ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރައްވަން ބާއްވާ ކޮންމެ ޖަލްސާއަކުން ފެންނަނީ އެއް މަންޒަރެކެވެ. ރައްޔިތުން އާދޭހާއެކު މަނިކުފާނުގެ އަރިހުގައި ދަންނަވަނީ ބޯހިޔާވަހިކަމުގެ ތަސައްލީއަކަށެވެ. މިއީ މިއަދު ދިވެހި ކޮންމެ އާއިލާއެއްގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. ނަމަވެސް، މަނިކުފާނުގެ ސަރުކާރުން މި ފަހަކަށް އައިސް ނިންމަވަމުންދާ ނިންމެވުންތަކުން ފެންނަނީ އިންސާފުގެ ބަދަލުގައި، ވަކި ބަޔަކަށް ނާޖާއިޒު މަންފާތަކެއް ހޯދައިދޭ މަންޒަރެވެ.
ރޯދަމަހުގެ ކަރަންޓު ބިލުތަކުން ލުއި ތިޔަ ދެއްވަނީ ރައްޔިތަކު އާދޭސްކޮށްގެނެއް ނޫނެވެ. ނަމަވެސް އެ "ލުއި" ބެހިގެންދާ ގޮތުން އިންސާފާ މެދު ސުވާލު އުފެދެއެވެ. މަހުޖަނުން ނުވަތަ ބޮޑެތި ގެތަކުގެ 20,000ރ.ގެ ބިލު 400ރ. އަށް ކުޑަވާއިރު، ރޯދަ މަހު 399ރ. އަރާ ނިކަމެތި މީހާއަށް އެއްވެސް ލުޔެއް ނެތެވެ.
ހުޅުމާލޭން ގޯތި ގަނެފައިވާ ފަރާތްތަކަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ނިންމެވި ކަމަށް ރޭ އިއުލާނު ކުރެއްވި އެވެ. މަނިކުފާނަށް އެނގިވަޑައި ނުގަންނަވަނީތޯއެވެ؟ އެ ގޯތިތަކަކީ މިއަދު އަގުބޮޑު ގެސްޓުހައުސްތަކާއި، ބޮޑެތި ވިޔަފާރިތައް ހިންގާ، އިންވެސްޓްކުރި ވަރަށްވުރެ އެތައް ގުނައެއް ފައިދާ ލިބެމުންދާ ތަންތަނެވެ. އެފަދަ ތަނަވަސް ވިޔަފާރިވެރިންނަށް ދައުލަތުގެ ފައިސާއިން ޑިސްކައުންޓު ދޭންވީ ކީއްވެގެންތޯއެވެ؟
ގާނޫނުއަސާސީން މަނިކުފާނަށް މަތިކޮށްފައި އޮތީ އެ ފޮތާ އެއްގޮތަށް އަމަލު ކުރުމަށެވެ. ގާނޫނުއަސާސީގައި ބުނާ ހަމަހަމަކަމާއި ތަފާތު ނުކުރުން ކޮބައިތޯއެވެ؟ ވަކި ބަޔަކަށް ނާޖާއިޒު މަންފާއެއް ދައުލަތުގެ މުދަލާއި ފައިސާއިން ދިނުމަކީ ކުށެކެވެ. ކޮރަޕްޝަނވެ. ބޮޑު ޖަރީމާއެކެވެ.
ސަރުކާރުގެ ފްލެޓުތަކަށް ލުއިދީ، ވަކި ބަޔަކަށް "ހަދިޔާ" ބެއްސެވުމުގެ ބަދަލުގައި، ހުރިހާ ރައްޔިތުންނަށް އިންސާފުވެރިވާށެވެ. ކުލީގެ ބުރައިގައި ތިބި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ހަގީގީ ބަދަލެއް އަންނަންދެން، އެންމެހާ ނިކަމެތިންނަށް ޝާމިލުވާނެ ފަދަ ލުޔެއް ދިނުން މާ އިންސާފުވެރި ނޫންތޯއެވެ؟ އޭރުން ބޮޑު ކުލި ދައްކައިގެން އުޅޭ މީހާއާއި، ބޭންކު ލޯނު ނަގައިގެން ނޭވާ ހާސްވެފައިވާ މީހާއަށްވެސް އެ ލުއި ލިބޭނެ އެވެ.
ކުއްޔަށް އުޅޭ ރައްޔިތުން މިއަދުވެސް އެވްރެޖްކޮށް އެއް ކޮޓަރީގެ އެޕާޓްމަންޓަކަށް 12,000 އާއި 15,000ރ. ދެމެދުގެ އަދަދެއް ހަރަދުކުރެއެވެ. ސަރުކާރުގެ ފްލެޓްތަކަށް ލުއިދޭއިރު، އަގުބޮޑު ކޮށް ގޯތި ގަނެފައިވާ ފަރާތްތަކަށް ޑިސްކައުންޓު ދޭއިރު، ކުލީގެ ދަންތުރައިގައި އުޅެން މަޖުބޫރުވެފައިވާ ރައްޔިތުންނަށް "ރެންޓް ސަބްސިޑީ" އެއް ނުވަތަ ލުޔެއް ނުލިބުމަކީ އުފެދޭ ބޮޑު ސުވާލެކެވެ.
ހުޅުމާލެއިން ގޯތި ގަނެފައިވާ މީހުންނަށް 10 ޕަސެންޓު ޑިސްކައުންޓު ދޭއިރު، އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް ބީއެމްއެލް ނުވަތަ އެޗްޑީއެފްސީ މެދުވެރިކޮށް 10 ޕަސެންޓަށް ވުރެ މަތީ އިންޓްރެސްޓް ރޭޓުގައި ލޯނު ނަގައިގެން އުޅޭ އެތައް ބަޔަކު އެބަތިއްބެވެ. އެމީހުން ދައްކަންޖެހޭ ޖޫރިމަނާއާއި އިންޓްރެސްޓަށް ލުޔެއް ނުލިބި، ހަމައެކަނި ވަކި ބަޔަކަށް އިމްތިޔާޒުތަކެއް ދިނުމަކީ އެއްވެސް ހަމައަކުން އިންސާފުވެރި ގޮތެއް ނޫނެވެ.
ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް މަތިވެފައިވެފައި މިވަނީ މަނިކުފާނު ގެންނެވި ޑޮލަރު މާރުކުރުން މަޖުބޫރުކުރާ ސިޔާސަތުގެ ސަބަބުންނެވެ. މިފަދަ ދަނޑިވަޅުގައި، ހަމައެކަނި ސަރުކާރުގެ މަޝްރޫއުތަކުން ފްލެޓާއި ގޯތި ލިބުނު މީހުންނަށް ލުއިދިނުމުން، އެ ފުރުސަތު ނުލިބުނު ރައްޔިތުންނަށް އިހުސާސްވަނީ އެމީހުން ބާކީވެފައިވާ ކަމެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް އުޅެނީ އަމިއްލަ ކުލީ ބިމުގައާއި ބޭންކު ދަރަނީގެ ދަށުގައެވެ. އެހެންވެ، މިކަންކަން ހުށަހަޅާލަމެވެ.
އަދި ހަމައެކަނި ބޯހިޔާވަހިކަމެއް ނޫނެވެ. އިގުތިސާދީ ހާލަތަށް ބަލާއިރު، މަނިކުފާނުގެ ޑޮލަރުގެ ސިޔާސަތުގެ ސަބަބުން މުދަލުގެ އަގުތައް ވަނީ އަތްނުފޯރާ ފަށަށް އަރާފައެވެ. އިއްޔެ 50ރ.އަށް ހުރި މުދާ މާދަމާ 60 ނުވަތަ 70ރ. އަށް ބޮޑުވެ، އާންމު ރައްޔިތުން އުފުލަންޖެހިފައިވަނީ މިހާތަނަށް ތަޖުރިބާ ނުކުރާ ފަދަ ތަދިކަމެކެވެ. ކުންފުނިތަކުން މުދަލުގެ އަގު ހިފެހެއްޓުމަށްޓަކައި ފައިދާގެ މިންވަރު ކުޑަކޮށް، ލޯނު ނަގައިގެން ޚަރަދުތައް ހަމަޖައްސަން މަޖުބޫރުވެއްޖެއެވެ. މިފަދަ ޙާލަތެއްގައި އޮތް ވިޔަފާރިތަކަށް އެއްވެސް ލުޔެއް ދޭން މަނިކުފާނު ނުވިސްނަވަނީތޯއެވެ؟
މަނިކުފާނަށް ގާނޫނުއަސާސީން މަތިކޮށްފައިވަނީ ހުރިހާ ރައްޔިތުންނަށް ހިދުމަތް ކުރުމަށެވެ. ވަކި ބަޔަކު މުއްސަނދިކޮށް، ވަކި ބަޔަކު ބާކީކުރުމުގެ ސިޔާސަތެއް އޮވެގެން ނުވާނެ އެވެ.
އުންމީދަކީ ރައްޔިތުންގެ މި ހަގީގީ އާދޭސް އަޑުއިވި، އިންތިހާބީ ނުފޫޒުން އެއްކިބާވެ، ހުރިހާ ދިވެހިންނަށް ހަމަހަމަ އިންސާފެއް ލިބިގެންދިއުމެވެ.
"ދިވެހީންގެރާއްޖޭ"ގައި އޮތް އިންސާފާއި ހަމަހަމަކަން! "ދިވެހީންގެރާއްޖޭ"ގައި އޮތް އިންސާފާއި ހަމަހަމަކަން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ