އެފްކޮން: ކޮމޮރޯސް ކައިރިން މޮރޮކޯ އަށް އުނދަގޫ ފެށުމެއް އެފްކޮން: ކޮމޮރޯސް ކައިރިން މޮރޮކޯ އަށް އުނދަގޫ ފެށުމެއް

ރަބަތު، މޮރޮކޯ (ޑިސެމްބަރު 22) - އެފްރިކާ ބައްރުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް މި ފަހަރު ބާއްވާ މޮރޮކޯ އިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ކޮމޮރޯސް އަތުން 2-0 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.
ރޭގެ މެޗު ފަށައިގެން 11 ވަނަ މިނިޓްގައި ލީޑުނަގަން މޮރޮކޯ އަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އެ ގޮތުން، މޮރޮކޯގެ ބްރަހިމް ޑިއާޒް އަށް ކޮޮމޮރޯސްގެ އިޔާދު މުހައްމަދު ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން، ސޫފިއަން ރަހީމީ ފޮނުވާލި ބޯޅަ ކޮމޮރޯސްގެ ކީޕަރު، ޔަނިކް ޕަންޑޯ ވަނީ މަތަކޮށްފަ އެވެ.
ކޮމޮރޯސް އިން ރަނގަޅަށް ޑިފެންސްކޮށްގެން މެޗުގެ ބޮޑުބައި ކުުޅުނު މި މެޗުގައި، މޮރޮކޯ އަށް ލަނޑެއް ޖެހޭގޮތެއްވީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، މެޗުގެ 55 ވަނަ މިނިޓްގައި މޮރޮކޯގެ ފުލްބެކް، ނުސައިރު މަޒްރައޮއީ ނެގި ހުރަހަކަށް އަރައި، އެ ޓީމަށް ލީޑުނަގައިދިނީ ޑިއާޒް އެވެ. ކޮލިފައިންގައި މޮޮރޮކޯ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ޑިއާޒަށް ލިބުނު ފުރުސަތުގައި ހަމަޖެހިލައިފައި އޭނާ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
ޕްރިންސް މައުލޭ އަބްދުﷲ ސްޓޭޑިއަމްގައި 60،000 އަށް ވުރެން ގިނަ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މި މެޗުގައި މޮރޮކޯ އިން ޖެހި ދެ ވަނަ ލަނޑަކީ ހިތްގައިމު ގޯލެކެވެ. އެ ގޮތުން، 74 ވަނަ މިނިޓްގައި، މޮރޮކޯގެ އަޔޫބް އެލް ކާބީ ވަނީ އޯވަހެޑް ކިކަކުން ގޯލެއް ޖަހައި އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ. ބަދަލަކަށް ނުކުތް އެލް ކާބީ މި ލަނޑު ޖެހީ، ސަލާހު އެޑީން ނެގި ހުރަހަކުންނެވެ.
އެފްރިކަން ކަޕްގައި މިއަދު ތިން މެޗެއް ކުޅޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ