20 އަހަރުގެ ތަރައްގީގެ ޕްލޭނަށް ޚިޔާލު ހޯދަން ރަށްރަށަށް ދަތުރުތައް ފަށަނީ
ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތްކުރާ ޓީމުން، އާންމުންގެ ޚިޔާލު ހޯދުމަށް މާދަމާ ދަތުރު ފަށާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ. ޕްލޭނިން މިނިސްޓްރީން ބުނީ، "ވިލުންތެރި ރާއްޖެ 2045"ގެ ނަމުގައި އެކުލަވާލާ ގައުމީ ތަރައްގީގެ ޕްލޭނަށް ޚިޔާލު ހޯދުމަށްޓަކައި، ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލާ ޓީމުން ކ. ގުރައިދުއަށް ގޮސް، އެ ރަށު ކައުންސިލާއި ރައްޔިތުންނާ ބައްދަލުކޮށް ރާއްޖޭގެ ކުރިމަގާއި ތަރައްގީއާއި ތަސައްވުރާ ގުޅޭ ގޮތުން ޚިޔާލު ހޯދާނެ ކަމަށެވެ. މި ދަތުރުގައި އެ ޓީމުން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރާނެ ކަމަށާއި، އެގޮތުން ރަށްރަށަށް ގޮސް ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ މަޝްވަރާކޮށް ޚިޔާލު ހުށަހެޅުމަށް ލޯކަލް ކައުންސިލްތަކާއި ރަށްރަށުގައި ގާއިމްކޮށްފައި ހުރި މުއައްސަސާތަކާއި އާންމު ޖަމިއްޔާ ޖަމާއަތްތަކާއި ވިޔަފާރިތަކާއި އާންމުންނަށް ފުރުސަތު އޮންނާނެ ކަމަށް، އެ މިނިސްޓްރީން ބުންޏެވެ. https://sun.mv/209469 ފާހަގަކުރެވޭ ގޮތުގައި، ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ ދިވެހި ކޮންސަލްޓަންސީ ފާމެއް ކަމަށްވާ ނެކްސިއާ މޯލްޑިވްސްއަށް، މިދިޔަ މަހުގެ ކުރީކޮޅުގައެވެ. އަދި ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހުގައެވެ. އެ ޕްލޭން އިގްތިތާހުކޮށްދެއްވައި ރައީސް ވިދާޅުވީ، އެ ޕްލޭން އެކުލަވައިލުމަކީ ވަރަށް މުހިންމު އިސްކަމެއް ދީގެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންވެ، މި ކަމުގައި ހުރިހާ ސިޔާސީ ފިކުރެއްގެ، ހުރިހާ ރަށެއްގެ، ކުދި ބޮޑު އެންމެން ބައިވެރިވާން އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ އަމާޒަކީ 2040 ވަނަ އަހަރު އަންނައިރު ހުރިހާ ގޮތަކުން ވެސް ރާއްޖެއަކީ އެއްކޮށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ގިންތިކުރެވިގެން ދިއުން ކަމަށެވެ. އެއީ، އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ، ނުކުރެވޭނެ ކަމެއް ނޫން ކަމަށް އެ މަނިކުފާނު އޭރު ވިދާޅުވިއެވެ. ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ފެށީ އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް މަސައްކަތް ނިންމާލުމަށް އަޒުމު ކަނޑައަޅައިގެންނެވެ. އެ ޕްލޭނަށް ބާރުދޭން ގާނޫނުއަސާސީއަށް ވެސް މާއްދާއެއް އިތުރުކުރާނެ ކަމަށް ސަރުކާރުން އޭރު ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ