ނޫސްވެރިންނާއި އާންމުންނަށް އަނިޔާކުރިތާ ހަފްތާއެއްވާއިރު، އެޗްއާރްސީއެމް ހަނު! ނޫސްވެރިންނާއި އާންމުންނަށް އަނިޔާކުރިތާ ހަފްތާއެއްވާއިރު، އެޗްއާރްސީއެމް ހަނު!

މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ފަރުމާކޮށްފައި އޮތް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓް ރެގިއުލޭޝަން ބިލް" ސެޕްޓެމްބަރު 16، ގައި ފާސްކުރިއިރު މަޖިލިސް ދޮށަށް އެއްވި ނޫސްވެރިންނާއި އާންމުންނަށް ފުލުހުން އަނިޔާކުރިތާ ހަފްތާއެއްވާއިރު އެކަމާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އެއްވެސް އެއްޗެއް ނުބުންޏެވެ.
މަޖިލިސް ދޮށަށް އެއްވެސް ނޫސްވެރިންނާއި އާންމުން ކުރި އިހުތިޖާޖު އެޗްއާރްސީއެމް އިން މޮނިޓާ ކުރިތޯ އަދި ފުލުހުން އަނިޔާކުރި މައްސަލަ އެޗްއާރްސީއެމްއިން ބަލަމުންދާތޯ އަދަދު އިން ސުވާލުކުރުމުން މިހާތަނަށް ވެސް އެ ކޮމިޝަނުން އެއްޗެއް ބުނެފައެއް ނުވެ އެވެ.
އޭގެ އިތުރުން ނޫސްވެރިންނާއި އާންމުންނަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާތީ، އެކަމާ ގުޅިގެން އެޗްއާރްސީއެމްގެ ކަންބޮޑުވުމެއް އޮތްތޯ ސުވާލުކުރުމުން ވެސް އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ.
އެ މުޒާހަރާގައި ފުލުހުން ވަނީ ބައެއް ނޫސްވެރިންނާއި އާންމުންގެ ބޮލަށް ކަކުލުން އަރައި، އަތް އަނބުރައި، އަންނައުނަށާއި ކެމެރާ ފަދަ ސާމާނަށް ގެއްލުންދީފަ އެވެ. ބައެއް ނޫސްވެރިންގެ ހަށިގަނޑުން ވަނީ ލޭ އޮހޮރުވާލައިފަ އެވެ.
ނޫސްވެރިންނާއި އާންމުން މަޖިލިސް ދޮށުގައި ކުރި މުޒާހަރާގެ ބައިވެރިން މަޖިލިސް ދޮރުމަތިން ފަހަތަށް ޖެއްސި ނަމަވެސް އެ ދުވަހު ހެނދުނުން ފެށިގެން 12 ގަޑިއިރު ވަންދެން އެ މުޒާހަރާ ކުރިއަށްގެންދިޔަ އެވެ.
މަޖިލިސް ދޮށުގައި ކުރި މުޒާހަރާގައި ބައިވެރިވި މީހުންނާއި ނޫސްވެރިންނަށް ފުލުހުން އަނިޔާ ކުރި ކަމަށް ފެންނަނީ ފޮޓޯ ނަގާފައިވާ އޭންގަލުން ކަމަށް ބުނެ ހާލަތާ ނުބައްދަލު ބާރުގޭ ބޭނުން ކުރުން ފުލުހުން ދިފާއުކުރި އެވެ.
އެ ހުރިހާ އަނިޔާއެއް ދިފާއުކޮށް ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެ އިދާރާގެ ހުއްދައެއް ލިޔުމުން ލިބިގެން މެނުވީ، އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ނުބޭއްވޭނެ ކަމަށެވެ.
އެ މުޒާހަރާ ރުޅާލުމުގައި ފުލުހުން އަމަލުކުރި ގޮތުގެ ރިވިއުއެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ހަދަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ