ދެގަޑިއިރު ތެރޭ ބޮޑު ރެއިޑެއް: 900އަށް ވުރެ ގިނަ ބިދޭސީން ޗެކުކޮށް، 81 ބިދޭސީން ހިފަހައްޓައިފި

މާލޭގައި ގަވައިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށްގެން އިމިގްރޭޝަނުން ބޮޑު ރެއިޑެއް ހިންގައި، 81 ބިދޭސީން އެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން ކުރި ޕޯސްޓެއްގައި ވަނީ، ގަވައިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް މިއަދު ހަވީރު 16:00އިން 18:00އަށް ބޮޑު ރެއިޑެއް ހިންގި ކަމަށެވެ. އެ ރެއިޑުގައި އިމިގްރޭޝަނުން ވަނީ، 463 ތަނެއް ބަލައި ފާސްކޮށް، 932 ބިދޭސީން ޗެކުކޮށްފައެވެ. އޭގެތެރެއިން ގަވައިދާ ޚިލާފަށް އުޅޭ 81 ބިދޭސީން ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. https://x.com/ImmigrationMV/status/1970497662052114561 ހަމައެހެންމެ، ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރީގައި ހަރަކާތްތެރިވަމުން ދާ ކަމަށް ފާހަގަކުރެވުނު 10 ތަނެއްގެ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކުރިކަން އިމިގްރޭޝަނުން ފާހަގަކުރިއެވެ. އިމިގްރޭޝަނުން ހިންގި ބޮޑު ރެއިޑުގަިއ ބިދޭސީއަކު ބަލައި ފާސްކުރަނީ: ޖުމުލަ 81 ބިދޭސީއަކު އިމިގްރޭޝަނުން ވަނީ ހިފަހައްޓާފައި ---- ފޮޓޯ/ އިމިގްރޭޝަން އެ ރެއިޑުގައި 160 އިމިގްރޭޝަން އޮފިސަރުންނާއި 66 ފުލުހުންނާއި އެހެނިހެން ކަމާގުޅުންހުރި އިދާރާތަކުން ބައިވެރިވެ، މާލޭގެ 25 ސަރަހައްދެއް ބަލައިފާސްކުރިއެވެ. ނުގަވައިދުން އުޅޭ ބިދޭސީން ހޯދައި، ވަގުތުން ޑީޕޯޓުކުރާ ގައުމީ އޮޕަރޭޝަނެއް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އަންނަނީ ހިންގަމުންނެވެ. މި އޮޕަރޭޝަންގައި މިދިޔަ އާދިއްތަ ދުވަހު އެކަނި ވަނީ، 24 ބިދޭސީން ހޯދައިފައިވެއެވެ. އިމިގްރޭޝަނުން ހިންގި ބޮޑު ރެއިޑުގައި ބިދޭސީއަކު ބަލައި ފާސްކުރަނީ ---- ފޮޓޯ/ އިމިގްރޭޝަން ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި ނުގަވައިދުން ވިޔަފާރިތައް ހިންގާ ބިދޭސިންނާއި އެކަންކަން ކުރުވާ ދިވެހީންނަށް ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް އަޙްމަދު ފަސީހު ވަނީ ވިދާޅުވެފައެވެ. ފަސީހު ވިދާޅުވީ ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމުގެ އޮޕަރޭޝަނަކީ ފަސޭހަ އޮޕަރޭޝަނަކަށް ނުވާނެ ކަމަށެވެ. އެގޮތުން، އެކަމުގެ އަޑީގައި ނުފޫޒުގަދަ މީހުންނާއި ވިޔަފާރިވެރިން ތިބި ކަމަށާއި، އެ މަސައްކަތް ކާމިޔާބުވާނީ ސީރިއަސް މަސައްކަތްތަކެއް ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ