އަހަރެމެން ކައި އުޅޭ ތަރުކާރީ އާއި މޭވާގެ ތެރެއިން، ދޮންކޭލާއި އޮރެންޖާއި ފެހިކުލަ ގަދަ ފަތާއި އަލުވި އަދި ޓޮމާޓޯއަކީ ވަރަށް މަތީ ނިސްބަތަކުން ޕޮޓޭސިއަމް އެކުލެވޭ ކާނާގެ ބާވަތްތަކެވެ. މި ބާވަތުގެ ކާނާތައް ކޮންމެ ދުވަހަކު ވެސް ކެއުމަށް ޑޮކްޓަރުންނާއި ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ.
ލޭގެ ޕްރެޝަރު މަތިވުން ނުވަތަ ހައިޕާޓެންޝަންގެ މައްސަލަ ކުރިމަތިވުމަކީ، ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުން ފަދަ ނުރައްކާތެރި ސިއްހީ ހާލަތްތައް މެދުވެރި ކުރުވާ އެންމެ މައިގަނޑު ސަބަބެވެ. ތަކުރާރުކޮށް ޑޮކްޓަރުން ދެއްވާ އިރުޝާދުތަކަށް ބަލާއިރު، އެމީހެއްގެ ކާނާގައި ލޮނު އެކުލެވޭ މިންވަރު ދަށްކުރުމަކީ، ލޭގެ ޕްރެޝަރު ކޮންޓްރޯލުކުރުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.
އެހެން ނަމަވެސް، ޕޮޓޭސިއަމްއަކީ ވެސް ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމަށާއި ދަށް ކުރުމަށްޓަކައި ވަރަށް ބޭނުންތެރި މައުދަނުގެ ބާވަތެކެވެ. ޕޮޓޭސިއަމްއަކީ ހަށިގަނޑުގެ ގުނަވަންތަކުގެ މަސައްކަތް ފުރިހަމަ ގޮތުގައި ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި މާއްދާއަކަށް ވިޔަސް، ގިނަ ބަޔަކު މާބޮޑު ސަމާލުކަމެއް ނުދޭ މާއްދާއެކެވެ.
ސައެންސްގެ ދިރާސާތަކުން ކަށަވަރުވެފައިވާ ގޮތުގައި ޕޮޓޭސިއަމްއަކީ ހިތުގެ ހިނގުން އެއް ހަމައެއްގައި ހިފަހައްޓައިދީ އެތެރެ ހަށީގައި އެކުލެވޭ ސިއްހީ ދިޔަ ނުވަތަ ފެން، ހަށިގަނޑަށް ބޭނުންވާ މިންވަރުގައި ވަޒަންހަމަކޮށް ހިފަހައްޓައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާ މައުދަނެކެވެ. ވަކިން ހާއްސަކޮށް ލޭގެ ޕްރެޝަރު މަތީގައި ހުންނަ މީހުންނަށް ޕޮޓޭސިއަމުން ލިބޭ ސިއްހީ މަންފާތައް މާ ބޮޑެވެ.
ލޭގެ ޕްރެޝަރު މަތީގައި ހުންނަ މީހުންނަށް ޕޮޓޭސިއަމް ބޭނުންވާ އެންމެ މުހިންމުވަނީ، ލޭ ހޮޅިތަކުގެ ދާފަރާ މުރަނަވިޔަ ނުދީ ނުވަތަ ހަރުވިޔަ ނުދީ އޭގެ އަސްލު މަޑުކަންމަތީގައި ދެމެހެއްޓުމަށް އެހީވެދޭ މާއްދާއަކަށް ވާތީއެވެ. ލޭހޮޅިތައް މުރަނަނުވެ މަޑުކަމުގައި ހުންނަ ނަމަ، ލޭހޮޅިތަކުގެ ތެރެއިން ލޭ ދައުރުކުރުން ފަސޭހަވެއެވެ. މިހެންވުމުން ލޭގެ ޕްރެޝަރު ދަށްވެ، ހިތުގެ މަސައްކަތްތައް ލުއިވެގެންދެއެވެ.
ޕޮޓޭސިއަމް އެކުލެވޭ ކާނާ ކެއުމުގެ އެންމެ މުހިންމު އަނެއް ބޭނުމަކީ، ހަށިގަނޑުގައި އެކުލެވޭ ލޮނުގެ މިންވަރު ވަކި ހަމައެއްގައި ހިފަހައްޓައިދިނުމެވެ. ހަށިގަނޑުގައި އެކުލެވޭ ލޮނުގެ މިންވަރު މަތިވެއްޖެއްޔާ ހަށިގަނޑުގައި ފެން ހިފަހައްޓާ މިންވަރު ވެސް އިތުރުވެއެވެ. މިހެންވުމުން ލޭގެ ޕްރެޝަރު މަތިވެއެވެ. މިހާލަތު މެދުވެރިވާން ފަށައިފިއްޔާ، ހަށިގަނޑުގައި ހުރި އިތުރު ލޮނުތައް (ސޯޑިއަމް) ކުޑަކަމުދާ ނިޒާމުގެ ޒަރީއާއިން ހަށިގަނޑުން ބޭރުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޕޮޓޭސިއަމްއެވެ.
ހަށިގަނޑުގައި އެކުލެވޭ ލޮނުގެ މިންވަރު ސިއްހީ މިންގަނޑުގެ ތެރޭގައި ހިފެހެއްޓުމަށްޓަކައި، ޕޮޓޭސިއަމް އެކުލެވޭ ކާނާގެ ބާވަތްތައް އެކަށީގެންވާ މިންވަރަކަށް ކެއުން މުހިންމު ވަނީ މި ސަބަބަށްޓަކައެވެ. ބައެއް ދިރާސާތައް ބުރަވާ ގޮތުގައި ލޭގެ ޕްރެޝަރު މަތިވުމުގެ މައްސަލަ ކުރިމަތިވުމުން، ހަށިގަނޑަށް ޕޮޓޭސިއަމް ލިބޭ މިންވަރު އިތުރު ކުރެވިއްޖެއްޔާ އިތުރު ބޭހެއް ބޭނުންނުކޮށް ވެސް ލޭގެ ޕްރެޝަރު ދަށްކުރެވިދާނެއެވެ.
ދިރާސާތައް ދައްކާ ގޮތުން، ކެއުމުގައި ގިނައިން ލޮނު ހިމަނާ މީހުން ވެސް، ގިނައިން ޕޮޓޭސިއަމް އެކުލެވޭ މާއްދާތައް ކައިއުޅޭ ނަމަ، އެމީހުންގެ ލޭގެ ޕްރެޝަރު މައްޗަށް ނުގޮސް ކޮންޓްރޯލް މިންގަނޑެއްގައި ހިފެހެއްޓެއެވެ. ކެއުމުގައި ޕޮޓޭސިއަމް އެކުލެވޭ ނިސްބަތް މަތިވި ވަރަކަށް ހާޓް އެޓޭކް ޖެހުމާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ ކުޑަކޮށްދެއެވެ.
އެހެންކަމުން، ސައެންސްވެރިން ބުރަވާ ގޮތުގައި ލޭގެ ޕްރެޝަރު ދަށްކުރުމަށް އޮތް އެންމެ އިތުބާރު ހުރި ގޮތަކީ ހަށިގަނޑަށް ޕޮޓޭސިއަމް ލިބޭ މިންވަރު އިތުރު ކުރުމެވެ. އެކަން ކުރުމަށް އެންމެ ރަނގަޅު އަދި އެންމެ ސިއްހީ ގޮތަކީ ވެސް ކާނާގެ ތެރެއިން ޕޮޓޭސިއަމް ހޯދުމެވެ. މޭވާ އާއި ތަރުކާރީ އަދި ފަލަމަޑީގެ ބާވަތްތަކަކީ، އެކަމަށް އެންމެ އެކަށޭނަ ވަސީލަތްތަކެވެ. ދޮންކެޔޮ، އޮރެންޖު، އަލުވި އަދި ފެހިކުލަ ގަދަ ފަތާއި ޓޮމާޓޯއަކީ އެކަމަށް ވަރަށް ކަމުދާ ތަރުކާރީ އާއި މޭވާއެވެ.
އޭގެ އިތުރުން، ކިރުގެ ބާވަތްތަކާއި ކަނޑު މަހާއި ފަރުމަސް ނުވަތަ ކޯރު މަހާއި ބަދަނުގެ (ކެޝޫ ނަޓް، އަލްމޮންޑް، ހޭޒަލް ނަޓް ފަދަ...) ބާވަތްތަކަކީ ވެސް ޕޮޓޭސިއަމް ލިބިދޭނެ ކާނާގެ ބާވަތްތަކެވެ. ޕޮޓޭސިއަމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދޭ މާއްދާއެއް ކަމަށް ވިޔަސް، ގުރުދާގެ ބައްޔަކަށް ފަރުވާ ކުރާ މީހުން، ޕޮޓޭސިއަމް އެކުލެވޭ ކާނާ ކެއުމުގައި ސަމާލުވާންޖެހޭނެއެވެ.
ލޭގެ ޕްރެޝަރު ދަށް ކުރުމަށްޓަކައި ޕޮޓޭސިއަމް ބޭނުންކުރާ މިންވަރު މަތިކުރުމާއެކު، ލޮނު ބޭނުންކުރުން މަދުކޮށް ފައިބަރު އެކުލެވޭ ކާނާ ގިނަކޮށް، ސިއްހީ ގޮތުން ނުރަނގަޅު ސަރުބީގެ ބާވަތްތައް ބޭނުންކުރުން މަދުކުރުމުން، ސިއްހީ ދުޅަހެޔޮކަން އިތުރުކުރެވޭނެއެވެ.
ލޭގެ ޕްރެޝަރު ދަށްކުރުމުގެ ތަޅުދަނޑިއަކީ ޕޮޓޭސިއަމަށް ވެދާނެ ލޭގެ ޕްރެޝަރު ދަށްކުރުމުގެ ތަޅުދަނޑިއަކީ ޕޮޓޭސިއަމަށް ވެދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ