތޯ ސުވާލު އުފެދެއެވެ. މިކަމުގައި އޮތް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން އެނގުނަސް، އެމީހެއްގެ މަސައްކަތު ތާވަލު އިންތިޒާމު ކުރެވިފައި ހުންނަ ގޮތުން، އެންމެ ރަނގަޅަށް އެކަން ނުކުރެވޭގޮތް މެދުވެރިވެއެވެ. އެހެންކަމުން، ބައެއް މީހުން ހިނގަން ނުކުންނަނީ ފަތިހު ނުވަތަ ހެދުނުއެވެ. އަނެއް ބަޔަކު ހަވީރު ނުވަތަ އިރު އޮއްސުމަށް ފަހުއެވެ.
ވަގުތު ހުންނަ ގޮތުން، ގިނަ ވަގުތުތަކެއް ވަންދެން ކަސްރަތަށް ނުކުމެ ހިނގުން ބައެއް މީހުންނަށް ދަތިވެއެވެ. ނަމަވެސް އެނަލްސް އޮފް އިންޓާނަލް މެޑިސިންގައި ދާދި ފަހުން އާންމުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ހިނގައި އުޅުމުން ހަށިގަނޑަށް ލިބޭ ސިއްހީ ފައިދާތަކަށް ބަލާއިރު، ކުރު ހިނގުންތަކަށް ވުރެ ރަނގަޅީ ދިގު އެއް ހިނގުމެވެ.
ދުވަހުގެ އެކި ވަގުތުތަކުގައި ހިނގުމަށް ވުރެ، އެއް ވަގުތެއްގައި ގިނަ އިރުތަކެއް ވަންދެން ހިނގުމަކީ، ހިތުގެ ބަލިތައް ޖެހުމާއި ހިތުގެ ބަލިތަކުގައި ފުރާނަ ގެއްލުމުގެ ނުރައްކާ ކުޑަކޮށްދޭ ކަމެކެވެ. މުހިންމީ ސައްވީސް ގަޑިއިރުގެ ތެރޭގައި އަޅާ ފިޔަވަޅުގެ އަދަދެއް ނޫނެވެ. މުހިންމީ، ގިނަ ވަގުތުތަކެއް ވަންދެން މެދުނުކެނޑި ގިނަ ފިޔަވަޅުތަކެއް އެޅުމެވެ.
ސައެންސްވެރިން މި ދިރާސާ ކުރީ އިނގިރޭސި ވިލާތުގައި ކަސްރަތަށް ހިންގަން ނުކުމެ އުޅޭ މީހުންގެ ތެރެއިން 33560 މީހެއްގެ ހިނގުމުގެ ވައްޓަފާޅި ދިރާސާކޮށް ބަލައިގެންނެވެ. މި މީހުންނަކީ އެވްރެޖް ގޮތެއްގައި ދުވާލަކު 8000 ފިޔަވަޅު ނުވަތަ އެއަށް ވުރެ ތަންކޮޅެއް މަދުން ހިނގައި އުޅޭ މީހުންނެވެ. ދިރާސާގައި ބައިވެރި މި މީހުން ހަތަރު ގުރޫޕަކަށް ބަހައިލިއެވެ.
ފުރަތަމަ ގުރޫޕުގައި ފަސް މިނެޓަށް ވުރެ ކުޑަ ވަގުތުކޮޅެއްގައި ހިނގާ މީހުންނެވެ. ދެ ވަނަ ގުރޫޕުގައި ފަސް މިނެޓާއި 10 މިނެޓާ ދެމެދުގެ ވަގުތަކަށް ހިނގާ މީހުންނެވެ. ތިން ވަނަ ގުރޫޕުގައި 10 މިނެޓާއި 15 މިނެޓާ ދެމެދުގެ ވަގުތަކަށް ހިނގާ މީހުންނެވެ. އަދި ފަސް ވަނަ ގުރޫޕުގައި 15 މިނެޓް ނުވަތަ އެއަށް ވުރެ ގިނަ ވަގުތު ހިނގާ މީހުންނެވެ.
މި މީހުން ހިނގުމުގައި އަޅާ ފިޔަވަޅުގެ އަދަދަށް ބަލާއިރު، އެވްރެޖް ފިޔަވަޅުގެ އަދަދަކީ 5165 ފިޔަވަޅެވެ. އަދި މި އެންމެންގެ ތެރެއިން 42.9 ޕަސެންޓް މީހުން، ފަސް މިނެޓަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިއަދަދަށް ފިޔަވަޅު އަޅައެވެ. އަދި 33.5 ޕަސެންޓް މީހުން، 5-10 މިނެޓް ތެރޭގައި އެމީހުން ދުވާލަކު އަޅާ ފިޔަވަޅުތަކުގެ ބޮޑުބައި ފުރިހަމަ ކުރެއެވެ. އަދި 15.5 ޕަސެންޓް މީހުން، 10-15 މިނެޓް ތެރޭގައި އެމީހުންގެ ފިޔަވަޅުތަކުގެ ބޮޑުބައި ފުރިހަމަ ކުރެއެވެ. އަދި 8.0 ޕަސެންޓް މީހުން، 15 މިނެޓް ތެރޭގައި ނުވަތަ އެއަށް ވުރެ ގިނަ ވަގުތުން، އެމީހުންގެ ފިޔަވަޅުތަކުގެ ބޮޑުބައި ފުރިހަމަ ކުރެއެވެ.
މި ހުރިހާ މީހުންގެ މައުލޫމާތުތައް އަޅައިބެލުމުން އެނގުނީ، މަދު ވަގުތުކޮޅެއްގައި ހިނގާ މީހުންނަށް ވުރެ، މެދުނުކެނޑި ގިނަ ވަގުތު ހިނގާ މީހުންގެ ހަށިގަނޑަށް ލިބޭ ސިއްހީ ފައިދާ، އެތައް ގުނައެއް ބޮޑު ކަމެވެ. މި ދިރާސާގެ ނަތީޖާއަށް ބަލާއިރު، ސައްވީސް ގަޑިއިރުގެ ތެރޭގައި 10 މިނެޓްގެ ތިން ފަހަރު (ޖުމްލަ 30 މިނެޓް) ހިނގުމަށް ވުރެ، މެދުނުކެނޑި 20 މިނެޓް ހިނގުމުން ވެސް، ހަށިގަނޑަށް ލިބޭ ސިއްހީ މަންފާ ބޮޑު ކަމެވެ.
މީގެ މާނައަކީ، އިންސާނާ ހޭލައި ހުންނަ ވަގުތު ހިނގާބިނގާވެ ހެލިފެލިވެ ހަރަކާތްތެރިކަމުގައި އުޅުމުން، ހިތުގެ ބަލިތަކުން ދުރުކޮށްދޭ ކަމެވެ. މިހެންވަނީ، ހަރަކާތްތެރި ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން، ލޭދައުރު ކުރުމުގެ ނިޒާމު ފުރިހަމައަށް މަސައްކަތްކޮށް، ލޭހޮޅިތަކުގައި ސަރުބީ ހިފުމުގެ ފުރުސަތު ކުޑަވެގެންދާތީއެވެ. އޭގެ އިތުރުން ހަށިގަނޑުގެ މަސްތަކާއި ހުޅުތަކަށް އަންނަ ހަރަކާތްތަކުގެ ސަބަބުން، މުޅި ހަށިގަނޑުގެ ތާޒާކަން އިތުރުވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ