އޮޑިޓު ރިޕޯޓުގައި ދޭ ލަފާތަކަށް ފެނަކައިން އަމަލެެއްނުކުރޭ: އޮޑިޓް އޮފީސް

އޮޑިޓް އޮފީހުން ނެރޭ އޮޑިޓް ރިޕޯޓުތަކުގައި އިސްލާހުކުރަން ދޭ ލަފާތަކާ އެއްގޮތަށް ފެނަކައިން އަމަލުނުކުރާ ކަމަށާއި ކުންފުނީގެ ކަންކަން ހިންގަމުންދަނީ ކުރިން ދިމާވި މައްސަލަތައް ތަކުރާރުވާ ގޮތަށް ކަމަށް އޮޑިޓް އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހާ މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ.
ތަފްސީލު - ފެނަކައިގެ އޮޑިޓުން ފެންނަން ހުރި މައްސަލަތަކަކީ އޭރު ވެސް އަދި މިހާރު ވެސް ބަރާބަރަށް ހިނގަމުންދާ ކަންތައްތައްކަން ފާހަގަކުރައްވައި، ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އެގޮތުން ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި މަޝްރޫއުތައް ހަވާލުކޮށް، ނުފެށި ހުރުމާއި ފިނޭންސް މިނިސްޓްރީން ބޭނުން ގޮތަކަށް ކުންފުނިތަކަށް ފައިސާ ދޫކުރުމަކީ ތަކުރާރު ވަމުންދާ ކަންތައްތަކެވެ.
"މީގައި މިހުރި ހުރިހާ ވާހަކަތަކަކީ ކޮންމެ ދުވަހަކު ހިނގާ ކަންތައްތައް. މިކަން ހުއްޓުވޭނެ ނިޒާމެއް ނެތް، ތިޔަ ބޭފުޅުން ހަމަ އެއް ރެކޮމެންޑޭޝަން ހުރިހާ ރިޕޯޓެއްގެ ފަހަތަށް ލަނީ. މި ހުއްޓުވޭނެ ގޮތެއް އެބައޮތްތޯއޭ، ކޮން ޒިންމާއެއްތޯ އޭ ނަގަން އޮތީ އަދި ކޮން ކަމެއްތޯއޭ ކުރެވޭނީ،" މެމްބަރަކު ވިދާޅުވި އެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޮޑިޓް އޮފީހުގެ އެސިސްޓެންޓް އޮޑިޓާ ޖެނެރަލް (ޕާފޮމެންސް އެންޑް ސްޕެޝަލް އޮޑިޓް ޑިވިޝަން) އިބްރާހިމް އައިމަން ވިދާޅުވީ ފެނަކައަކީ އެންމެ ގިނައިން ހާއްސަ އޮޑިޓް ހަދާ އެއް ކުންފުނި ކަމަށާއި ނަމަވެސް އެ އޮޑިޓުތަކުގައި ވެސް ދީފައިވާ ލަފާތަކާ އެއްގޮތަށް އަމަލުނުކުރާ ކަމަށެވެ.
ހާއްސަ އޮޑިޓެއް ހަދަނީ އޮޑިޓް އޮފީހުން ކުންފުނިތަކުގެ މާލީ ބަޔާންތަކުގެ އޮޑިޓުން ނުވަތަ އެ ނޫން ވެސް ގޮތަކުން ބޮޑެތި މައްސަލަތަކެއް ފާހަގަވުމުންނެވެ.
ބުނީ ކީކޭ؟ - "2017 ވަނަ އަހަރު ރިކޮމެންޑޭޝަން ދީފައި އޮންނާނެ، ޕްރޮކިއުމަންޓް އުސޫލު މިއޮތީ ސީދާ ވަކި ބަޔަކަށް ބޭނުންވާ ފަރާތްތަކަށް މަސައްކަތް ހަވާލުކުރެވޭ ގޮތަށޭ، މި ބަދަލު ކުރާށޭ،" އައިމަން ވިދާޅުވި އެވެ.
"އެހެން ނަމަވެސް އޭގެ ފަހުން ވެސް އެއަށް އެއްވެސް އިސްލާހެއް ގެނެވިފައެއް ނެތް. ހަމަ އެގޮތުގައި، 'ބިޒްނަސް އޭޒް ޔޫޝުއަލް' ކުރިއަށް ގޮސްފައި މިއޮތީ."
އޮޑިޓް އޮފީހުގެ މަސައްކަތުގެ ސްކޯޕާއި ޒިންމާ އަދި ރާއްޖޭގައި އެކައުންޓެބިލިޓީ ނިޒާމު ރޭވިފައި އޮތް ގޮތަށް ރިއާޔަތްކޮށް އައިމަން ވިދާޅުވީ އޮޑިޓް އޮފީސް އޮތީ މަޖިލީހަށް ކުންފުނިތައް ޖަވާބުދާރީ ކުރުވުމުގައި އެހީތެރިވެދޭ މުއައްސަސާއެއްގެ ގޮތުގަ އެވެ.
"ދުނިޔޭގެ ބައެއް ގައުމުތަކުގައި ހުންނާނެ އޮޑިޓް އޮފީސްތައް، ތަހުގީގު ކުރުމާއި މި ހުރިހާ ބާރުތަކާ އެއްކޮށް ވެސް. އެކަމަކު އެ މޮޑެލްއަކަށް ނޫން ރާއްޖޭގައި މި ހިނގަނީ،" އައިމަން ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެބަ ރެކޮމެންޑޭޝަންތައް ދެން. ދެން ވެސް ކުރެވޭނެ ކަމަކީ ރެކޮމެންޑޭޝަންތައް ތަންފީޒު ކުރޭތޯ ބަލާފައި، ނުކުރާ ނަމަ މަޖިލީހަށް ރިޕޯޓުކުރުން."
އެނގުން މުހިއްމު - ފެނަަކައިގެ ހާއްސަ އޮޑިޓެއް މިދިޔަ މަހުގެ ފަހުކޮޅު އޮޑިޓު އޮފީހުން ވަނީ އާންމުކޮށްފަ އެވެ.
އެ އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުން:
 2021 އިން ފެށިގެން 2023ގެ ނިޔަލަށް 8.8 ބިލިއަން ރުފިޔާ މުދަލާއި ހިދުމަތް ހޯދުމަށް ހަރަދުކޮށްފައިވޭ؛ އޭގެ ތެރެއިން އެވަގުތަށް މުހިންމު ނޫން ކަންކަމަށާއި ބީލަމުގެ އުސޫލުން ބޭރުން އަދި އަގު ބޮޑުކޮށް ބައެއް ހަރަދުތައް ކޮށްފައިވޭ
ކުންފުންޏަށް ބޭނުންވާ ތަކެތި ގަތުމަށާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ މަސައްކަތްތަކަށް 674 އެއްބަސްވުމުގެއް ދަށުން 2.22 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައިވޭ؛ އޭގެ ތެރެއިން 439 (%65) އެއްބަސްވުމުގެ ދަށުން 1.37 ބިިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިއުލާންނުކޮށް، ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން
ރަށްރަށުގެ އިންޖީނުގެ އާއި އޮފީސް އިމާރާތް އެޅުމަށް 2023ގެ ނިޔަލަށް 57 މަޝްރޫއުގެ މަސައްކަތަށް 1 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ހޭދައެއްކޮށްފައިވާ އިރު އޭގެ ތެރެއިން ނުނިމި ހުރި 41 މަޝްރޫއު ނިންމަން އަދިވެސް ގާތްގަނޑަކަށް 241 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭ
އިންޖީނުގެތައް އެޅުމަށް ހަވާލުކޮށްފައިވަނީ މާކެޓް އަގަށް ވުރެ އިތުރަށް ގާތްގަނޑަކަށް 767 މިލިއަން ރުފިޔާ ހަރަދުވާނެ ގޮތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ