ނިއު ރޭޑިއަންޓްއާ އެކު ސުޒޭނަށް ރާއްޖޭގެ އެންމެ ބޮޑު ކްލަބްގެ ޕްރެޝަރު ނިއު ރޭޑިއަންޓްއާ އެކު ސުޒޭނަށް ރާއްޖޭގެ އެންމެ ބޮޑު ކްލަބްގެ ޕްރެޝަރު

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ބެންޗުގައި އެ ޓީމުގެ ކޯޗަކަށް ހުންނައިރު، ރާއްޖޭގެ އެންމެ ބޮޑު ކްލަބްގައި ހުރެ ނަތީޖާ ނެރުމުގެ ޕްރެޝަރު އޮންނާނެ ކަމަށް ނިއުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
މީގެ ހަތް އަހަރު ކުރިން، 2019 ވަނަ އަހަރު، އެފްއޭއެމް އިން ނިއު ސަސްޕެންޑްކުރުމުން، 2022 ވަނަ އަހަރު ސަސްޕެންޝަނުން ސަލާމަތްވެ، ޖެހިޖެހިގެން ދެ ސީޒަނުގައި ދެ ވަނަ ޑިވިޝަނުގައި ނިއު ކުޅުނެވެ. ނިއު އަށް މި ފަަހަރުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ލިބުނީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ވަކިވުމުންނެވެ.
މި ފަހަރުގެ ލީގާ ދިމާކޮށް ނިއުގެ ކޯޗުކަމާ ހަވާލުވީ، އެ ކްލަބާ އެންމެ ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކުރީގެ ކޯޗު ސުޒޭން އެވެ. މީގެ ކުރިން ވެސް ސުޒޭނަށް ނިއުގެ ކޯޗަކަށްވުމުގެ ފުރުސަތު ލިބި ބޭނުންނުކުރި ނަމަވެސް މި ފަހަރު އޭނާ މި ވަނީ އެ އޮފާ އައުމުން ގަބޫލުކޮށްފަ އެވެ.
ނިއުގެ ކޯޗުކަމާ ސުޒޭން ހަވާލުވެ، މިހާތަނަށް ކުރިމަތިލި ލީގުގެ ހަތަރު މެޗުން ވެސް މޮޅުވެފައިވާއިރު، އެ ޓީމު އޮތީ ލަނޑުގެ ތަފާތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވުރެން ކުރީގައި ލީގުގެ އެއް ވަނަ މަގާމުގަ އެވެ.
ނިއުގެ ކޯޗަކަށް ހުރެ، ވިކްޓަރީއާ ދެކޮޅަށް ސުޒޭން ނުކުތް ފުރަތަމަ މެޗުން، ނިއު މޮޅުވީ 4-0 އިންނެވެ. އެ މެޗަށް ފަހު ސުޒޭން ބުނީ، ނިއު އަށް އައީ ކާމިޔާބު މަސައްކަތެއް ކުރުމަށް ޗެލެންޖް ނަގައިގެން ކަމަށެެވެ.
"ދިވެހިރާއްޖޭގެ އެންމެ ބޮޑު ކްލަބްގެ ކޯޗަކަށް ހުރުން، އެ ޓަޗްލައިންގައި ހުންނައިރު އެ ޕްރެޝަރު، މިއީ، ފަސޭހަކަމެއް ނޫން، އިނގޭތޯ، 0-0 ގައި އޮންނައިރު ލީޑުކޮށްލާއިރު ހިތަށް ފިނިކަމެއް ލިބިދާނެ ކަންނޭނގެ. އެކަމަކު އެ ޕްރެޝަރަކީ އާދައިގެ ކަމެއް ނޫން، ވިކްޓަރީގައި ހުރިއިރު ވެސް އެ ޕްރެޝަރު، އަނެއްކާ ވެސް އެތައް އަހަރެއް އެތައް ދުވަހެއް ވީ ފަހުން އަނެއްކާ ވެސް މި އޮތީ އެ ޕްރެޝަރު ނަގަން ޖެހިފައި، އިރާދަކުރެއްވިއްޔާ، އަދި މި ދަނީ ރަނގަޅު، މީކީ ފަސޭހަކަމެއް ނޫން، ބޮޑު ކްލަބެއްގެ އެ ޕްރެޝަރު ނެގުން،" ސުޒޭން ބުންޏެވެ.
"ފުޓްބޯޅައިގެ ބިއުޓީ (ރީތި ކަމަކ) އަކީ އެއީ، ޕްރެޝަރާއެކީގައި މަސައްކަތް ކުރާއިރު އެ ޒިންމާދާރުކޮށް އެ މަސައްކަތް ކުރުން، ކުޅުންތެރިން އެ ޕޮޒިޓިވް ވައިބެއްގައި ކޮންމެ މެޗަކަށް ގެނައުން، އެ ކުުޅުންތެރިން ތައްޔާރުކުރުން، އެއީ މީގެ ޗެލެންޖަކީ، އެކަންކަން މީގެ ބިއުޓީ އަކީ، އެ ޗެލެންޖް ނަގައިގެން އަޅުގަނޑު ނިއު ރޭޑިއަންޓަށް އައީ،"
ސުޒޭން ބުނީ، ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ނިއު އިން އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ފެނިގެންދިޔަ ކަމަށެވެ.
"(ވިކްޓަރީ އަތުން 4-0 އިން) މި ސްކޯގައި މޮޅުވީމަ، ޓޭބަލްގައި އަޅުގަނޑުމެން އޮތް ހިސާބެއްގައި، މާޒިޔާއާ އެއްވަރަށް އޮއެވުނުކަން އެއީ ވަރަށް ބޮޑު ނިއުމަތެކޭ ދަންނަވާނީ، އަލްހަމްދުލިއްލާހި. ކުޅުންތެރިންގެ ބުރަ މަސައްކަތް ފެނިގެންދިޔައީ، ރިޒަލްޓް ހަމަގައިމު ވެސް ތަފާތު ބޮޑުވުން. އެއީ، އެޑްވާންޓޭޖެއް، މިހާ ކައިރިކޮށްދާއިރު ކޮންމެ ގޯލަކީ ކައުންޓް ކުރާނެ އެއްޗެއް،" ސުޒޭން ބުންޏެވެ.
ލީގުގައި ނިއު އިން ދެން އެންމެ އަަވަހަށް ކުޅޭ މެޗުގައި ނުކުންނާނީ އެންމެ ފުލުގައި އޮތް ކްލަބް އީގަލްސްއާ އެވެ. އީގަލްސްގެ ކޯޗިންގެ ޒިންމާއާ ހަވާލުވި، އަބްދުﷲ ހަނީފް (ބެންޖޯ)ގެ އިރުޝާދުގެ ދަށުން އެ ޓީމު ކުުޅުނު ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބާ ވަނީ އެއްވަރުވެފަ އެވެ. ސުޒޭން ވަނީ، އެ މެޗުގައި އީގަލްސް އިން ފެނުނު ކުރިއެރުންތަކާއި އެ ކްލަބްގެ ހާލަތަށް އަންނަ ބަދަލުތަކަށް ބަލައި، ނިއު އިން ވަރަށް ރަނގަޅަށް މެޗަށް ތައްޔާރުވާން ޖެހޭނެ ކަމަށެެވެ.
"އަޅުގަނޑުމެންނަށް ފެނުނު ލީގުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމަކީ އޮޑި، އޮޑިއާ އެއްކޮށް، އީގަލްސް އެ ޕާފޯމްކުރި ގޮތް، އީގަލްސްގެ ގޯލްކީޕަރުގެ ޕާފޯމަންސް، އީގަލްސް އަކީ އާދައިގެ ޓީމެއް ނޫންކަން ސާބިތުކޮށްފި އަނެއްކާ ކޯޗު ބަދަލުވުން ވެސް އެ އަށް ކޮންމެވެސް ވަރެއްގެ ބޫސްޓެއް އައިތަން ފެނިގެންދިޔަ، އެހެންވީމަ، އީގަލްސް މެޗު މި އޮތީ، އެ މެޗަށްދާއިރު ވަރަށް ފަރުވާ ބަހައްޓައިގެން ތައްޔާރުވާން ނިއު ރޭޑިއަންޓަށް މަޖުބޫރު ހަަމަ،" ސުޒޭން ބުންޏެވެ.
އީގަލްސްގެ ކޯޗުކަމާ ބެންޖޯ ހަވާލުވުމުން ވެސް އެ ޓީމުގެ ކަންކަމުގައި ބަދަލުތަކެއް ކުރިއަށް ހުރި މެޗުތަކުގައި އަންނާނެ ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.
ނިއު އާއި އީގަލްސް ކުޅޭނީ މި މަހު 27 ވަނަ ދުވަހުގެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ