ކުރީގެ ސަރުކާރުތަކުން ނުރަނގަޅު ކަމެއް ހިންގާފައި އޮތުމަކީ ދެން އަންނަ ސަރުކާރުތަކުން އެކަން ތަކުރާރުކުރަން ލިބޭ ހުއްޖަތެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ސަރުކާރުން ފައިސާ ޗާޕުކުރަނީ ކޮންޓްރެކްޓަރުންނަށް ނުދައްކާ ހުރި 2.3 ބިލިއަން ރުފިޔާގެ ބިލުތައް ދެއްކުމަށެވެ. މިކަމާ ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކަށް ސަރުކާރުން ދޭ ރައްދަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކޮވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު ފައިސާ ޗާޕުކުރި ވާހަކަ އެވެ.
"ނިމިދިޔަ ވެރިކަމުގައި ނުރަނގަޅު ކަމެއް ހިނގާފައި އޮތުމަކީ، މި ވެރިކަމުގައި ވެސް އަދި ދެން އަންނަ ވެރިކަމެއްގައި ވެސް ހަމަ އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން،" ނަޝީދު ލިޔުއްވާފައިވެ އެވެ.
މިއީ ފައިސާ ޗާޕުކުރުމާ ގުޅޭގޮތުން ކުރި ޕޯސްޓެއްކަން ސާފުކުރުމަށް އަދަދު އިން ސުވާލުކުރުމުން ނަޝީދު ވިދާޅުވީ، އެ ޕޯސްޓަކީ ފައިސާ ޗާޕުކުރުމާއި ދެން ވެސް ކުރިން ކޮށްފައި ހުރި ނުރަނގަޅު ކަންކަމާއި ގުޅޭގޮތުން ކުރެއްވި ޕޯސްޓެއް ކަމަށެވެ.
ފައިސާ ޗާޕުނުކޮށް އިގްތިސާދު ހިފެހެއްޓުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެކަމަކު، ސަރުކާރުން މިހާރު ވަނީ އޮޅުވާލައިގެން ފައިސާ ޗާޕު ކުރަން ނިންމައިފަ އެވެ. ފައިސާ ޗާޕު ކުރަން އުޅެނީ މަރުކަޒީ ބޭންކުން ޕެންޝަން އޮފީހަށް ފައިސާ ދިނުމުން، އެ އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކޮށްގެންނެވެ.
މިކަމާ އިހުތިޖާޖުކުރުމުގެ ގޮތުން ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އާދަމް އިއްޔެ ވަނީ އިސްތިއުފާދެއްވާފަ އެވެ.
"އެމްއެމްއޭ-ފައިނޭންސް މިނިސްޓްރީގެ ބޮންޑައިގެން ކުރިއަށްދާން ނިންމުމުން އަޅުގަނޑު އިސްތިއުފާ ދީފިން. އޭގެ ސަބަބުން ގާނޫނީ އަދި އިގްތިސާދީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ގަބޫލު ކުރެވޭ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވެ އެވެ.
ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކަން ޕެންޝަން ފަންޑާއި އެމްއެމްއޭ ހިމެނޭ މުއާމަލާތެއް ހިންގަން އުޅޭއިރު ސަރުކާރުން އަންނަނީ މިއީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ބުނެ މައުލޫމާތު ދެމުންނެވެ. މިކަން ދިފާއުކުރަން ސަރުކާރުން ދައްކަނީ މި މުއާމަލާތް ސްޓްރަކްޗާކޮށްފައިވާ ގޮތެވެ. މިހާރު އޮތް ގޮތުން ފައިސާ ޗާޕުކުރުމުގެ ޓެކްނިކަލް މާނައިގެ ތެރެއަށް މި މުއާމަލާތެއް ނުފެތެ އެވެ.
މިއީ ގާނޫނުގައި ބުނާ ފައިސާ ޗާޕުކުރުމުގެ މާނައަށް ނުފެތޭ މުއާމަލާތެއް ނަމަވެސް، ނުސީދާ ގޮތުން ސަރުކާރުގެ ހަރަދުތައް ފޫބައްދަން އެމްއެމްއޭ މެދުވެރިކޮށް ނަގާ ފައިސާއަކަށް ވާތީ މަނީ ބޭސް އިތުރުވެ އެވެ. އަދި ސަރުކާރުގެ ޑެފިސިޓު ފައިނޭންސް ކުރަން މި ފައިސާ ބޭނުންކުރެވެ އެވެ. އެހެންކަމުން އެ ޗާޕުކުރެވެނި ފައިސާ އެވެ.
ސަރުކާރުން ފައިސާ ޗާޕު ކުރަން ނިންމުމުން ވަރަށް ބޮޑެތި ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. އެގޮތުން އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި މައްސަލައަށް ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، އެގޮތަށް ފައިސާ ޗާޕު ކުރުމުން ޕެންޝަން އޮފީހުގެ އިތުބާރު ގެއްލި، ދިވެހިން ރިޓަޔަމަންޓް ޕެންޝަމް ފަންޑު ނުރައްކަލަކަށް ވެއްޓޭނެ ކަމަށެވެ.
ނިމިދިޔަ ވެރިކަމުގައި ނުރަނގަޅު ކަމެއް ހިނގާފައި އޮތުމަކީ އެކަން ތަކުރާރުކުރަން އޮތް ހުއްޖަތެއް ނޫން: ނަޝީދު ނިމިދިޔަ ވެރިކަމުގައި ނުރަނގަޅު ކަމެއް ހިނގާފައި އޮތުމަކީ އެކަން ތަކުރާރުކުރަން އޮތް ހުއްޖަތެއް ނޫން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ