ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ން ޑޮލަރުތަކެއް ފޭރުނު މައްސަލައިގައި ހަތަރު މީހަކު ބަންދު ކުރި ނަމަވެސް އެ މީހުން ފޭރުނު ފައިސާ އަދިވެސް ނުހޯދޭކަން 'ދައުރު'އަށް އެނގިއްޖެ އެވެ.
ވީ ކިހިނެއް؟ - އިއްޔެ ރޭ ފަތިހު 4:45 ހާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓް ތެރެއިން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފައިސާ ބްރިފްކޭސް ފޭރިގެންފައި ވަނީ، ބާ ޓާމިނަލާއި އާ ޓާމިނަލް ގުޅުވައިދޭ ވޯކްވޭގެ ތެރެއިންނެވެ. އޭގެ ފަހުން އިއްޔެ ހެނދުނުގެ ވަގުތެއްގައި އެ މީހުން ހައްޔަރުކޮށްފައި ވަނީ ކ. ހުރާއިންނެވެ.
ތަފްސީލު - އިތުބާރު ހުރި މަސްދަރުތަކުން 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ތުހުމަތުވާ މީހުން ހައްޔަރުކޮށް، ތަހުގީގަށް ކޮންމެވެސް ވަރެއްގެ ކުރިއެރުން ލިބުނު ނަމަވެސް ބްރީފްކޭސްގައި ހުރި ފައިސާ ފުލުހުންނަކަށް އަދި ނުހޯދެ އެވެ.
"އަދި ފައިސާތައް ނުފެނޭ. ބެލެވޭ ގޮތުގައި ހުރާއަށް ދަނީ އެ ފައިސާތައް [އެހެން ތަނެއްގައި] ފޮރުވާފައި. ހައްޔަރު ކުރި ވަގުތު އެ މީހުން ތިބީ ވަރަށް ބޮޑަށް މަސްތުގެ ހާލަތުގައި،" މިކަމުގެ މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.
'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، އެ ބްރީފްކޭސްގައި ލައްކައަކަށް ވުރެ ގިނަ ޑޮލަރު ހުންނާނެ އެވެ. އެއީ 15.42ރ.ގެ ރޭޓުން ބަލާ ނަމަ 1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ.
ފައިސާ އަދި ނުހޯދޭ މައްސަލައިގައި ފުލުހުންނާ ސުވާލު ކުރުމުން އެ އިދާރާގެ މީޑިއާ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ، ތަހުގީގު ކުރިއަށްދާ ވަރަކުން މީިޑިއާއަށް މައުލޫމާތު ދެމުން ގެންދާނެ ކަމަށެވެ.
ފުލުހުން އެ މީހުން ހައްޔަރު ކުރީ އެ ދުވަހު ހެނދުނު 10 ހާއިރު ކަމަށް މައުލޫމާތު ލިބެ އެވެ. އޭރު ފުލުހުން ތިބީ ކުލަ ހެދުމުގައި ރަށުގެ ބަނދަރުމަތީ އެ މީހުންނަށް ފާރަލައިގެންނެވެ.
ހުރާއިން ވާހަކަ ދެއްކި ބައެއް މީހުން ބުނީ ބްރީފްކޭސްއެއް އެ މީހުން ގެންގުޅުނު ތަން ރަށުމީހުންނަށް ފެނުނު ކަމަކަށް ނުބެލެވޭ ކަމަށެވެ.
"އެ މީހުން ހުރާއައަށް އައިސްފައި ވަނީ، އިއްޔެ ހެނދުނު 7:45 ހާއިރު. ވައްކަން ކުރީ ފަތިހު. އެހެންވީމަ، ބެލެވެނީ އެ ދެމެދު، އެ މީހުން ހުރާއަށް އައުމުގެ ކުރިން ކޮންމެވެސް އެހެން ދިމާލަކަށް [އެހެން ރަށަކަށް] ދިޔަ ކަމަށް،" ހުރާއިން ވާހަކަ ދެއްކި މީހަކު ބުންނެވެ.
"އެ މީހުން އެއާޕޯޓުން ފުރި ލޯންޗުގައި މިކޮޅަށް [ހުރާއަށް] އައީ. އެ ލޯންޗު އަދިވެސް އެބައޮތް ބަނދަރުގައި. ފުލުހުންގެ ބެލުމުގެ ދަށުގައި ލޯންޗު އޮތީ."
ޖުމްލަ 12 މީހުންގެ ޖާގައިގެ އެ ލޯންޗު އެއާޕޯޓުން ފުރައިގެން ގާތްގަނޑައަކަށް ބައި ގަޑިއިރު ތެރޭ ހުރާއަށް ދެވޭނެ އެވެ. މި ފޭރުން ހިންގީ 4:45ގަ އެވެ. އެހެންކަމުން، އެ މީހުން ހުރާއަށް ގޮސްފައި އެ ވަނީ، ވައްކަން ހިނގިތާ ދެ ގަޑިރަށް ވުރެ ގިނަ އިރު ފަހުންނެވެ.
އެ ލޯންޗަކީ ގުރައިދޫގައި ދުއްވާ ލޯންޗެއް ކަމަށް މައުލޫމާތު ލިބެ އެވެ. ހައްޔަރު ކުރި މީހުންގެ ވަނަވަރު ފުލުހުން މިހާރު ހާމަކޮށްފައިވާއިރު، އެ ހަތަރު މީހުންގެ ތެރެއިން ދެ މީހުންނަކީ ގުރައިދުއަށް ނިސްބަވްތާ ދެ މީހުންނެވެ.
"އޭގެ ތެރެއިން އެކެއްގެ ބޭބެއެއް އުޅެނީ މި ރަށުގައި [ހުރާގައި] މި ރަށު މީހަކާ އިނދެގެން. ބެލެެވެނީ އެ މީހާއާ އޮންނަ ގުޅުމުގެ ތެރެއިން މި ރަށަށް އައީ ކަމަށް،" ހުރާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މި ވައްކަން ކޮށްފައި ވަނީ ވަރަށް ބޮޑަށް ދުރާލާ ރާވައިގެން ގިނަ ބަޔަކު ބައިވެރިވެގެންނެވެ.
މި މައްސަލައިގައި ކޯޓުން މިއަދު ވަނީ އެ މީހުންގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހާފަ އެވެ. ބަންދަށް ފަސް ދުވަސް ޖަހާފައިވަނީ ވަކީލާ ބައްދަލުކުރުމުގެ ހައްގު ވެސް ނުދީ ކަމަށް ބުނެ، އެ މީހުންގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
އެއާޕޯޓުން ޑޮލަރު ފޭރުން: ވަގަށް ނެގި ފައިސާ އަދިވެސް ނުހޯދޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ