ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ މަގުބޫލު އެއް ރަށް ކަމަށްވާ، ބ. އޭދަފުށީގައި ކުރިއަށްދާ އޭދަފުށި ކަޕްގައި ކުޅުނު ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން، ވެލާ ސްޕޯޓްސް ކްލަބް އަތުން 2-0 އިން މޮޅުވެ، އިރުމަތިން ފެށުން ކާމިޔާބުކޮށްފި އެވެ.
އޭދަފުށީ ޓާފް ސްޓޭޑިއަމްގައި ކުޅުނު މިއަދުގެ މެޗު ފަށައިގެން، މެޗުގެ ކުރީކޮޅުގައި ވެލާގެ ބިދޭސީ ކުޅުންތެރިޔާ، އުޒްބެކިސްތާންގެ އަހްރޯރް އުމަރުޖަނޯވަށް ލިބުނު ހުސް ފުރުސަތުގައި ފޮނުވާލި ބޯޅަ، އިރުމަތި އެފްސީގެ ކީޕަރު، ރ. އަލިފުށީގެ އަބްދުއްސަދާދު އާދަމް މަތަކުރި އެވެ.
އަދި، އޭގެ ފަހުން، އިރުމަތީގެ އަބްދުﷲ ޖައުޝާން އަހުމަދު (ޖައުޅޭ) ފޮނުވާލި ބޯޅަ ވެލާގެ ކީޕަރު، މުލަކު ކީޕަރު މިފްދާދު އަހުމަދު މަތަކުރިއެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމެން ކުޑަވަގުތުކޮޅަކަށްވެފައި ވަނިކޮށް، އިރުމަތިން ލީޑުނެގީ އަލީ ނަސީމް (ދިއްލި) ޖެހި ޕެނަލްޓީންނެވެ. އިރުމަތިން ދެ ވަނަ ހާފުގައި ދެ ވަނަ ގޯލު ޖެހިއިރު، މި ލަނޑު ކާމިޔާބުކުރީ ކޯނަރެއްގައި ތަނަވަސްވި ފުުރުސަތެއްގައި، އަފްރާހު އަބްދުލް އަޒީޒް އެވެ.
އޭދަފުށި ކައުންސިލުން ކުރިއަށްގެންދާ އޭދަފުށި ކަޕަކީ، މި ނަމުގައި ކުރިއަށްގެންދާ ފަސް ވަނަ މުބާރާތެވެ. މިއީ، އޭދަފުށީގައި މި ވަގުތު ބޮޑު ދަނޑަށް ކުޅޭ އެންމެ ފޯރިގަދަ މުބާރާތެވެ. މި ފަހަރުގެ އޭދަފުށީ ކަޕްގައި ހަ ޓީމެއް ފެނިގެންދާނެ އެވެ. ހަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ގްރޫޕް ސްޓޭޖު ކުރިއަށްދާ އިރު، ވެލާ އާއި އިރުމަތީގެ އިތުރުން ދެން ގްރޫޕް އޭގައި އޮތީ ޓީމް މިޑްލް އީސްޓް އެވެ. ގްރޫޕް ބީގައި ވާދަކުރަނީ، ހުސް ސޮނގުން ފުޓުބޯޅަ ޓީމާއި ކްލަބް ކޮމްބިނޭޝަން ސްޕޯޓްސް ކްލަބް (ސީސީ)ގެ އިތުރުން އާޖީލަކަށް އޭދަފުށި ފުޓުބޯޅަ އެކަޑަމީ އެވެ.
މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ވާދަކުރާނީ ހުސް ސޮނގުންނާއި ސީސީ އެވެ.
އޭދަފުށި ކަޕް: ޗެމްޕިއަން ވެލާ އަތުން އިރުމައްޗަށް ކާމިޔާބު ފެށުމެއް އޭދަފުށި ކަޕް: ޗެމްޕިއަން ވެލާ އަތުން އިރުމައްޗަށް ކާމިޔާބު ފެށުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ