ކާށިދޫ ފަޅުގައި ރިސޯޓެއް ހަދަން އިންވެސްޓަރުންނެއް ނުވި، ލުއިތަކެއް ދީ އަނެއްކާވެސް ބީލަމަށް ހުޅުވާލައިފި ކާށިދޫ ފަޅުގައި ރިސޯޓެއް ހަދަން އިންވެސްޓަރުންނެއް ނުވި، ލުއިތަކެއް ދީ އަނެއްކާވެސް ބީލަމަށް ހުޅުވާލައިފި

ކ. ކާށިދޫ ފަޅު (ކާށިދުއްފަރު) ގައި ރިސޯޓެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން މިދިޔަ އޭޕްރިލް މަހު އިއުލާން ކުރުމުން އިންވެސްޓަރުން ލިބިފައިނުވާތީ އިތުރު ލުއިތަކާއެކު އަނެއްކާ ވެސް އެ ފަޅުގައި ރިސޯޓެއް ތަރައްގީކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުގެ ތެރެއިން ކާށިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީކުރަން ހުޅުވާލި ފުރުސަތުގައި އެކަމަށް އެއްވެސް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ، އަލުން ފުރުސަތު ހުޅުވާލީ ބޮޑެތި ލުއިތައް ދިނުމަށްފަހު ކަމަށެވެ.
"އެނގިވަޑައިގެންފައި އޮންނާނެ އަޅުގަނޑުމެން އިއުލާން ކުރިން. އެހެންނަމަވެސް ފުރަތަމަ އިއުލާން ކުރެވުނު މަރުހަލާގައި އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅެއް ނުކުރި. އެހެންކަމުން އެކަމެއް ނުވެ އަދި މިއޮތީ. އެހެންނަމަވެސް އަނެއްކާ އަޅުގަނޑުމެން ވަރަށް ބޮޑެތި ލުއިތައް މި ރަށަށް ހާއްސަކޮށް ލުއިތައް ދީފައި އަނެއްކާ ފުރުސަތު ހުޅުވާލައިފިން،" މުއިއްޒު ވިދާޅުވި އެވެ.
ތިމާވެށީގެ ގޮތުން އިޔާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބިދާނެތީ ރިސޯޓެއް ނާޅާ ގޮތަށް މީގެ ކުރިން ނިންމާފައި އޮތް ކާށިދޫ ފަޅުގައި މިފަހަރު ހުޅުވާލި ފުރުސަތުގައި ރިސޯޓެއް އަޅަން އިންވެސްޓަރުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ރިސޯޓު ތަރައްގީކުރުމުން ކާށިދޫއަށް އިގްތިސާދީ ތަރައްގީގެ އިތުރުން ވަޒީފަގެ ގޮތުން ވެސް ކުރިއެރުންތައް ލިބޭނެ ކަމަށާއި ލުއިތައް ދީގެން އަލުން އެ ފުރުސަތު ހުޅުވާލީ ވެސް އެހެންވެ ކަމަށެވެ.
ސްޓްރެޓިޖަކީ ބަލާއިރު މުހިންމު ސަރަހައްދެއްގައި ކާށިދޫ ފަޅު އޮތް ނަމަވެސް، ދުރުކަމުން ޓޫރިޒަމަށް އިންވެސްޓު ކުރަން ޝައުގުވެރިކަން ނެތުން އެއީ ސަބަބަކަސް ވެދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މީގެއިތުރުން މުއިއްޒު ކާށިދޫގައި އާރްޓީއެލް ނިޒާމުގެ އިތުރުން ދަތުރުފަތުރު ކުރުމަށް ސީޕްލޭންގެ ޝެޑިއުލް އޮޕަރޭޝަންތަކެއް ގާއިމުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. އެގޮތުން އެކަން ކުރުމަށް ބަލާއިރު ޓޫރިޒަމް އޮތުން ވެސް މުހިންމުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި ރިސޯޓު ހަދާނެ ފަރާތެއް ހޯދުމާއެކު ދާއިމީ ގޮތެއްގައި މިތަނުގައި ސީޕްލޭން އޮޕަރޭޝަން ވެސް ގެނެވޭ ގޮތަށް މިކަން ކުރަން. އެހެންވީމަ ސަރުކާރުގެ ސިޔާސަތު މިއޮތީ މިދެންނެވި ގޮތަށް ސީޕްލޭން ހިދުމަތް ދާއިމީކޮށް ޝެޑިއުލްކޮށް ހަމަޖެހޭނެ ގޮތަށް ޓޫރިޒަމާ އެކީގައި ގެނެވޭނެ ގޮތް ހެދުން،" މުއިއްޒު ވިދާޅުވި އެވެ.
ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރިޔާސީ ކެމްޕޭނުގެ ތެރެއިން ސެޕްޓެމްބަރު 5، 2023 ގައި ކާށިދޫއަށް ވަޑައިގެން ދެއްކެވި ވާހަކައިގައި ރައީސް މުއިއްޒު ވިދާޅުވީ އެކަން ކުރާނީ ކާށިދޫއަށް ފައިދާވާނެ ގޮތެއްގެ މަތިން ކަމަށެވެ.
ފަޅު ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް އިޔާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ބުނެ އެންވަޔަރަމެންޓަށް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ކާށިދުއްފަރުގައި ރިސޯޓު ތަރައްގީ ނުކުރާން ނިންމީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންނެވެ.
ކާށިދުއްފަރުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް އަލުން ފެށީ މިދިޔަ ސަރުކާރުންނެވެ. އެގޮތުން ކާށިދޫ ފަޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ޓޫރިޒަމް މިނިސްޓްރީން އެ ފަޅުގެ 180 ހެކްޓަރުގެ ސަރަހައްދެއްގެ ބެތިމެޓްރިކް ސާވޭ ހަދައިދޭނެ ބަޔަކު ހޯދަން އިއުލާނުކުރީ ސެޕްޓެމްބަރު 2022، ގަ އެވެ.
ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެވެސް ރިޔާސީ ވައުދުކެވެ. ޓޫރިޒަމުން 2022 ގައި ބުނީ ދިރާސާ ކުރަނީ އެ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމަކީ ދެކޮޅު ޖެހޭ ކަމެއްތޯ ބެލުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ