ޑިމޮކްރެޓިކް ކޮންސްޓިޓިއުޝަން އެއީ ފަރުދުންނަށް ހައްގެކެވެ. ވެރިންނަށް ހުދޫދެކެވެ. އެފަދަ ދުސްތޫރުތަކުގެ އަސާސަކީ އިންސާފެވެ. އިންސާފަކީ ބާރެކެވެ. އިންސާފުގެ ބާރު އޮންނާނީ ޖުޑިޝަރީއަށެވެ. އެ ބާރުގެ ޒިންމާއަކީ ދޭދޭ މައްސަލަތަކަށް ނިޔާއެއް ކަނޑައެޅުން އެކަންޏެވެ. މުޅި ދައުލަތް މި ބުނާ ދުސްތޫރީ ހުދޫދުގެ ތެރޭގައި އޮތްކަން ޔަގީންކުރުމެވެ. ގާނޫނުއަސާސީގެ ހުދޫދުގެ ތެރޭގައި ދައުލަތުގެ ކޮންމެ ބާރެއް، ކޮންމެ ގުނަވަނެއް އޮތްކަން ބެލުމެވެ.
ރާއްޖޭގައި މިހާރު މި އޮތް ފެހި ގާނޫނުއަސާސީއަކީ މި ބުނާ އަސާސްތަކުގެ މައްޗަށް އޮތް ދުސްތޫރެކެވެ. ދުސްތޫރީ ގޮތުން އުފެދޭ ހިލާފުތަކަށް ޖަވާބު ހޯދުން އޮންނަނީ ޝަރީއަތުންނެވެ. ގާނޫނުއަސާސީގެ 144 ވަނަ މާއްދާގައި ދުސްތޫރީ މައްސަލަތައް ބެލުމުގެ ބާރު ކޯޓަށް ދީފައިވަނީ އެހެންވެގެނެވެ. އެއީ އެއް ސަބަބެވެ. ދުސްތޫރީ މައްސަލަތަކުގެ އަނެއް ބޭނުމަކީ ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް ތަނަކުން ނުވަތަ މީހަކު ވެސް، ފަރުދެއްގެ ހައްގެއް ހަނިވާނެ ނިންމުމެއް ނިންމަން ފުރުސަތު ނުދިނުމެވެ.
ކުރީގެ ބަންޑާރަ ނައިބު އަހުމަދު އަލީ ސަވާދު ވެސް ވިދާޅުވީ ދުސްތޫރީ މައްސަލަތައް ބެލުމުގެ ހައިސިއްޔަތު ޖުޑިޝަރީއަށް ދިނުމުގައި ރާއްޖޭގެ ގާނޫނުއަސާސީ ވެސް ތަސައްވުރުކުރަނީ މި ބުނާ ދެ ހާލަތެވެ. އެ ދެ ހާލަތަށް ދައުލަތުގެ ޒިންމާއެއް އުފުލާ އިދާރާއެއް ނުވަތަ މީހަކު ވެސް ދިއުމަށް ފުރުސަތު ނުދިނުމެވެ.
"އެއް ހާލަތަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގަކަށް އުނިކަން ލިބުން ނުވަތަ ގެއްލުން ލިބުން. އަނެއް ހާލަތަކީ އޭގެ ޒާތުގައި ވެސް ދައުލަތުގެ ޒިންމާއެއް އުފުލާ އިދާރާއެއް ނުވަތަ މީހަކުގެ ނިންމުމެއް، މިސާލަކަށް މަޖިލީހުން ފާސްކުރާ ގާނޫނެއް، ގާނޫނުއަސާސީއާ ހިލާފުވުން،" ސަވާދު ވިދާޅުވި އެވެ.
"ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދެއްގެ ބައެއް އަދި ކިއެއްތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއްވިޔަސް ގާނޫނުއަސާސީއާ ޚިލާފުވާނަމަ އެ ޚިލާފުވާ މިންވަރު އެއީ ބާތިލް އެއްޗެއް ނުވަތަ ބާތިލް ކަމެއް ކަމުގައި ކަނޑައެޅުން،" ގާނޫނުއަސާސީގެ 144 ވަނަ މާއްދާގައިވެ އެވެ.
ނަމަވެސް ޝަރީއަތަށް ހުށަހެޅިފައިވާ ދުސްތޫރީ މުހިންމު ހިލާފުތަކުގެ މައްސަލަތައް ކުރިއަކަށް ނުދެ އެވެ. ގޮތެއް ކަނޑައެޅުން ލަސްވުމުގެ ކަންބޮޑުވުމާ އެކު، އެންމެ ބޮޑު ކަންބޮޑުވުމަކީ އަޑުއެހުންތަކެއް ވެސް ނުބާއްވާތީ އެވެ. ބައެއް މައްސަލަތަކުގައި މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމާއި އެހެން ބައެއް އިދާރީ ކަންކަމުގައި ވެސް މަޑުޖެހުން އެބަ އުޅެ އެވެ.
ފާހަގަކޮށްލެވޭ ބައެއް މައްސަލަތަަކަކީ:
ސިޔާސީ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު، ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފު ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ (ބޭސިކް ސްޓްރަކްޗާ ޑޮކްޓަރިންގެ މައްސަލައެއް)؛ ބެންޗު ބަދަލުވި ފަހުން މައްސަލަ ނުހިނގާ
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް އިއްވި ހުުކުމަކާ އެއް ގޮތަށް އޭނާ ދަރަންޏެއް ދައްކަމުން ނުދާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއް
ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ގެނައި ބައެއް ބަދަލުތައް، ގާނޫނުއަސާސީގެ ލާމަރުކަޒީ ނިޒާމުގެ ބާބާ ހިލާފުކަމަށް ބުނެ ހައި ކޯޓަށް ހުށަހެޅި މައްސަލައެއް؛ ކޯޓަށް ހުށަހެޅިތާ ދެ މަސް ވެގެން ދިޔައިރު ވެސް ބަލައިގަތުމާ މެދު ވެސް ގޮތެއް ނުނިންމާ
ޝަރީއަތަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައި ވެސް އިންސާފުގެ ހިދުމަތް ފޯރުކޮށްދޭން ވާނީ ރަނގަޅު ދުވެއްޔެއްގަ އެވެ. ކައިރިކައިރީ އަޑުއެހުންތައް އޮންނަން ވާނެ އެވެ. ޝަރީއަތް ހިންގުމަށް މަޑުޖެހުން އައިސްގެން ނުވާނެ އެވެ. އިންސާފުގެ ހިދުމަތް ލިބެމުންދާކަމުގެ އިހުސާސް ހަސްމުންނަށް ލިބެން ޖެހޭނެ އެވެ. ނަމަވެސް ރާއްޖޭގައި މިވާ ގޮތަކީ ވަސީލަތްތަކުގެ ދަތިކަން އޮތް ވަރުން ޝަރީއަތްތައް ދިގުދެމިގެންދަނީ އެވެ.
އެހެން ނަމަވެސް ގާނޫނީ ބައެއް ވަކީލުންގެ ނަޒަރުގައި ދުސްތޫރާ ހިލާފުވާކަމަށް ކުރާ ދައުވާތަކުގެ މައްސަލަ އަވަސް ވާން ޖެހެ އެވެ. ނޫނީ ގާނޫނީ ނުތަވަނަސްކަމެއްގެ ތެރެއަށް އެބަދެ އެވެ. މުޅި މުޖުތަމައުގެ ހަމަޖެހުން ދެމެހެއްޓުމަށެވެ. އަދި ހެޔޮވެރިކަމުގެ އަސާސްތަކުގެ މަތީގައި ދައުލަތް އޮތްކަން ކަށަވަރު ކުރުމަށެވެ. އެ ކަން ވާނީ އެ އަސާސްތައް ކަނޑައަޅާފައިވާ، ގާނޫނުއަސާސީގެ އިމުގެ ތެރޭގައި ދައުލަތުގެ ބާރުތަކާއި ޒިންމާތައް ހަވާލުވާ ފަރާތްތައް އޮތް ކަން ޔަގީންކޮށްގެން ނޫން ހެއްޔެވެ؟
ސަވާދު ވެސް ވިދާޅުވީ ދުސްތޫރީ މައްސަލައެއްގައި ގޮތް ނިންމުން އަވަސްވާން ޖެހޭ އެންމެ ބޮޑު ސަބަބަކީ، ގާނޫނުއަސާސީ ހިލާފު ނިންމުމެއް އެ ގޮތުގައި ދެމިގެންދާން ފުރުސަތު ލިބޭތީ އެވެ. އެފަދަ ިނިންމުމެއް ދެމިއޮންނަ ކޮންމެ ސުކުންތަކީ، މުޅި ޖުމްހޫރީ ދައުލަތުގެ ފަރުދުން އިސްތިސްނާއެއް އަމަލުކުރަން އެއްބަސްވެފައިވާ ދުސްތޫރާ ހިލާފަށް ބަޔަކު އެއްވެސް ފަރުވާލެއް ނެތި އަމަލުުކުރަމުންދާ ސުކުންތެކެވެ.
"ދުސްތޫރީ މައްސަލައެއް ޝަރީއަތަށް ހުށަހެޅުނީމާ އޭގެ މާނައަކީ ދައުލަތުގެ އެންމެ އަސާސީ ހަމަތަކާ ގުޅޭ މައްސަލައެއް. ދައުލަތުން ކުރި ނުވަތަ ކުރާ ކަމެއް އެ ހަމަތަކާ ހިލާފުވީއޭ. ނޫނީ ފުުށުއަރައޭ، އެ ކަން ހުއްޓުވަން ޝަރީއަތަށް މައްސަލަ މި ލަނީ. އެފަދަ ހާލަތަކުން ސަލާމަތްވާނެ އަވަސް ފަރުވާއެއް ހޯދަން ވެގެން،" ސަވާދު ވިދާޅުވި އެވެ.
ސަވާދު ވިދާޅުވީ ބައެއް މައްސަލަތަކުގެ ބާވަތުން، އެ ކަމަށް ހުރި ހެކި ގަރީނާއާއި ވާގިއާތައް (ފެކްޓްސް) ބެލުމަށް ވަގުތުތަކެއް ހޭދަވެދާނެ ކަންކަން ކަމަށެވެ. ދުސްތޫރީ މައްސަލަތައް ވެސް ހިމެނޭ ފަދައިން މައްސަލަތަކުގައި ވަގުތީ އަމުރު ނެރެދިނުމުގެ އުސޫލުތަކެއް އޮންނަނީ ވެސް މި ބުނާ ފަދަ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ދެމިގެންދާން ފުރުސަތު ނުދޭން ވެގެނެވެ.
"އެފަދައިން ކޭސްއެއް ލަސްވާ ހާލަތުގައި ވެސް، ގައިރު ދުސްތޫރީ ހާލަތު ކަމަށް ދައުވާ އުފުލިފައިވާ ކަމަށް ވަގުތީ ފަރުވާއެއްގެ ގޮތުން ވަގުތީ އަމުރު މި ނެރެނީ،" ސަވާދު ވިދާޅުވި އެވެ.
ގާނޫނުއަސާސީއަށް ބަދަލު ގެނައި މައްސަލަ ހުއްޓިގެން މި އުޅެނީ ވެސް، ސަވާދު އެ ފާހަގަކުރައްވާ ފަދަ ވަގުތީ އަމުރެއްގެ ފަރުވާ ދިނުމާ ގުޅޭ ގޮތުން ކޯޓުން ގޮތެއް ނުނިންމަ އެވެ. ސުޕްރީމް ކޯޓުގެ ފުލް ބެންޗުން މައްސަލަ ބަލަމުން ދަނިކޮށް ތިން ފަނޑިޔާރަކު ސަސްޕެންޑްކުރަނީ، ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް މައްސަލަ ހުށަހެޅި ފަރާތުން އެދިފައި ވަނިކޮށެވެ. އެހެންވީމާ މައްސަލަ ލަސްވާ ހާލަތުގައި ދޭން އޮންނަ ފަރުވާ ވެސް ނުދެ އެވެ.
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ޖުޑިޝަލް ރިވިއު އާއި ދުސްތޫރީ މައްސަލަތައް ބެލުމުގެ ބާރު ކޯޓުތަކަށް ދިނުމުގެ މާނައަކީ ގާނޫނުގެ ހުކުމާތާއި ގާނޫނުގެ ވެރިކަން ދެމެހެއްޓުމެވެ. ދުސްތޫރީ ހިލާފުތަކެއް ޝަރީއަތުގެ ކުރިމައްޗަށް އައިސް، އެ ކަމަށް އެއްވެސް ޒާތެއްގެ ފަރުވާއެއް ނުދީ ލަސްވާނަމަ، ގާނޫނުގެ ހުކުމާތް އެއީ އެއްވެސް މާނަައެއް ނެތް ކަމަކަށް ވުން ކަމަށް ޖަމީލު ވިދާޅުވި އެވެ.
"ހާއްސަކޮށް ތި ފާހަގަކުރާ ބީދައިން ދުސްތޫރީ ކޯޓުގެ ޒިންމާއެއް އެއީ، ގާނޫނުގެ ވެރިކަން، ރޫލް އޮފް ލޯ ދެމެހެއްޓުން. ދުސްތޫރީ މައްސަލަތައް އެއީ އޭގެ ބޮޑެތި މައްސަލަތައް. އެންމެ ބޮޑެތި މައްސަލަތައް ބަލަން ރާއްޖޭގައި މި އޮތީ ދެ ކޯޓު [ހައި ކޯޓު އާއި ސުޕްރީމް ކޯޓު]، އެ ދެ ތަނަށް ހުށަހެޅި ބޮޑެތި މައްސަލަތަކެއް އެ ހުރީ ޕާކުކޮށްފައި،" ޖަމީލު ވިދާޅުވި އެވެ.
ޖަމީލު ދެން ސުވާލުކުރެއްވީ ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ދުސްތޫރީ ހިލާފުތަކުގެ މައްސަލަ ޕާކުކުރުމުން، ރައްޔިތު މީހާ ދެން ދާނީ ކޮންތަނަކަށްތޯ އެވެ. އޭގެ ޖަވާބަކީ ދާނެ ތަނެއް ނެތެވެ. ފަނޑިޔާރަކު ގޯސްކަމެއް ކުރުމުން މައްސަލަ ހުށަހަޅަން އޮތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަކީ މި ގޮތަށް ނިޒާމު ޕެރެލައިޒްކުރުމުގެ އަސްލެވެ. ގާނޫނުގެ ހުކޫމާތް ގެއްލޭ ކަމަށް ޖަމީލު ވިދާޅުވަނީ އެހެންވެ އެވެ.
ހިތާމަ އެކެވެ. ހިތި ހަގީގަތެވެ. ލަދުވެތި ވެސް ކަމެކެވެ. މި ވަގުތު ކުރިމަތިވެގެން މި އުޅެނީ ވަސީލަތްތައް މަދުވެގެން ދިމާވެގެން އުޅޭ ހާލަތެވެއް ނޫނެވެ. ރާއްޖޭގެ މުޅި ޝަރުއީ ނިޒާމު، ސިޔާސީ މަސްރަހަށް ދީއްލާލަނީ އެވެ.
ސަވާދު ވިދާޅުވީ ރާއްޖޭގައި އުފެދުނު ގިނަ ދުސްތޫރީ މައްސަލަތަކަކީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އުފެދިފައިވާ މައްސަލަތެެކެވެ. ނުވަތަ ސިޔާސީ ބާރުވެރިކަމެއް ދަމަހައްޓަން ވެގެން ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތަކެވެ.
ސަވާދު ދެން ހަވާލާދެއްވީ އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ފެލިސް ފްރެންކްފާޓްގެ މަޝްހޫރު ވިދާޅުވުމަކަށެވެ. ސިޔާސީ މަސްރަހުގެ ތެރެއަށް، ސިޔާސީ ވާދަވެރިކަމުގެ ކަންކަމުގެ ތެރެއަށް ކޯޓުން ވަދެގެން ނުވާނެ ކަމަށް ވިދާޅުވެފައި ވިދާޅުވުމެވެ.
ނަމަވެސް ރާއްޖޭގައި ދުސްތޫރީ މައްސަލައެއް ބެލުން ވާނީ ފްރެންކްފާޓް އެ ފާހަގަކުރައްވާ 'ޕޮލިޓިކަލް ތިކެޓް'ގެ ތެރެއަށް ވަނުން ކަމަށް ސަވާދު ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓަށް މި ޖެހެނީ ސިޔާސީ ކަމެއްގެ ތެރެއަށް ވަންނަން. ސިޔާސީ ކަމެއްގައި ސަރުކާރު ނުރުހޭ ގޮތަށް ނިޔާ އިއްވުމަކީ ފަނޑިޔާރުންނަށް ދަތިވާ ކަމެއްގެ ގޮތުގައި ފާހަގަވޭ،" ސަވާދު ވިދާޅުވި އެވެ.
ސަވާދު ގަބޫލުކުރައްވާ ގޮތުގައި މިހެން ވަނީ ފަނޑިޔާރުން ސިޔާސީ ނުފޫޒަށް ދީއްލާލާތީ އެވެ.
"އަތުވެދާނެ ސިޔާސީ ހަމަލާއަކަށް ޖެހިލުމެއް ނެތި، މައްސަލައަށް އަދި ވަގުތުގެ މުނާސަބަަށް ބޭނުންވާ ފަރުވާ އިއްވުމުގެ ހިތްވަރު ފަނޑިޔާރުންގެ ހުންނަން ވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރާނީ،" ސަވާދު ވިދާޅުވި އެވެ.
ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ، ޖޭއެސްސީ މެދުވެރިކޮށް ހުއްޓުވީ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރަނީ އަމަލުކުރުން ފަސްކުރުމުގެ އަމުރާ ގުޅޭ އަޑުއެހުމަށް ކުޑަތަންވެފައި ވަނިކޮށެވެ. އޭގެ ފަހުން ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކު ބަދަލުކޮށްފި އެވެ. ބެންޗުގެ އަގުލަބިއްޔަތެވެ. ބެންޗު ފުރިހަމަކުރި ފަހުން ވެސް ތިން މަހެވެ. އެކަމަކު އެންމެ އަޑުއެހުމެއް ވެސް ތާވަލުކުރާކަށް ނޫޅެ އެވެ.
ޖޭއެސްސީގެ އެކުލެވުން އޮންނަނީ، ދައުލަތުގެ ކޮންމެ ބާރަކުން ތިން މެންބަރުން ތަމްސީލްކުރަން ތިބޭ ކަހަލަ ގޮތަކަށެވެ. އެހެންވެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ލިބޭ ކޮންމެ ފަހަރަކު ނަތީޖާއަކީ ސަރުކާރަށް ޖޭއެސްސީގެ ކޮންޓްރޯލް ލިބުމެވެ. ޖުޑީޝަރީގެ ކޮންޓްރޯލް ސަރުކާރަށް ލިބި، ބާރުތައް އެއް ބަޔަކަށް ލިބުމެވެ.
ފަނޑިޔާރުކަމާއި ޝަރުއީ ދާއިރާގެ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޖަމީލު ވިދާޅުވީ ދުސްތޫރީ މައްސަލަތައް ޕާކުކޮށްފައި ބާއްވަނީ ސިޔާސީ ބިރުވެރިކަމެއްގެ ތެރޭގައި ފަނޑިޔާރުން ތިބުމެވެ. އަދި ސަރުކާރުން ހިންގާ ކޮރަޕްޝަންތަކުގެ ތެރެއަށް ވަންނަން ފަނޑިޔާރަށް ލިބޭ ފުރުސަތުގައި އޭގެ ތެރެއަށް ވަނުމެވެ.
ޖޭއެސްސީގެ އެކުލެވުން އެަކަންޏެއް ނޫނެވެ. ޖަމީލަށް މުޅި ނިޒާމު އިސްލާހު ކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވަ އެވެ. ފަނޑިޔާރުންގެ ފެންވަރުގެ މިންގަނޑު، އައްޔަންކުރުމުގެ އިޖުރާއަތްތައް، މަގާމުގައި ދެމިތިބެވޭ ގޮތްތައް، އަދި ވަކިކުރާ އިޖުރާއަތްތައް ވެސް ހިމެނޭ ގޮތަށް މުޅި ނިޒާމު އިސްލާހުކުރަން ޖެހެ އެވެ.
"ގާނޫނުގެ ވެރިކަން ނެތީމާ ކޮންމެ ސިޔާސީ ބަޔަކަށް ކޮންމެ ވެސް އެއް ވަގުތެއްގައި އޭގެ ގެއްލުން އެބަ ދައްކާ. އެހެންވީމާ ކޮންމެ ސިޔާސީ ލިޑަރަކު، ހުރިހާ ސިޔާސި ޕާޓތަކުން ވެސް މިއަދު އެއްބަސްވެ، މުޅި ޖުޑިޝަރީ ނިޒާމުގެ ރިވިޝަނެއް ހަދައި ރިފޯމެއް ގެންނަން އެއްބަސްވެ އިށީންނަން އެބަ ޖެހޭ،" ޖަމީލު ވިދާޅުވި އެވެ.
ދުސްތޫރީ މައްސަލަތަކުގެ ދޮރުގައި ބޮޑު ތަޅު؛ ގާނޫނު ނުހިނގާ ރާއްޖެއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ