ނަދަމާ ބަންދުކުރި މައްސަލަ ހައިކޯޓުން ބަލައިގަނެ، ޝަރީއަތް ފަށަނީ
އައްޑޫ ސިޓީގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުން ތުހުމަތުކުރާ، އަލީ ނަދީމް ނުވަތަ ނަދަމާގެ މައްސަލަ ހައިކޯޓަށް ބަލައިގަނެ، ޝަރިއަތް ފަށަން ތައްޔާރުވެއްޖެއެވެ. އޭނާ ހައްޔަރުކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ފެށި އަލިމަގު އޮޕަރޭޝަންގެ ތެރެއިންނެވެ. އައްޑޫ ސިޓީ ހިތަދޫގައި އެންމެ ހަރަކާތްތެރި އެއް ގްރޫޕު "މައިލޯ"ގެ ކުރީ ސަފުން ފެންނަ އެއް މޫނު ކަމަށްވާ ނަދަމާ ހައްޔަރުކޮށްފައިވަނީ އިތުރު އެހެން ބަޔަކާ އެކު، ކޯޓު އަމުރެއްގެ ދަށުންނެވެ. އެ އަމުރު، ނަދަމާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެ މައްސަލަ ބަލައި ނުގަންނާށެވެ. އެ މައްސަލަ ހައިކޯޓުން ރިޖެކްޓްކޮށްފައި އޮތުމަށް ފަހު، ނަދަމާގެ ބަންދާ ގުޅޭ އެހެން މައްސަލައެއް މިހާރު ވަނީ ހައިކޯޓުގައި ރަޖިސްޓްރީކޮށް، ޝަރިއަތް ފަށަން ތާވަލުކޮށްފައެވެ. ތިން ފަނޑިޔާރުންގެ ބެންޗަކުން އެ މައްސަލައިގެ ޝަރިއަތް ހޯމަ ދުވަހު ފަށަން އޮތީ ތާވަލުކޮށްފައެވެ. https://sun.mv/215462 އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހަތާނަށް ކޯޓު އަމުރެއްގެ ދަށުން 10 ތަނެއް ބަލައިފާސްކޮށް 10 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ. މި އޮޕަރޭޝަންގައި ނަދަމާ ހިމެނޭހެން ގިނަ ބަޔަކު ހައްޔަރުކުރީ މި މަހުގެ ކުރީކޮޅެވެ. ފުލުހުން ބުނި ގޮތުގައި ނަދަމާ ހިމެނޭ "ނެޓްވޯކް"ގެ މީހުންނަށް އަމާޒުކޮށްގެން މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑާކުރުމުގެ ތަހުގީގު ފެށީ މިދިޔަ މާރިޗު މަހުން ފެށިގެންނެވެ. އަދި، 2017 ވަނަ އަހަރުން ފެށިގެން އެ "ނެޓްވޯކް"ގެ މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން ހިތަދޫގެ މި ޑުރަގު ނެޓްވޯކްގެ ހަތަރު މީހެއްގެ އެކައުންޓުން މިދިޔަ ފަސް އަހަރު ވަނީ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައެވެ. މި ސަރުކާރު ވެރިކަމަށް ގެންނަން އައްޑޫގެ ކެމްޕެއިންގައި އިސްކޮށް އުޅުނު ނަދީމް ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކަށް ހަމަޖެއްސީ މިދިޔަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ