ކައުންސިލުތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާ ރަށުގެ ބޮޑުމިނަށް ބަލައިގެން ދޭ ގޮތަށް ބަދަލުކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ތަފްސީލް - މިކަން އިއުލާން ކުރެއްވީ ރައީސް 'އެކްސް'ގައި މިރޭ ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ އާންމު ހިލޭ އެހީގެ ފައިސާ ދޭން ކަނޑައަޅާފައިވާ ފިސްކަލް ފޯމިއުލާގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދު ކަމަށެވެ. އެ ރަށްރަށުގެ އާބާދީ ކުޑަވިޔަސް، ބިން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތްތައް މަދު ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، މި ފައިސާ ދިނުމުގެ ފިސްކަލް ފޯމިއުލާ މިހާރު އޮންނަގޮތުން އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލްތަކަށް ގެއްލުންވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ:
ފިސްކަލް ފޯމިއުލާ އޮތް ގޮތުން އެ ކައުންސިލުތަކަށް ގެއްލުންވާތީ އެ ފޯމިއުލާ މުރާޖާކުރަން ނިންމާފައިވާ ކަމަށް
އެ ފޯމިއުލާ މުރާޖާކުރާއިރު އެހީގެ ފައިސާ ދިނުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރާ ގޮތަށް ބަދަލު ކުރައްވާނެ ކަމަށް
2026 ވަނަ އަހަރުގެ ބަޖެޓު މި ބަދަލާ އެކު ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށް
އެނގުން މުހިންމު - ލާމަރުކަޒީ ގާނޫނުގައި ބުނާގޮތުން ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ރައްޔިތުންގެ މުދާ ވިއްކައިގެން ލިބޭ ފައިސާ ބެލެވޭނީ ކައުންސިލްގެ އާމްދަނީގެ ގޮތުގަ އެވެ.
ކައުންސިލް ބައިވެރިނުވެ ދައުލަތަށް އާމްދަނީ ލިބޭ ވަސީލަތަކުން ނުވަތަ އެ ރަށެއްގައި ގާއިމްކުރާ ވަސީލަތްތަކުން ދައުލަތަށް ލިބޭ އާމްދަނީ ހުރިހާ ދާއިރާއަކަށް ހަމަހަމަ އުސޫލަކުން އެ އިދާރާއެއް ނިސްބަތްވާ އަތޮޅު ކައުންސިލަށް ނުވަތަ ސިޓީ ކައުންސިލަށް ދޭންޖެހެ އެވެ.
އެގޮތުން ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އޮފީސްތައް ހިންގުމަށާއި ކައުންސިލްތަކުން ދޭ ހިދުމަތްތައް ދިނުމަށާއި ކައުންސިލްތަކުން ތަރައްގީއަށް ހިންގާ މަޝްރޫއުތަކަށް ހަރަދުކުރުމަށް ސަރުކާރުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުގައި ފައިސާ ހިމަނައި، ބަޖެޓު ފާސްވުމުން ފާސްވި ބަޖެޓާ އެއްގޮތަށް އެ ފައިސާ ހިލޭ އެހީގެ ގޮތުގައި ކައުންސިލްތަކަށް ދޫކުރަންވާނެ ކަމަށް ގާނޫނުގައިވެ އެވެ.
އެ ފައިސާ ދިނުމުގައި، މިހާރު ގާނޫނުގައި އޮންނަ ގޮތުން، ރަށުގެ އާބާދީ އާއި އިދާރީ ދާއިރާގައި ހިމެނޭ މީހުން އުޅޭ ރަށްރަށުގެ އަދަދަށް ވެސް ބަލަންޖެހެ އެވެ.
ރަށުގެ ބޮޑުމިނަށް ބަލައިގެން ކައުންސިލުތަކަށް އެހީގެ ފައިސާ ދޭ ގޮތަށް ބަދަލުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ