ވާނުވާގައި ގިނަ ދުވަސްވީ މީހުންގެ ޝަރީއަތްތައް މާރިޗު މަސް ނިމެންވާއިރަށް ނިމޭނެ: ރައީސް
އެއް އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ވާނުވާ ބަންދުގައި ތިބި މީހުންގެ ކޯޓު މަރުހަލާތައް އަންނަ މާރިޗު މަސް ނިމުމުގެ ކުރިން ނިމޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ރައީސް ބޭއްވެވި ބައްދަލުވުމުގައި މީހަކު ވަނީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ނުވަތަ ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލައަށް ހައްލެއް ހޯދައިދެއްވާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފައެވެ. އެހެން ސަރުކާރުތަކާ ޚިލާފަށް އެ މައްސަލައާ ގުޅޭ ކަންކަން މި ސަރުކާރުން ކޮށްފައި ހުރިކަން އެ މީހާ ފާހަގަކުރިއެވެ. ވާނުވާ ބަންދުގައި ތިބި މީހުންގެ ހާލަތަށް ވެސް އޭނާ އަލިއަޅުވާލިއެވެ. "ޑޮކްޓަރަށް ދައްކަން 580 މީހުން ރިކުއެސްޓުކޮށްފައި އެބައިން މެއި މަހުގެ ސްޓެޓިސްޓިކްސްއަށް ބަލާއިރު. އޭގެ ތެރެއިން 59.8 ޕަސެންޓު މީހުންނަކީ، ފަސް މަހު [ބަންދުގައި] ތިބި މީހުން،" އެ މީހާ ކިޔައިދިނެވެ. ގައިދީއަކު ގެންދަނީ: ވާނުވާގައި އަހަރަކަށް ވުރެ ގިނަ ދުވަސްވީ މީހުންގެ ކޯޓު މަރުހަލާތައް މާރިޗު މަސް ނިމެންވާއިރަށް ނިމޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި -- ފޮޓޯ: ކަރެކްޝަންސް އެ މައްސަލައަށް އެދެވޭ ހައްލެއް ނާންނާތީ އެ މީހާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކަންބޮޑުވުމަށް އިޝާރަތްކުރައްވައި ރައީސް ވިދާޅުވީ، އަންނަ މާރިޗު މަސް ނިމެންވާއިރަށް ގިނަ ދުވަސް ވަންދެން ވާނުވާގައި ތިބި ހުރިހާ މީހުންގެ ކޯޓު މަރުހަލާތައް ނިމޭނެ ކަމަށެވެ. [ވާނުވާގައި] އެއް އަހަރަށް ވުރެ ގިނަވެފައި ތިބި ފަރާތްތައް ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ކޯޓު މަރުހަލާތައް ނިމި، ކޮންމެސް ގޮތެއް ނިމޭ އެބަ. މާ ގިނަ ދުވަހެއް މި ކަމުގައި ނުވާނެ،ރައީސް ޑރ. މުޙައްމަދު މުއިއްޒު އެޓާނީ ޖެނެރަލް އަހުމަދު އުޝާމާ ހަވާލާދެއްވައި އެ މަނިކުފާނު ވިދާޅުވީ، ވާނުވާގައި ތިބި އިތުރު މީހުންގެ މައްސަލަތައް ވެސް އެއަށް ފަހުގައި ކުރިއަށް ދާނެ ކަމަށެވެ. އޭގެ އިތުރަށް، މި މައްސަލަތައް ސަރުކާރުގެ ތެރެއިން ކުރެވެން އޮތް އެންމެ ރަނގަޅަކަށް އޭޖީ ކުރައްވާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މި މަހުގެ ކުރީކޮޅު ވެސް އެ މަނިކުފާނު ވަނީ ބޮޑެތި ކުށްކުށުގައި ޝާމިލުވިކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ދޫކުރުމަކީ އެ މަނިކުފާނަށް ލިބިގެންވާ ޙައްގެއް ނޫން ކަމަށާއި، އެއީ ކުރައްވާނެ ކަމެއް ނޫން ކަމަށް ކަމަށް ވިދާޅުވެފައެވެ. https://sun.mv/214973 އެ ވާހަކައާ ގުޅިގެން ގައިދީންގެ ހައްގުތަކަށް މަސައްކަތްކުރާ މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗުން ބުނީ، "ވާނުވާ" ބަންދުގައި ތިބި މީހުންގެ ފައިގައި ޓެގު އަޅުވައި، އެ މީހުން މޮނިޓާކުރެވޭ ގޮތަށް ޝަރުތުތަކާއެކު ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. ވާނުވާ ބަންދުގައި މީހުން ތިބުމުގެ މައްސަލައަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރާ މައްސަލައެކެވެ. ވާނުވާ މައްސަލަ ހައްލުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަނިކުފާނު ވަނީ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރިޔާސީ ކެމްޕޭންގެ ތެރޭގައި ވައުދުވެލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ