އިސްރާއީލާއި ދެކޮޅު ބޮއިކޮޓްތަކުގެ ސަބަބުން ނެސްލޭ އަށް ގެއްލުންވެ 16،000 މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ

އިސްރާއީލަށް ދެކޮޅަށް ހިންގާ ބޮއިކޮޓް ކެމްޕޭންތަކުގެ ސަބަބުން، ދުނިޔޭގެ އެންމެ ބޮޑު ކާބޯތަކެތީގެ ކުންފުނި ކަމަށްވާ ނެސްލޭ އިން، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 16،000 މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ކަމަށް ބުރާސްފަތި ދުވަހު އިއުލާނުކޮށްފިއެވެ.
މި ނިންމުމަކީ އެ ކުންފުންޏާއި ފަލަސްތީނުގައި ލާއިންސާނީ ޖަރީމާ ހިންގައި ނަސްލު ނައްތާލުމުގެ ޢަމަލުތައް ހިންގަމުންދާ އިސްރާއީލާއި އޮތް ގުޅުމުގެ ސަބަބުން އެ ކުންފުނީގެ އުފެއްދުންތައް ބޮއިކޮޓް ކުރަމުން އަންނާތީ، ކުންފުނީގެ ވިޔަފާރިއަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެކެވެ.
ނެސްކެފޭ އަދި ކިޓްކެޓް ފަދަ މަޝްހޫރު ބްރޭންޑްތަކުގެ ވެރިފަރާތް ކަމަށްވާ ނެސްލޭ އިން ބުނެފައިވަނީ، އަންނަ އަހަރުގެ ނިޔަލަށް ޚަރަދު ކުޑަކުރުމުގެ އަމާޒު 2.5 ބިލިއަން ސުވިސް ފްރޭންކުން (3.13 ބިލިއަން ޑޮލަރު) 3 ބިލިއަން ސުވިސް ފްރޭންކަށް (3.76 ބިލިއަން ޑޮލަރު) އިތުރުކުރާނެ ކަމަށެވެ.
"ދުނިޔެ ވަނީ ބަދަލުވަމުން، އަދި ނެސްލޭ އަށް ވެސް އެއަށްވުރެ އަވަހަށް ބަދަލުވާން ޖެހޭ." އެ ކުންފުނީގެ ސީއީއޯ ފިލިޕް ނަވްރަޓިލް ވިދާޅުވެފަވެއެވެ.
މި ވަޒީފާތައް އުވާލުމުގެ ތެރޭގައި އެކި ތަންތަނުގައި މަސައްކަތްކުރާ 12،000 އޮފީސް މުވައްޒަފުންނާއި، އުފެއްދުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން އުފެއްދުންތަކާއި ސަޕްލައި ޗެއިންގައި މަސައްކަތްކުރާ 4،000 މުވައްޒަފުން ހިމެނެއެވެ. މި ފިޔަވަޅުގެ ސަބަބުން އަންނަ އަހަރުގެ ނިޔަލަށް އަހަރަކު 1 ބިލިއަން ސުވިސް ފްރޭންކް (1.25 ބިލިއަން ޑޮލަރު) ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.
ނެސްލޭ އިން ވޭތުވެދިޔަ އަހަރު ބުނެފައިވަނީ، އިސްރާއީލީ ކާބޯތަކެތި ވިއްކާ ކުންފުންޏެއް ކަމަށްވާ އޮސެމްގެ ވެރިފަރާތަކަށްވުމުގެ ސަބަބުން ބޮއިކޮޓް، ޑައިވެސްޓްމަންޓް އަދި ސެންކްޝަންސް (ބީޑީއެސް) ހަރަކާތުގެ މައިގަނޑު އަމާޒަކަށްވެ، އޭގެ ސަބަބުން ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އިސްރާއީލަށް ތާއީދުކުރާ ބްރޭންޑްތަކަށް ދެކޮޅު ބޮއިކޮޓް ކެމްޕޭންތައް ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިތުރުވެފައެވެ. އެއީ އިސްރާއީލުން ޣައްޒާގައި ދެ އަހަރު ދުވަހުގެ ހަނގުރާމައެއް ފަށައި، އޭގެ ސަބަބުން ގިނައީ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 70،000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށްލުމާއެކުގައެވެ.
މި ބޮއިކޮޓްތަކުގެ ސަބަބުން އަނެއް ކުންފުންޏެއް ކަމަށްވާ އެމެރިކާގެ ކޮފީ ޗެއިން ސްޓާބަކްސް އަށް ވެސް ވަނީ އަސަރުކޮށްފައެވެ. ސްޓާބަކްސް އިން ވޭތުވެދިޔަ މަހު ބުނެފައިވަނީ އުތުރު އެމެރިކާގައި ގާތްގަނޑަކަށް 900 މުވައްޒަފުން ވަޒީފާއިން ވަކިކޮށް، 100 ކެފޭ ބަންދުކުރާނެ ކަމަށެވެ.
މިކަމުން ދައްކުވައިދެނީ އިސްރާއީލާ ގުޅުންހުރި ކުންފުނިތަކަށް ދެކޮޅަށް ހިންގާ ބޮއިކޮޓްތަކުގެ އަސަރު ގިނަގުނަ ކަމެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ