މިދިޔަ މެއި 5، ގައި ބިންގާ އެޅި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ އަދާހަމައާ ގުޅޭގޮތުން މަޖިލީހުގައި ކުރި ސުވާލަށް ޖަވާބު ނުދެއްވައި، ޝައުގުވެރިކަމާއި ކެތްތެރިކަމާއެކު މަސައްކަތް ކޮށްފިނަމަ ނަތީޖާ ނުކުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ވަޑައިގެން މަރަދޫ ދާއިރާގެ މެންބަރު، އަހުމަދު ދީދީ ފައިނޭންޝަލް ސެންޓަރާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ ކެތްތެރިކަމާއެކު ކަންކަން ކުރުމަށް ރަނގަޅު ރޫހުގައި ޝައުގުވެރިކަމާއެކު މަސައްކަތް ކޮށްފިނަމަ ނަތީޖާ ނުކުންނާނެ ކަމަށެވެ.
"ފައިނޭންޝަލް ސެންޓަރު ވެސް އަދި ޑިވެލޮޕްމެންޓް ބޭންކު ވެސް އިންޓަނޭޝަނަލް ބަންކަރިން ވެސް އަދި މީގެ ކުރިން ވެސް އަޅުގަނޑުމެން ހަމަ ގެނައި އެތައް ކަމެއް ކުރިއަރައިގެން ދިޔަ ގޮތަށް އިންޝާالله ނަތީޖާ ނުކުންނާނެ،" ސައީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކެތްތެރިކަމާއެކު ގައުމުގައި މިކަންކަން ކުރުމަށް އެ ރޫހާއި ޝައުގުވެރިކަން ހުރެއްޖެއްޔާ އެ ނަތީޖާ ނުކުންނަކަން ނޫންތޯ ފަތުރުވެރިކަން އެ ދައްކައިދެނީ."
ސައީދު ވިދާޅުވީ ރާއްޖޭގައި ވިޔަފާރި ކުރުމުގެ ފުރުސަތު އޮތީ ހުޅުވިފައި ކަމަށެވެ. އަދި ރާއްޖޭގައި އިންވެސްޓު ކުރުމުގެ ޝައުގުވެރިކަން ހުރި ބޭރުގެ މީހަކު ހުރި ކަމަށްވަންޏާ އެކަމުގެ މައުލޫމާތު ހިއްސާ ކޮށްދެއްވުމަށް ވެސް ސައީދު އެދިވަޑައިގެންނެވި އެވެ.
"ތިޔަ ވިދާޅުވީ ކޮންމެވެސް ބޭފުޅަކު، ނަން ވެސް ވިދާޅުވެފައި އަދި ކުންފުނީގެ ރެޖިސްޓްރީ ނަންބަރެއް ވެސް ވިދާޅުވެފައި ވިދާޅުވީ، ވަޑައިގެންފައި ވިދާޅުވިއޭ މިތަނުގައި ފައިނޭޝަލް ސެންޓަރެއް އަޅާ ވާހަކަ، ރަނގަޅެއް ނޫންތޯ؟ ހަމަ ގިނަ ބޭފުޅުން ވަޑައިގެން ކަންކަން ކުރަންވަންވީ އިނގޭތޯ؟ ވިޔަފާރިއަކީ ހުޅުވިފައި އޮތް އެއްޗެއް،" ސައީދު ވިދާޅުވި އެވެ.
"ހުރިހާ ބޭފުޅުން ވެސް ވިޔަފާރި ކުރެވޭތޯ ބަލަންވާނެ، އަދި ވިޔަފާރި ކުރަން ބޭރުގެ ފަރާތްތަކުން ޝައުގުވެރިކަން ހުރީވިއްޔާ އިއްޒަތްތެރި މެންބަރު ވެސް ހަމަ ދަންނަވާ އަޅުގަނޑުމެންނަށް މި ރާއްޖެއަށް އައިސް އިންވެސްޓު ކުރީމާ ލިބޭ ނަފާ ކުޑައެއް ނޫން، އެހެންވީމާ އެކަން ކުރާށޭ."
ޝާހީ އާއިލާއަށް ނިސްބަތްވާ ޝެއިހު ނަޔެފް ބިން އީދް އަލް ތާނީގެ ކުންފުންޏަކުން ގާއިމުކުރާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ބިންގާ އެޅީ ހުޅުމާލޭގަ އެވެ. ފައިނޭންޝަލް ސެންޓަރަށް އިންވެސްޓު ކުރީ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އިންނެވެ.
ސަރުކާރުން މީގެ ކުރިން ބުނީ އެ އިންވެސްޓްމަންޓުން ބިނާ ކުރާނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކަށް އަމާޒުކޮށްގެން އަޅާ "ފައިނޭންޝަލް ފްރީ ޒޯން" އެއް ނުވަތަ ބިޔަ މާލީ ހަބެއް ކަމަށެވެ.
ފައިނޭންޝަލް ސެންޓަރުގެ މަސައްކަތް ނިމޭނީ 2030 ވަނަ އަހަރެވެ. އެތަން ފެށުމާއެކު ފުރަތަމަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެކަނި ވެސް ރާއްޖޭގެ ޖީޑީޕީ އިތުރުވެ، ފަސް ވަނަ އަހަރުގެ އާމްދަނީއަށް އެއް ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާ ކޮށްފައިވެ އެވެ.
ފައިނޭންޝަލް ސެންޓަރު ޑިޒައިންކޮށްފައި ވަނީ އާކިޓެކްޓް ޖިއާނީ ރަނައުލޯ އެވެ. ތަނުގެ ޑިޒައިން ކޮށްފައި ވަނީ ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށެވެ. ފައިނޭންޝަލް ސެންޓަރުގައި 780،000 އަކަ މީޓަރުގެ ބިން ތަރައްގީ ކުރާނެ އެވެ. އެތަން ބިނާ ކުރަނީ 6500 މީހުންނަށް ދިރިއުޅެވޭ ގޮތަށެވެ. އަދި ފައިނޭންޝަލް ސެންޓަރު ތަރައްގީ ކުރަނީ ދުވާލަކު 35،000 މީހުން އެތަނަށް ދާނެ ކަމަށް ބަލައިގެންނެވެ.
ފައިނޭންޝަލް ސެންޓަރުގެ އަދާހަމައާ ގުޅޭގޮތުން ސައީދު ޖަވާބެއް ނުދެއްވި ފައިނޭންޝަލް ސެންޓަރުގެ އަދާހަމައާ ގުޅޭގޮތުން ސައީދު ޖަވާބެއް ނުދެއްވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ